Advertisement

ފަލަސްތީނު މައްސަލައިން ފެންނަ ޤުރުއާނުގެ މުޢުޖިޒާތް

20 އޮކްޓޯބަރު 2023 - 06:06 2

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ


ފަލަސްތީނު މައްސަލައިން ފެންނަ ޤުރުއާނުގެ މުޢުޖިޒާތް

20 އޮކްޓޯބަރު 2023 - 06:06 2

އިޒްރޭލުން ފަލަސްތީނަށް ހަމަލާ ދިނުމުގައި ހަނގުރާމައިގެ އުސޫލުތަކަކަށް ބެލުމެއް ނެތެވެ. އެއްވެސް ގޮތަކުން އިންސާނީ ހަމަތަކާއި އިންސާނިއްޔަތަށް ވެސް ބެލުމެއް ނެތެވެ. ހަނގުރާމައިގައި ބައިވެރިނުވާ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނާއި އެނޫންވެސް އާންމުންނަށް ހަމަލާތައް އަމާޒުކޮށް، އިންސާނުން ދިރިތިބުމުގެ އެންމެ ފަހުގެ އުންމީދުތައް ގުޅިފައިވާ ހޮސްޕިޓާތައް ވެސް ބިންމަތިކުރަމުންދާ ދިއުމުގައި އަނިޔާވެރިކަން ކޮޅުން ލައިފި ކަމާއި، އިންސާނިޔައްތުގެ ޒައްރެއް ނެތްކަމީ، ބުއްދި ހުރި ކޮންމެ އިންސާނަކު ގަބޫލު ކުރާނެ ކަންކަމެވެ. އަދި އެކަންކަމަކީ އިޒްރޭލާއި އެމެރިކާއާ އެއްކޮޅަށް ވަކާލާތުކޮށް އުޅޭ މީހުން އެފަދައިން ވަކާލާތުކުރިޔަސް، އެބައި މީހުންވެސް އެބައިމީހުންގެ އަމިއްލަ ސިކުނޑިތަކުން އެޔަކީ އަނިޔާކަމާއި ބޮޑެތި ޖަރީމާކަން ގަބޫލުކުރާނޭ ކަންކަމެވެ.

އެމެރިކާއާއި ޔަހޫދީންގެ ނުފޫޒު ހިނގާ ބައެއް ބޮޑެތި މީޑިއާތަކުން، އިޒްރޭލް ދިފާއުކޮށް ވަކާލާތު ކުރާއިރު، އެކަންކަމަކީ، އެބައިމީހުން ދައުވާކުރާ އިންސާނީ ހައްގުތަކާއި ތަހުޒީބީ ހަމަތަކާ ދިމާ އިދިކީލި ކަންތަކަށް ވީތީ ހައިރާންވާ މީހާއަށް ކީރިތި ޤުރުއާނުގެ މުޢުޖިޒާތް އަޅުގަނޑު ހުށަހަޅަމެވެ.

އަލްބަޤަރާ ސޫރަތުގެ 113 ވަނަ އާޔަތް ހުޅުވައި ބައްލަވާށެވެ. "ޔަހޫދީން ބުންޏެވެ. ނަސާރާއިން ތިބީ އެއްވެސް ގޮތެއްގެ މައްޗަކު ނޫނެވެ. އަދި ނަސާރާއިން ބުންޏެވެ. ޔަހޫދީން ތިބީ އެއްވެސް ގޮތެއްގެ މައްޗަކު ނޫނެވެ..." ނިކަން ބައްލަވާށެވެ!

އަހަރެމެން މުސްލިމުން ޔަހޫދީންނާއި ނަސާރާއިންނާ މެދު ބުނާ ބުނުމެއް ނޫނެވެ. އެބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ބުނާ ބުނުމެވެ. އިސްލާމީ އެތައް ގައުމެއްގައި އިންސާނީ ހައްގުތައް ކުރިއަރުވައި ވަކާލާތުކުރާ ބަޔަކު، ފަލަސްތީނު މައްސަލާގައި ކަންހިންގަމުންދާ ގޮތުން، "އެބައިމީހުން ތިބީ ގޮތެއްގެ މަތީގައި ނޫންކަން" ހާމަވެ އެނގެމުން ނުދޭތޯ އެވެ.

ފަލަސްތީނު މައްސަލާގައި، އިޒްރޭލާއި އެމެރިކާ އާއި ޔޫރަޕް އަދި އެބައި މީހުންގެ ވާގިވެރިން ބުނަމުންދާ ބަސްތަކާއި ނިންމާ ނިންމުންތަކުން، ކީރިތި ޤުރުއާނުގެ އަލްމާއިދާ ސޫރަތުގެ 82 ވަނަ އާޔަތް ހާދަހާވާ ރަނގަޅަކަށް ތަފްސީރުކޮށްދެމުން އެބަދެ އެވެ.

