Advertisement

މަކުނުދޫގެ ބާރުގަދަ ގޮވުން؛ މަންޒަރު ދުށް މީހުންގެ ތަޖުރިބާ

21 އޮކްޓޯބަރު 2023 - 20:36 0

އެ ގޮވުން ހިނގި މަކުނުދޫ ބަނދަރު ސަރަހައްދަށް މީހުން ޖަމާވެފައި. --- ފޮޓޯ: އިބްރާހިމް ޝަރީފް


މަކުނުދޫގެ ބާރުގަދަ ގޮވުން؛ މަންޒަރު ދުށް މީހުންގެ ތަޖުރިބާ

21 އޮކްޓޯބަރު 2023 - 20:36 0

އޭރު ގަޑިން ހަވީރު 5:00 ޖަހާކަށް ހާއިރެވެ. ހދ. މަކުނުދޫ އެސްޓީއޯ ގުދަނުގައި މަސައްކަތް ކުރަމުން ދަނިކޮށް އޭނާއަށް އިވުނީ ބާރުގަދަ އަޑެކެވެ. އަޑުގެ ބާރުމިން ހުރި ވަރުން ފުރަތަމަ ހީކުރީ އެ ގުދަނުގެ ތެރޭގައި ހިނގި ކަމެކެވެ.

އެކަމަކު އެއްޗެއް ގޮވައިގެން އުޅުނީ، ގުދަނަކު ނޫނެވެ. ގުދަނާ ޖެހިގެން، ބަނދަރު ސަރަހައްދުގައި ހުރި މަސް މާރުކޭޓު ހަދާ ސަރަހައްދުގެ ތެރެއިންނެވެ.

ގުދަނު ތެރެއިން ގޮވި ކަމަށް ހީކުރެވުނީ، ބާރުގަދަ އަޑާއެކު މުޅި އެ ތަން ވެސް "ގުޑައިގެން" ދިޔަ ކަހަލަ އިހުސާސެއް ވުމުންނެވެ. އެކަމަކު އެއީ ގުދަނުގެ ތެރެއިން ހިނގި ކަމެއް ނޫން ކަން އިހުސާސްވީ ވެގެން އުޅޭ ގޮތް ބަލަން ވެގެން އުޅުމުގެ ތެރެއިން، ގުދަނުގެ ތެރެއިން ބޭރަށް ނުކުތުމުންނެވެ.

ގޮވުމުގައި ގެއްލުން ލިބުނު އިމާރާތެއް. އެ ތަނުގެ ބިއްލޫރި އާއި ސީލިންއަށް ވެސް ގޮވުމުގެ އަސަރުކުރި


"ސީދާ އެއީ ކޮން ބަޔަކު ކަމެއް ވެސް ބުނާކަށް ނޭނގެ، މަދުވާ މީހުން އެނގޭނެތާ ދެން، އެހެން ކިރިޔާ ވެސް ބަޔަކުގެ ނަން އެ މީހުނާ އެކު މަސައްކަތް ކުރި މީހުން ބުނީ،" އޭނާ އިތުރަށް ކިޔައިދިނެވެ.

އޭނާއަށް ވެސް މަރުވި ދެ މީހުންގެ ހަށިގަނޑު އެކިއެކި ބައިތައް މަގުމަތިން ފެނުނެވެ. ހަށިގަނޑުގެ ބައެއް ގުނަވަންތައް ވެސް ވަކިވަކިން ރަށުގެ ބަނދަރުމަތީގެ އެކި ހިސާބުތަކަށް ބުރައިގެން ގޮސް ހުރުމާއެކު، އެ ބިރުވެރި މަންޒަރުތައް ފެށި ރަށު މީހުން ތިބީ ހިމޭންވެ، ބިރުވެރިކަމެއްގަ އެވެ.

"ރަށު ތެރެ ވެސް ސައިލެންޓްކޮށް އޮތީ، އަލަށް މި ކަހަލަ ކަމެއް މި ހިނގީ،" ނަން ނުޖެހުމަށް އެދި، އުމުރުން 35 އަހަރުގެ މީހާ ބުންޏެވެ.

