Advertisement

ކޮލިފައިން ފަހު މެޗުގައި ބްރެޒިލާއި އާޖެންޓީނާ ބަލިވެއްޖެ

10 ސެޕްޓެންބަރު 2025 - 10:27 0


ކޮލިފައިން ފަހު މެޗުގައި ބްރެޒިލާއި އާޖެންޓީނާ ބަލިވެއްޖެ

10 ސެޕްޓެންބަރު 2025 - 10:27 0

އެލް އަލްޓޯ، ބޮލިވިއާ (ސެޕްޓެމްބަރު 10) - ފީފާ ވޯލްޑް ކަޕްގެ ދެކުނު އެމެރިކާ ކޮލިފައިންގައި، ބްރެޒިލާއި އާޖެންޓީނާ އިން ކުޅުނު ފަހު މެޗުތަކުން ބަލިވެއްޖެ އެވެ.

އެ ގޮތުން، ރޭ ރަށުންބޭރުގައި އާޖެންޓީނާ އިން 1-0 އިން އެކުއެޑޯ އަތުން ބަލިވިއިރު، ބޮލިވިއާ ދަނޑުގައި ބްރެޒިލް ބަލިވީ 1-0 އިންނެވެ.

އެކުއެޑޯ އަތުން އާޖެންޓީނާ ބަލިވި މެޗުގައި އެ ޓީމުގެ ކެޕްޓަން، ލިއޮނަލް މެސީ، އަނިޔާގެ ސަބަބުން ނުކުޅެ އެވެ. އެކުއެޑޯ އާއި އާޖެންޓީނާ އިން ވެސް މި މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެކުއެޑޯ އަށް މި މެޗުގައި ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެނާ ވެލެންސިއާ ޕެނަލްޓީ އަކުންނެވެ. މި މެޗުގައި، 31 ވަނަ މިނިޓްގައި އާޖެންޓީނާގެ ނިކޮލަސް އޮޓަމެންޑީ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. އަދި، 50 ވަނަ މިނިޓްގައި އެކުއެޑޯގެ މޮއިސަސް ކައެސޭޑޯ އަށް ވަނީ ރަތެއް ދައްކައިފަ އެވެ.

ބްރެޒިލުން ރޭގެ މެޗުގައި ބަލިވިއިރު، މިއީ، އެ ޓީމުގެ ކޯޗުކަމާ ކާލޯ އަންޗެލޮޓީ ހަވާލުވި ފަހުން ބަލިވި ފުރަތަމަ މެޗެވެ. ރޭގެ މެޗުގައި، ބޮލިވިއާ އިން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޕެނަލްޓީ އަކުން މިގެލީޓޯ އެވެ. މި މެޗުގެ ދެ ވަނަ ހާފުގައި ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ ވަނީ ބޮލިިވިއާ އިން އިތުރު ގޯލެއް ޖެހިޔަނުދޭން މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މިއީ، ބްރެޒިލްގެ ފުޓްބޯޅަ ތާރީހުގައި ވެސް އެންމެ މަދުން ޕޮއިންޓް ހޯދައިގެން ވޯލްޑް ކަޕަށް ކޮލިފައިވި ފަހަރެވެ. އެ ޓީމަށް 28 ޕޮއިންޓް ލިބުނުއިރު، ދިޔައީ ފަސް ވަނަ އެވެ. ބްރެޒިލުން އަށް މެޗުން މޮޅުވިއިރު، ހަ މެޗުން ބަލި އަދި ހަަތަރު މެޗުން އެއްވަރުވި އެވެ. ބްރެޒިލުން އެންމެ ފަހުން މަދު ޕޮއިންޓާ އެކު ވޯލްޑް ކަޕަށް ކޮލިފައިވީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕަށެވެ. އެ ފަހަރު އެ ޓީމަށް 30 ޕޮއިންޓް ލިބުނެވެ.

ދެކުނު އެމެރިކާގެ ކޮލިފައިން ތާވަލުގެ އެއް ވަނަ ހޯދި އާޖެންޓީނާ އަށް 38 ޕޮއިންޓް ލިބުނެވެ. ދެ ވަނަ ހޯދި އެކުއެޑޯ އަށް 29 ޕޮއިންޓް ލިބުނުއިރު، ދެން ކޮލިފައިވި، ހަތަރު ގައުމަށް ވެސް ލިބުނީ 28 ޕޮއިންޓެވެ. އެއީ، ބްރެޒިލް، ޕެރަގުއޭ، އުރުގުއޭ އަދި ކޮލަމްބިއާ އެވެ.