Advertisement

ފުލަމް ބަލިކޮށް ޓޮޓެންހަމް އަލުން އެއް ވަނަ އަށް

24 އޮކްޓޯބަރު 2023 - 08:28 0

ލަނޑު ޖެހުމަށް ފަހު ޓޮޓެންހަމް ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ފުލަމް ބަލިކޮށް ޓޮޓެންހަމް އަލުން އެއް ވަނަ އަށް

24 އޮކްޓޯބަރު 2023 - 08:28 0

ލަންޑަން (އޮކްޓޫބަރު 24) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް އަތުން 2-0 އިން މޮޅުވެ، ޓޮޓެންހަމް ހޮޓްސްޕާސް އިން އަލުން ލީގުގެ އެއް ވަަނަ އަށް ޖެހިލައިފި އެވެ.

ރޭގެ މެޗަށް ޓޮޓެންހަމް ނުކުތްއިރު، އެ ޓީމު އޮތީ ލީގުގެ ހަތަރެއްގަ އެވެ. އެއް ވަނައިގައި އޮތީ މެންޗެސްޓާ ސިޓީ އެވެ. އެކަމަކު، ރޭގެ ނަތީޖާ އަށް ފަހު ޓޮޓެންހަމް އެއް ވަނަ އަށް އެރީ ނުވަ މެޗުން 23 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ސިޓީ އާއި ތިން ވަނައިގައި އޮތް އާސެނަލަށް ވަނީ ނުވަ މެޗުން 21 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ލިވަޕޫލަށް ނުވަ މެޗުން ވަނީ 20 ޕޮއިންޓް ލިބިފަ އެެވެ.

ޓޮޓެންހަމް ހޮޓްސްޕާސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން ޓޮޓެންހަމް އިން ކުރިއަށް ޖެހިގެން ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 36 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ އޭރިއާ ރޮނގުކައިރިން ލިބުނު ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން، ޓޮޓެންހަމްގެ ކެޕްޓަން، ސޮން ހެއުން މިން އެވެ.

ފުރަތަމަ ހާފުގައި ޓޮޓެންހަމް އަށް ލީޑުފުޅާކުރަން ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. އެހެން ނަމަވެސް ދެ ވަނަ ހާފުގެ ކުޅުން ފެށިގެން މާ ލަސްތަކެއް ނުވެ، ޓޮޓެންހަމް އިން ވަނީ ދެ ވަނަ ގޯލު ޖަހައިފަ އެވެ. މެޗުގެ 54 ވަނަ މިނިޓްގައި ސޮން ދިން ބޯޅައަކުން މި ލަނޑު ޖެހީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިނގިރޭސި މިޑްފީލްޑަރު، ޖޭމްސް މެޑިސަން އެވެ.

ޕްރިމިއާ ލީގު/ އިނގިރޭސި ފުރަތަމަ ޑިވިޝަންގެ އާ ސީޒަނެއްގެ ފުރަތަމަ ނުވަ މެޗު ފަހުން ޓޮޓެންހަމް އެއް ވަނައިގައި އޮތީ އެންމެ ފަހުން، 1960-1961 ވަނަ ސީޒަނުގަ އެވެ. ޓޮޓެންހަމްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ ބުނީ އުންމީދަކީ ޓޮޓެންހަމްގެ ސަޕޯޓަރުންނަށް އުންމީދެއް ލިބޭ ފަދަ ގޮތަކަށް ސީޒަން ކުރިއަށް ގެންގޮސް ކާމިޔާބީއަކާ އެކު ނިންމާލުން ކަމަށެވެ.