Advertisement

46 ޓީމު: އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތް ހުކުރު ދުވަހު ފަށަނީ

25 އޮކްޓޯބަރު 2023 - 12:09 0

މިދިޔަ އަހަރުގެ އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ތާޖުއްދީން ސްކޫލްގެ ޓީމް - ފޮޓޯ: އިމޭޖަސް


46 ޓީމު: އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތް ހުކުރު ދުވަހު ފަށަނީ

25 އޮކްޓޯބަރު 2023 - 12:09 0

ޖުމްލަ އެކު، 46 ޓީމު ބައިވެރިވާ 24 އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތް އަންނަ ހުކުރު ދުވަހު ފަށަން ތައްޔާރުވެއްޖެ އެވެ.

އަންނަ ހުކުރު ދުވަހުން ފެށިގެން ނޮވެމްބަރު ހަތް ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މުބާރާތުގައި މި ފަހަރު 19 ސްކޫލަކުން 46 ޓީމު ވާދަކުރާނެ އެވެ. މިއީ މިދިޔަ އަހަރުގެ މުބާރާތަށް ވުރެ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ވާދަކުރީ 16 ސްކޫލަކުންނެވެ.

މި އަހަރު ވެސް ސްކޫލް މުބާރާތުގައި ހަތަރު އުމުރުފުރާއެއް ކުރިއަށްދާނެ އެވެ. އެއީ، 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް، އަދި 19 އަހަރުން ދަށުގެ އުމުރުފުރާ އެވެ.

އެންމެ ގިނަ ސްކޫލުން ވާދަކުރަނީ 13 އަހަރުން ދަށާއި، 15 އަހަރުން ދަށުގެ އުމުރުފުރާގަ އެވެ. ކޮންމެ އުމުރުފުރާއެއްގައި 16 ސްކޫލަކުން ވާދަކުރެ އެވެ. ސަތާރަ އަހަރުން ދަށުގެ ބައިގައި 11 ސްކޫލަކުން ވާދަކުރާއިރު، އެންމެ ސީނިއާ ބައި ކަމަށްވާ 19 އަހަރުން ދަށުގައި ވާދަކުރަނީ ތިން ސްކޫލެކެވެ. އެއީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އަދި ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އެވެ.

ނެޓްބޯޅަ އެސޯސިއޭޝަނުން މައުލޫމާތުދޭ ގޮތުގައި މި ފަހަރުގެ އިންޓަ ސްކޫލަކީވެސް ފެންވަރުގެ ގޮތުން ބަލާއިރު ރަނގަޅު ލެވެލްގެ މުބާރާތަކަށް ވާނެ އެވެ. އެ ގޮތުން މިފަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމްތަކުގައި ޖޫނިއާ ގައުމީ ޓީމް އަދި ސީނިއާ ގައުމީ ސްކޮޑުގައި ހިމެނޭ ބައެއް ކުޅުންތެރިން ހިމެނެ އެވެ.

"މިފަހަރު އެބަ ކުޅޭ 552 ކުޅުންތެރިން. މިއީ ހަމަ ވަރަށް ބައިވަރު ކުޅުންތެރިން. ޖޫނިއާ ސްކޮޑުތައް އެކުލަވާލުމުގައި ވަރަށް މުހިންމުވާނެ މި މުބާރާތް. ކޯޗުން ހަމަ ކުޅުންތެރިންގެ ފެންވަރު ބަލަމުންދާނެ. ރަނގަޅު އާ ކުޅުންތެރިން ފެންނާނެކަމަށް މި އުއްމީދުކުރަނީ" ނެޓްބޯލް އެސޯސިއޭޝަނުން ބުނެފައިވެ އެވެ.

މިދިޔަ އަހަރުގެ އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގެ 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ އިސްކަންދަރު ސްކޫލެވެ. ފަނަރަ އަހަރުން ދަށުގެ ޗެމްޕިއަންކަން ޢިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ހޯދިއިރު، 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ތާޖުއްދީން ސްކޫލެވެ. އަދި 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ވިލާ އެވެ.