Advertisement

ތިން އަހަރު ވެފައިވާ މައްސަލަތައް ސާބިތުވުމުގެ ފުރުސަތު ކުޑަ: ޕީޖީ

24 އޮކްޓޯބަރު 2023 - 15:02 1

އަމަން ހަލީމް

އަމަން ހަލީމް

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް: ޝަމީމްގެ ކަންބޮޑުވުން ކްރިމިނަލް ކޯޓާއި މަތީ ކޯޓުތަކުގެ ފަނޑިޔާރުން ވެސް ހިއްސާކުރޭ -- ފޮޓޯ/ރައީސް އޮފީސް


ތިން އަހަރު ވެފައިވާ މައްސަލަތައް ސާބިތުވުމުގެ ފުރުސަތު ކުޑަ: ޕީޖީ

24 އޮކްޓޯބަރު 2023 - 15:02 1

ޝަރީއަތުގެ މަރުހަލާގައި ތިން އަހަރަށް ވުރެ ދިގުލައިގެންދާ މައްސަލަތައް ސާބިތު ވުމުގެ ފުރުސަތު ކުޑަ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މޭ 6, 2021 ގައި ދިން ހަމަލާގެ މައްސަލައިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް މިހެން ވިދާޅުވީ ޝަރީއަތްތައް ދިގުލައިގެންދާތީ ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވަމުންނެވެ.

އެގޮތުން, ޕީޖީ އޮފީހުގެ ތަފާސްހިސާބުތަކަށް ބިނާކޮށް އޭނާ ވިދާޅުވީ ތިން އަހަރު ތެރޭގައި ނިންމާ މައްސަލަތައް ސާބިތުވުމުގެ ފުރަސަތު ބޮޑު ނަމަވެސް ތިން އަހަރަށް ވުރެ ލަސްވާ މައްސަލަތައް ސާބިތުވުމުގެ ފުރުސަތު ކުޑަ ކަމަށެވެ.

"ލަސްވާ ވަރަކަށް މައްސަލަ ސާބިތުވުމުގެ ފުރުސަތު ކުޑަވާނެ، މީހުން ހަނދާން ނެތޭލެއް ވެސް ގިނަވާނެ. އަދި ބައެއް ކަހަލަ އެހެން ކަހަލަ ގޮންޖެހުންތައް ވެސް ކުރިމަތިވާނެ," ޝަމީމް ވިދާޅުވި އެވެ.

މައްސަލަތައް ލަސްވާ ސަބަބާ ގުޅިގެން ޝަމީމް ވިދާޅުވީ އެއީ ޕީޖީ އޮފީހުން ނޫނީ ސަރުކާރުން ނުފޫޒު ފޯރުވައިގެންވާ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. މިހެން ދިމާވާ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމެވެ.

"[ޝަރީއަތްތައް ލަސްވަނީ] އަޅުގަނޑަކަށް ހިއެއް ނުވޭ ނުފޫޒެއް ފޯރާތީހެނެއް. އަޅުގަނޑަށް ހީވަނީ ހަމަ ހަގީގަތުގައި ވެސް ކްރިމިނަލް ކޯޓުގައި ޖާގައިގެ ދަތިކަން އޮތް ގޮތުން، ތިބޭފުޅުންނަށް މާ ބޮޑަށް އެނގިވަޑައިގަންނަވާނެ ކޯޓަށް ވަޑައިގަންނަވާ އިރުގައި އެކަން އެ އޮތް ހާލަތު," ޝަމީމް ވިދާޅުވި އެވެ.

މި މައްސަލައިގައި ސަރުކާރަށް ނުސީދާ ގޮތެއްގައި ފާޑުވިދާޅުވަމުން ޝަމީމް ވަނީ އެހެން އިދާރާތަކަށް ވެސް ކުއްޔަށް ނަގައިގެން އިމާރާތްތައް ހަމަޖައްސައިދޭ ފަދައިން ކްރިމިނަލް ކޯޓަށް ވެސް އެފަދަ އިމާރާތެއް ހަމަޖައްސައި ނުދެވެނީ ކީއްވެގެންތޯ ސުވާލު އުފައްދަވާފަ އެވެ.

ކްރިމިނަލް ކޯޓުން މިހާރު ބޭނުންކުރަމުންދަނީ ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް 2017 ގައި ކަނޑައަޅާފައިވާ އިމާރާތެކެވެ. އެންމެ ފަހުން މި މައްސަލަ ހައްލުކުރަން ސަރުކާރުން ހުށަހެޅި ހައްލަކީ ހުޅުމާލޭގައި ހުންނަ ކޮވިޑު ފެސިލިޓީއަށް ކްރިމިނަލް ކޯޓު ބަދަލުކުރުމެވެ.