Advertisement

ރާއްޖެ ބަލިކުރުމުން ބަންގްލަދޭޝް ޓީމަށް 55،000 ޑޮލަރުގެ ބޯނަހެއް

25 އޮކްޓޯބަރު 2023 - 12:38 1


ރާއްޖެ ބަލިކުރުމުން ބަންގްލަދޭޝް ޓީމަށް 55،000 ޑޮލަރުގެ ބޯނަހެއް

25 އޮކްޓޯބަރު 2023 - 12:38 1

ފީފާ ވޯލްޑް ކަޕް ކޮލިފައިން ފުރަތަމަ ބުރުގައި ރާއްޖެ ބަލިކޮށް، ކޮލިފައިން ގްރޫޕް ސްޓޭޖުން ބަންގްލަދޭޝް އިން ފުރުސަތު ހޯދުމާ އެކު، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން 60 ލައްކަ ބަންގްލަދޭޝް ޓާކާ (55،000 ޑޮލަރު)ގެ ބޯނަހެއް މުޅި ޓީމަށް ދީފި އެވެ.

ބަންގްލަދޭޝް އިން ވަނީ މި މަހު 12 ވަނަ ދުވަހު މާލޭގައި ކުޅުނު މެޗުން ރާއްޖެއާ 1-1 އިން އެއްވަރުކޮށްފަ އެވެ. އޭގެ ފަސް ދުވަސް ފަހުން، ބަންގްލަދޭޝްގައި ކުޅުނު ދެ ވަނަ ލެގުގެ މެޗުން ބަންގްލަދޭޝް މޮޅުވީ 2-1 އިންނެވެ. އެގްރިގޭޓަށް ބަލާއިރު، 3-2 އިން ކުރިހޯދައި، ބަންގްލަދޭޝް ކޮލިފައިން ގްރޫޕް ސްޓޭޖުގައި އޮސްޓްރޭލިއާ، ލެބަނަން އާއި ފަލަސްތީނާ ދެކޮޅަށް ނުކުންނާނެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ހިންގާ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވަނީ ޓީމަށް ދޭ ބޯނަސް ކަންތައްތައް ނިންމައިފަ އެެވެ.

އެ ގޮތުން، 55،000 ޑޮލަރުގެ ބޯނަސް ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭ ގޮތަށް 30 މީހުންނަށް ބަހާނެ އެވެ. ރިޕޯޓްތައް ބުނާގޮތުން، ޓީމުގެ ކޮންމެ މެމްބަރަކަށް 1833 ޑޮލަރު ލިބޭނެ އެވެ.

ބަންގްލަދޭޝް އިން ވަނީ މިދިޔަ ޖުލައި މަހު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަތުން 3-1 އިން މޮޅުވެފަ އެވެ. އެ ކާމިޔާބީ އަށް ފަހު ވެސް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ޓީމަށް ބޯނަހެއް ދީފަ އެވެ. އެއީ، ބަންގްލަދޭޝް އިން ގިނަ އަހަރުތަކަކަށް ފަހު، ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާތީ އެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން 2021 ވަނަ އަހަރުގެ އޮކްޓޫބަރުގައި ޅ. ކުރެންދޫގައި ކުޅުނު އެކުވެރިކަމުގެ އަގުބޮޑު އެކްސިބިޝަން މެޗުން (1.2 މިލިއަން ރުފިޔާގެ މެޗުން) ލިބުނު ފައިސާ، އެފްއޭއެމް އިން ހުރިހާ ކުޅުންތެރިންނަށް ދީފައެއް ނުވެ އެވެ. މި މެޗުން ލިބުނު ފައިސާއާ ބެހޭގޮތުން، އެފްއޭއެމް އިން އެކި ފަހަރު މަތިން އެކި ގޮތަށް ވާހަކަދައްކާފައިވެ އެވެ.

އެންމެ ފަހުން، މިދިޔަ ޖުލައި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އަގުބޮޑު އެކްސިބިޝަން މެޗުން ލިބުނު ފައިސާގެ ތެރެއިން އެއްބައި، އޭރު އެފްއޭއެމްގެ މާލީ ހާލަތު ހުރި ގޮތުން ބައެއް ކަންކަމަށް ބޭނުންކުރި ކަމަށް ވިދާޅުވެފަ އެވެ. އެފްއޭއެމް އިން ވަނީ އެ މެޗުގެ ފައިސާ ބައެއް އެއްބައި، ކުޅުންތެރިންނަށް ދީފަ އެވެ. އެކަމަކު، ބައެއް ކުޅުންތެރިން އަދިވެސް އެ ފައިސާ ހަމަނުޖެހޭތީ އަންނަނީ އެފްއޭއެމްގެ ފަރާތުން ޖަވާބެއް ހޯދަން މަސައްކަތް ކުރަމުންނެވެ.

އެފްއޭއެމް އަށް ރާއްޖޭން ބޭރުން ލިބޭ ފައިސާ ނަހަމަ ގޮތުގައި އަމިއްލަ މަންފާ ހޯދަން ބޭނުންކުރާ މައްސަލައިގެ ތަހުގީގަށް އެފްއޭއެމް ހައުސް އަށް ފުލުހުންގެ ޓީމެއް ވަދެ ވަނީ ފާސްކޮށްފަ އެވެ. އެ ގޮތުން، އެފްއޭއެމް ހައުސް ފާސްކުރަން ފެށީ، އެފްއޭއެމާ ގާތްގުޅުމެއް އޮންނަ، ބައިނަލްއަގުވާމީ ފުޓްބޯޅަ ފެޑެރޭޝަންތަކާއި އެސޯސިއޭޝަންތަކުން އެފްއޭއެމް އަށް ދޭ ސްޕޮންސަޝިޕް ފައިސާ ވަކިވަކި މީހުންގެ އެކައުންޓްތަކަށް، ފޮނުވައި މަނީ ލޯންޑަރިން އާއި ހިޔާނާތަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ހިންގާ ކަމަށް ތުހުމަތުކުރެވިގެން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އަމުރަކަށެވެ.