"އީމާންވި މީހުންނަށް މީސްތަކުންކުރެ، ރުޅިވެރިކަން އެންމެ ބޮޑު ބަޔަކީ، ޔަހޫދީންނާއި، އަދި ޝަރީކުކުރާ މީހުން ކަމުގައި ހަމަކަށަވަރުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނެ އެވެ. އަދި އީމާންވި މީހުންނަށް، މީސްތަކުންކުރެ ރަހުމަތްތެރިކަމުގެ ގޮތުން އެންމެ ގާތްބަޔަކީ، ތިމަންމެންނީ ނަސޯރާއިންނޭ ބުނި މީހުން ކަމުގައި ހަމަކަށަވަރުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނެ އެވެ. އެއީ ހަމަކަށަވަރުން، އެމީހުންގެ ތެރެއިން ފާދިރީންނާއި، އަޅުވެރި ރާހިބުން ވާކަމަށްޓަކައެވެ. އަދި ހަމަކަށަވަރުން، އެމީހުންނަކީ ބޮޑާވެނުގަންނަ ބަޔަކު ކަމުގައިވެސް ވާކަމަށްޓަކައެވެ."

ނިކަން ބަލާށެވެ! އެމީހުން އަޅަނީ މަތިން ބޮމެވެ. ދުރުގައި ތިބެގެން ފިނޑިކަމާއެކުގަ އެވެ. އެ ވާހަކަ އަލްޙަޝްރު ސޫރަތުގެ 14 ވަނަ އާޔަތުގައި އެބަ ބަޔާންކުރައްވަ އެވެ. "ރައްކާތެރިކޮށްފައިވާ ރަށްތަކެއްގައި ތިބެގެން، ނުވަތަ ފާރުތަކެއްގެ ނިވަލުގައި ތިބެގެން މެނުވީ، އެމީހުން އެންމެން އެކުގައި (ނުކުމެ) ތިޔަބައި މީހުންނަކާ ހަނގުރާމައެއް ނުކުރާނެ އެވެ." އެކަމުގެ ސަބަބަކީ މަރުވެދާނޭތީ އެމީހުން ގަންނަ ބިރާއި ދުނިޔެއާމެދު އެމީހުންގެ އޮންނަ ދަހިވެތިކަމުގެ ބޮޑުކަމެވެ.

އަލްބަޤަރާ ސޫރަތުގެ 96 ވަނަ އާޔަތުގައި ބަޔާންކުރައްވާ ފަދައިންނެވެ. "އަދި މީސްތަކުންކުރެ ދުނިޔޭގެ ދިރިއުޅުމަށް އެންމެ ދަހިވެތިކަން ބޮޑު، އަދި މުޝްރިކުންނަށްވުރެ ވެސް (ދިރިއުޅުމަށް ދަހިވެތިކަން ބޮޑު) ބަޔަކު ކަމުގައި ކަލޭގެފާނަށް އެމީހުން ފެނިވަޑައިގަންނަވާނެކަން ކަށަވަރެވެ. އެމީހުންކުރެ ކޮންމެ މީހަކުމެ، އެއްހާސް އަހަރަށް އުމުރު ދިގުވާނެނަމައޭ ހީކޮށް، އެކަމަށް އެދޭނެ އެވެ. އެ އުމުރު ދިގުވުން އެއީ، އެ މީހަކު އަޒާބުން ދުރުކުރަނިވި ކަމެއްކަމުގައި ނުމެވޭމެ އެވެ. ﷲ އީ އެމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެ އެވެ."

މުޅި ދުނިޔޭގެ ހުރިހާ ގައުމުތަކަކުން އެއްބައިވެ، ޔުނައިޓެޑް ނޭޝަންސް ހަދައިގެން، ފަލަސްތީނާއި އިޒްރޭލުގެ ޗާޓާއި އިމާއިމެދު ކަނޑައެޅި ގޮތްތަކަށް ވެސް އެމީހުންގެ ކަންތައްތައް ހުރި ގޮތަކީ، އަލްބަޤަރާ ސޫރަތުގެ 100 ވަނަ އާޔަތުގައި ސުވާލެއްގެ ޒަރީއާއިން ހާމަކުރާ ހަގީގަތާ އެއްގޮތަށެވެ. "އެމީހުން އަހުދެއް ކުރާ ކޮންމެ ހިނދަކު، އޭގެތެރެއިން ބަޔަކު އެ އަހުދެއް އެއްލައިލަނީ ހެއްޔެވެ؟ އަދި ކިއެއްތަ؟ އޭގެ ގިނަ މީހުން އީމާނެއް ނުވެއެވެ". އެހެން ނުވާންވީ ސަބަބެއް ނެތެވެ. އަލްމާއިދާ ސޫރަތުގެ 64 ވަނަ އާޔަތުގައި ބަޔާންކުރާ ހަގީގަތަށްޓަކައެވެ. "އަދި އެމީހުން ބިމުގައި އުޅެނީ ފަސާދަކުރަންށެވެ. ފަހެ، ފަސާދަކުރާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެ އެވެ."