މިއީ އެ ރަށު ގިނަ މީހުން މި ހާދިސާ ތަޖުރިބާ ކުރި ގޮތެވެ. އިވުނީ ބާރުގަދަ އަޑެކެވެ. އިހުސާސްވީ އެ މީހަކު ހުރި ތަނުގައި ހިނގި ކަމެއް ގޮތަށެވެ. އިވުނު އަޑުގެ ބާރުމިން ގަދަ ކަމުންނެވެ. އަދި ހުރި ތަން ވެސް ގުޑައިގެން ދިޔަ އިހުސާސް ވުމުންނެވެ.

"އިވުނީ ބާރުގަދަ އަޑެއް، ފުރަތަމަ ހީކުރީ އަޅުގަނޑު މި އުޅޭ ކެފޭ ތެރެއިން ހިނގި ކަމެއް ކަން، މުޅި އެ ތަން ވެސް ގުޑި ކަހަލަ އިހުސާސެއްވީ، އެޔެއް މިޔެއް ނޭނގެ އޭރު،" ބަނދަރާ ކައިރީގައި ހުރި ކެފޭއެއްގައި އުޅޭ 45 އަހަރުގެ މީހަކު ބުންޏެވެ.

މި ހާދިސާގައި މަރުވި ދެ ބިދޭސީން


ބަނދަރު ސަރަހައްދުގެ ދެކުނުގައި ގޮވި އެ ގޭސް ފުޅި ބުރައިގެން ބަނދަރުގެ އުތުރުކޮޅާ ހަމައަށް ދިޔަ ކަމަށްވެ އެވެ. ކެފޭއަކީ ވެސް ބަނދަރުގެ އުތުރުކޮޅާވީ ދިމާލުގައި ހުންނަ ތަނެކެވެ. ކެފޭގެ ބިއްލޫރިގަނޑުން ބައެއް ތަޅައިގެން ދިޔަ ކަމަށް ބުންޏެވެ.

މަކުނުދޫ ސްކޫލް ކައިރީ ހުންނަ ގެއެއްގައި ދިރިއުޅޭ އާމިރު ވެސް ބުނީ އެ ގެއާ ހަމައަށް ވެސް ސިލެންޑަރު ގޮވި އަޑު އިވުނު ކަމަށެވެ. އެ ސަރަހައްދުގައި އުޅުނު މީހުނަށް ވެސް "ބިން ގުޑައިގެން" ދިޔަ ކަހަލަ އިހުސާސެއް އޭރުވި އެވެ.

ހާދިސާގައި މަރުވި ދެ މީހުންނަކީ ވެސް އެ ރަށުގައި އެއާޕޯޓެއް އަޅަން ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރަން ކުރިއަށްގެންދާ މަޝްރޫއުގައި މަސައްކަތްކުރާ މީހުންނެވެ. އެ މަސައްކަތް ހަވާލުކުރީ ބިގް ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އަދި, ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި އެ މަސައްކަތް ކުރަނީ ބައިސަން މޯލްޑިވްސް އިންނެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި މަރުވި ބައިސަންގެ ދެ މުވައްޒަފުންނަކީ މުހައްމަދު ރާޖާ އަންސާރީ, 27, އަދި ސުދީރާ ސެތީ, 25, އެވެ.

ފުލުހުންގެ ފޮރެންސިކް ޓީމެއް މަކުނުދޫއަށް ގޮސް ތަހުގީގު ވަނީ ފަށާފަ އެވެ. މިއީ ތަހުގީގު އެންމެ ފުރަތަމަ މަރުހަލާ ކަމުން ސީދާ ގޮތެއްގައި މި ހާދިސާ ހިނގަން މެދުވެރިވި ގޮތެއް ނޭނގެ އެވެ. އަދި, ލިބުނު ގެއްލުންތަކާއި ގޮވުމުގެ ބާރު މިނުގެ ތަފްސީލުތަކެއް ވެސް އެނގިފައި ނުވެ އެވެ.