23 އޮކްޓޯބަރު 2023 - 12:38 0
އަހުމަދު ސައީދު
މާރުކޭޓު ގޮޅިއެއްގައި އިން މީހަކު ކަސްޓަމަރަކަށް ކޮތަޅެއް ދިއްކޮށްލަނީ: ކޮތަޅު ފީގެ ގޮތުގައި ދައުލަތަށް 8.3 މިލިއަން ރުފިޔާ ވަނީ ލިބިފަ -- ފޮޓޯ: އަދަދު ފައިލް
23 އޮކްޓޯބަރު 2023 - 12:38 0
ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށި ފަހުން، ރާއްޖޭގައި ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް އަލަށް ބޭނުން ކުރަނީ 25،000 ޕްލާސްޓިކް ކޮތަޅު ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.
ރާއްޖޭގައި 94،000 އަށްވުރެ ގިނަ ގޭބިސީ (ބިދޭސީން ދިރިއުޅޭ ތަންތަނާއެކު) ހުންނައިރު، އަހަރެއްގެ މައްޗަށް 100 މިލިއަނަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ރާއްޖެ އެތެރެކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. ނަމަވެސް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މިރާ) ހިސާބު ތަކުން ދައްކަނީ ދުވާލަކު ރާއްޖޭގައި ބޭނުން ކުރަނީ އެއަށްވުރެ މާމަދު އަދަދެއް ކަމަށެވެ.
މި އަހަރުގެ އެޕްރީލް 18 ވަނަ ދުވަހުން ފެށިގެން، ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ދައުލަތަށް ނަގަން ފެށި ފަހުން، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 50،223ރ. ގެ އާމްދަނީ އެއް ކޮަތަޅުން ދައުލަތަށް ލިބިފައިވެ އެވެ. އެއީ ޖުމްލަ 8.3 މިލިއަން ރުފިޔާ އެވެ.
މީރާގެ ހިސާބުތަކުން ދައްކާ ގޮތުގައި ކޮތަޅު ފީން އެންމެ ބޮޑު އާމްދަނީ އެއް ލިބިފައި ވަނީ، ޖުލައި މަހެވެ. އެ މަހު އެކަނި 4.1 މިލިއަން ރުފިޔާ ކޮތަޅު ފީގެ ގޮތުގައި ލިބިފައިވެ އެވެ. އެ މަހު ލިބުނު އާމްދަނީ އެހާ ބޮޑުތަން ބޮޑުވެފައިވާ ކަމަށް ބެލެވެނީ، މީރާއަށް ކޮންމެ ތިން މަހަކުން ބަޔާން ހުށަހަޅާ ތަންތަނުން ދެ ވަނަ ކުއާޓަރަށްވާ ފީ ޖުލައި މަހު ދެއްކުމުން ނެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފާސްކުރި ކުނި މެނޭޖުކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ވިޔަފާރި ހަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، އެ ވިޔަފާރި ހަރަކާތުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި އެ ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނަގަން ޖެހޭނެ އެވެ. މި ފައިސާ ދައްކަން ޖެހެނީ މިރާ އަށެވެ.
Comment