Advertisement

ޔޫސުފްބެ ނުފެނި ހަފުތާއެއް، އޮޕަރޭޝަން މެދުކަނޑާލައިފި

21 އޮކްޓޯބަރު 2023 - 16:05 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ގެއްލިގެން ހޯދަމުންދާ ޔޫސުފް؛ އަދިވެސް އޭނާ ނުފެނޭ - ފޮޓޯ އެޑިޓް؛ ރައްޔާން މުހައްމަދު / އަދަދު


ޔޫސުފްބެ ނުފެނި ހަފުތާއެއް، އޮޕަރޭޝަން މެދުކަނޑާލައިފި

21 އޮކްޓޯބަރު 2023 - 16:05 0

އދ. ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި މިދިޔަ ހަފުތާ ހޮނިހިރު ދުވަހު ފަތިހު މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނު ޔޫސުފް އިބްރާހީމް (ޔޫސުފްބެ), 68, ހޯދުމުގެ އޮޕަރޭޝަން މި ވަގުތަށް މެދުކަނޑާލައިފި އެވެ.

އެ ދުވަހު ފަތިހު ކުޑަ އިންޖީނު ދޯންޏެއްގައި ޔޫސުފް މަސްވެރިކަމަށް ނިކުތީ އދ. އޮރިމަސް ފަޅުގެ އިރުމަތި ފަރާތަށެވެ. އޭނާ މަހަށް ދިޔަ ދޯނި އދ. ރަންދެލި އުތުރު ކަނޑުއޮޅިން ދަނިކޮށް ބަޔަކަށް ފެނުނީ އެ ދުވަހު ހެދުނު 09:00 އާއި 09:30 އާ ދެމުދު ވަގުތެއްގަ އެވެ.

އާންމުކޮށް ވެސް އެކަނި މަހަށް ނުކުމެ އުޅޭ ޔޫސުފް ގެއްލިގެން ހޯދުމުގެ އޮޕަރޭޝަނުގައި ޑައިވުކޮށްގެން ގާތްގަނޑަކަށް 80،000 އެއްހާ އަކަ މީޓަރުގެ ސަރަހައްދެއް ސިފައިން ވަނީ ބަލައިފަ އެވެ.

އޮޕަރޭޝަނުގެ އެންމެ ފަހުގެ މައުލޫމާތާ ގުޅޭ ގޮތުން ސުވާލުކުރުމުން، ސިފައިންގެ މީޑިއާ އޮފިޝަލް "އަދަދު" ނޫހަށް ފޮނުވި ޓެކްސްޓް މެސެޖެއްގައި ވަނީ ސިފައިންގެ ސާޗު އެންޑް ރެސްކިއު އޮޕަރޭޝަން މި ވަގުތަށް ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.

"ކަނޑުމަތިން ގެއްލޭ މީހުން ހޯދުމުގައި އަމަލުކުރާ އުސޫލުތަކާ އެއްގޮތަށް ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ވަނީ ސަސްޕެންޑު ކުރެވިފައި," އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މިފަދަ ބައެއް އޮޕަރޭޝަންތަކުގައި އެއްވެސް ކުރިއެރުމެއް ނުލިބުމުން ވެސް، އާ މައުލޫމާތެއް ލިބެން ދެން އޮޕަރޭޝަން ފަށާ ގޮތަށް ވެސް މެދުކަނޑާލާފައި އެބަ ހުއްޓެވެ.

ޔޫސުފް ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑަށް ލިލީ ބީޗް ރިޒޯޓް އެންޑް ސްޕާއާއި، ވިލަމެންދޫ އައިލެންޑް ރިޒޯޓް އެންޑް ސްޕާއާއި، ނޯވާ މޯލްޑިވްސްއާއި، އަމާޔާ ރިޒޯޓް ކުޑަ ރަށް މޯލްޑިވްސް އަދި ދަނގެތީގެ އާންމުންގެ ފަރާތުން އެހީތެރިކަން ދީފައިވެ އެވެ.

އެންމެ ފަހުން ފެނުނު އިރު ޔޫސުފް ލައިގެން ހުރީ ރަތް ކުލައިގެ ޓީޝާޓެއް ކަމަށް އެމްއެންޑީއެފް މައުލޫމާތުދެ އެވެ.

ޔޫސުފްގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށް އެމްއެމްޑީއެފުން އެދެ އެވެ. 3391665 މި ނަންބަރަށް ފެކްސް ކުރެވޭނެކަމަށް ވެސް އެ އިދާރާއިން މައުލޫމާތުދެ އެވެ.