28 އޮކްޓޯބަރު 2023 - 18:16 0
މުހައްމަދު އުޝާމް
28 އޮކްޓޯބަރު 2023 - 18:16 0
އިޒްރޭލުން ގާޒާގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް މެދުކަނޑާލުމަށާއި ގާޒާގައި އުޅޭ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައި އެކުވެރި ދައުލަތްތައް (އދ) އިން ފާސްކުރި ގަރާރު ރާއްޖޭން ކޯސްޕޮންސާކުރި ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
އެ ގަރާރުގެ ކޯސްޕޮންސަރުންގެ ތެރޭގައި 46 ގައުމެއް ހިމެނެ އެވެ. އޭގެ ތެރޭގައި ރާއްޖެ ހިމެނޭ ކަން ހާމަކޮށް ފޮރިން މިނިސްޓްރީން ދެންމެ ލިޔުމެއް އެ މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފަ އެވެ.
އދ. ގެ އާންމު މަޖިލީހުގެ ކުއްލި ބައްދަލުވުމެއް އިއްޔެ ބޭއްވުމަށް ފަހު އޭގައި ބައިވެރިވި 193 ގައުމުގެ ތެރެއިން، ގަރާރު ފާސްވީ 120 ގައުމުގެ ވޯޓުންނެވެ. ގަރާރާ ދެކޮޅަށް 14 ގައުމެއް ވޯޓު ދިން އިރު، ވަކި ކޮޅަކަށް ނުޖެހި 45 ގައުމެއް ވޯޓުގައި ބައިވެރިވި އެވެ.
އެ ގަރާރުގައި ވަނީ ގާޒާގައި ދިރިއުޅޭ ފަލަސްތީނުގެ އާންމުންގެ އެއްވެސް މީހަކު އެ ސަރަހައްދުން ދިޔުމަށް މަޖުބޫރު ކޮށްގެން ނުވާނެ ކަމަށް ގޮވާލައިފަ އެވެ. އަދި ވީހާވެސް ގިނަ އިންސާނީ އެހީ އެ ސަރަހައްދުގައި އުޅޭ މީހުނަށް ފޯރުކޮށްދިނުމަށް ގައުމުތައް ގުޅިގެންނާއި އދ. އިން ބައިވެރިވުމަށް އޭގައިވެ އެވެ،
އިޒްރޭލުން ދެމުންދާ ހަމަލާތަކާ އެއްކޮޅަށް ވޯޓު ދިން ގައުމުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާ އާއި އެ ގައުމާ ގާތް ގުޅުން އޮންނަ ގައުމުތަކެވެ.
މި މަހުގެ ހަތެއްގައި ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގެ ބަދަލުގައި ހަނގުރާމަ އިއުލާންކޮށް، ވޭތުވެދިޔަ 75 އަހަރު އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމު ވަރުގަދަކޮށް ދެމުންދާ ހަމަލާތަކުގައި 6،500 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން މަރުވެފައިވެ އެވެ.
އިޒްރޭލުން ދަނީ ގާޒާގެ އާންމުން އުޅޭ ގެތަކަށާއި، ޓަވަރުތަކަށާއި، ހޮސްޕިޓަލްތަކަށާއި، ސްކޫލްތަކަށް ވެސް ބޮން އަޅަމުންނެވެ. މި ފަހުން ގާޒާގެ ހޮސްޕިޓަލަކަށް ބޮން އަޅައި 500 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްފަ އެވެ.
ހަމާސްގެ އިތުރުން އަރަބި ގައުމުތަކުގައި ހަރަކާތްތެރިވާ ބައެއް ގްރޫޕުތަކުން ވެސް ވަނީ އިޒްރޭލަށް ހަމަލާދީފަ އެވެ. އެ ގޮތުން އިޒްރޭލަށް އެންމެ ފާޅުގައި ހަމަލާދީފައިވަނީ ލުބުނާނުގެ ހިޒްބުﷲ އިންނެވެ. އިޒްރޭލުން ބަދަލުގައި ދިން ހަމަލާތަކުގައި އެ ޖަމާއަތުގެ 44 ހަނގުރާމަވެރިން ވަނީ މަރާލާފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment