Advertisement

އިޒްރޭލާ ދެކޮޅު މާހައުލު ވަރުގަދަވާތީ އެ ގައުމުގެ ރައްޔިތުން ރާއްޖެ ދަތުރު ނުކުރަން އަންގައިފި

20 އޮކްޓޯބަރު 2023 - 10:54 0

ފަލަސްތީނުގެ ހައްގުގައި ރާއްޖޭގައި ބޭއްވި އެއްވުމަށް: އިޒްރޭލާ ދެކޮޅަށް އަދި ފަލަސްތީނުގެ ހައްގުގައި މިރޭ ވެސް އެއްވުމެއް ބާއްވާނެ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އިޒްރޭލާ ދެކޮޅު މާހައުލު ވަރުގަދަވާތީ އެ ގައުމުގެ ރައްޔިތުން ރާއްޖެ ދަތުރު ނުކުރަން އަންގައިފި

20 އޮކްޓޯބަރު 2023 - 10:54 0

އިޒްރޭލާ ދެކޮޅު މާހައުލެއް ދިވެހިރާއްޖޭގައި އުފެދި، ވަރުގަދަވަމުންދާ ކަމަށް ބުނެ އެ ގައުމުގެ ރަައްޔިތުންގެ ރާއްޖެއަށް ދަތުރު ނުކުރުމަށް އިޒްރޭލުގެ ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ބުނެފައި އޮތީ "އިޒްރޭލާ ދެކޮޅަށް ރާއްޖޭގައި އޮތް މާހައުލު ވަރުގަދަވަމުންދާ" ކަމަށެވެ. އެހެންކަމުން އެ ގައުމުގެ ރައްޔިތުން މިވަގުތު ރާއްޖެ ޒިޔާރަތް ކުރުން ރަނގަޅު ނޫން ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

އޮކްޓޯބަރު 7، ގައި އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަން ފެށި ގަތުލްއާންމާއި ހަނގުރާމައިގެ ޖަރީމާތަކާ ދެކޮޅަށް ދިވެހިން ދަނީ އަޑު އުފުލަމުންނެވެ. އަދި އެ ޖަރީމާތައް ކުށްވެރިކުރުމާއެކު ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ގޮވާލާފައިވެ އެވެ.

އިޒްރޭލުގެ ރައްޔިތުން ރާއްޖެ ދަތުރު ނުކުރަން އިލްތިމާސް ކުރިއިރު، އެ ގައުމުގެ ޕާސްޕޯޓު މަނާ ކުރުމަށް ވަރަށް ގިނަ އާންމުން ދަނީ ގޮވާލަމުންނެވެ. އަދި އިޒްރޭލާ ދެކޮޅަށް ރާއްޖޭގައި މިރޭ ވެސް އެއްވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ހިސާބުތަކުން ދައްކާ ގޮތުގައި ދިވެހިރާއްޖެއަށް އަންނަނީ އަހަރަކު އިޒްރޭލުގެ އެންމެ 15،000 ވަރަކަށް މީހުންނެވެ. އަދަދުތައް އެވަރަށް މަތިވީ ވެސް މިފަހުންނެވެ. ތަޖުރިބާކާރުން ބުނަނީ، އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމުން ރާއްޖެއަށް ލިބޭނެ ބޮޑު އިގްތިސާދީ ގެއްލުމެއް ނޯންނާނެ ކަމަށެވެ.