ފަލަސްތީނު މައްސަލައިން ފެންނަމުންދާ އެންމެ ހިތާމަވެރި ކަމަކީ، މުސްލިމުންގެ ގިނަކަމާއެކު، އަރަބި ގައުމުތަކުގެ ބޮޑުކަމާއެކުވެސް، ފަލަސްތީނު ތަޅައި ސުންނާފަތި ކުރާއިރު، އަރަބި ގައުމުތަކުގެ ވެރިންގެ އެއްވެސް ކަހަލަ އާރެއް ބާރެއް ނެތްކަމާއި، އެކުވެރިންނަށް ނަސްރު ދިނުމުގައި ނުކުޅެދިފައިވާކަމެވެ. އެހެން އެކަންވީ، އަލްމާއިދާ ސޫރަތުގެ 51 ވަނަ އާޔަތާ ކަނޑައެޅިގެން ހިލާފަށް އަރަބީންގެ ވެރިންނާއި ނުފޫޒު ހުރި ބޮޑެތީން ކަންކުރަމުން އައިސްފައިވާތީ އެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޔަހޫދީންނާއި، ނަސާރާއިން (އެއީ) އެކުވެރިން ކަމުގައި ނުބަލާށެވެ! އެމީހުންގެ ތެރެއިން އެއްބަޔަކީ އަނެއް ބަޔެއްގެ އެކުވެރިންނެވެ. ތިޔަބައި މީހުންގެ ތެރެއިން އެމީހުން އެކުވެރިން ކަމުގައި ބަލައިފި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއީ، އެމީހުންގެ ތެރެއިންވާ މީހެކެވެ. ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވާނެ އެވެ."

މި ލިޔުން އަޅުގަނޑު ނިންމާލާނީ، އިސްރާއު ސޫރަތުގެ 4 ވަނަ އާޔަތުން ފެށިގެން 6 ވަނަ އާޔަތުގެ ތަރުޖަމާއިންނެވެ. "އަދި ތިމަންރަސްކަލާނގެ، އިސްރާއީލުގެ ދަރިންނަށް، ފޮތުގައި އެބަހީ ތައުރާތުގައި ކަނޑައަޅުއްވައި އެންގެވީމެވެ. ހަމަކަށަވަރުން، ތިޔަބައި މީހުން ދެފަހަރެއްގެމަތިން ބިމުގައި ފަސާދަކުރާނެ އެވެ. އަދި ހަމަކަށަވަރުން، ބޮޑުވެގެންވާ ބޮޑާވުމަކުން ތިޔަބައިމީހުން ބޮޑާވެގަންނާނެއެވެ. ފަހެ، އެ ދެފަހަރުންކުރެ ފުރަތަމަ ފަހަރުގެ ވައުދުފުޅު އައި ހިނދު، ގަދަފަދަވެގެންވާ ބާރެއްގެވެރި އަޅުންތަކެއް، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ފޮނުއްވީމެވެ. ފަހެ، އެއުރެން (ތިޔަބައިމީހުންގެ ރަށުގެ) ގޯތިގެދޮރުގެ ތެރެޔަށް ވަދެގެންދިޔައެވެ. އަދި ފުރިހަމަވެގެންވާ ވައުދުފުޅެއްކަމުގައި، އެ ވައުދުފުޅު ވިއެވެ. ދެން އެމީހުންގެ މައްޗަށް، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ އެނބުރި އައުމެއް (އެބަހީ: ވެރިކަމާއި ބާރު އަލުން) ދެއްވީމެވެ. އަދި ދަރިންނާއި، މުދާތަކުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް މަދަދު ދެއްވީމެވެ. އަދި މީހުންގެ ގޮތުން، ގިނަބަޔަކު ކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ." މިއާޔަތުގެ ތެދުކަމާއި ސާފު ހަގީގަތް މުޅި ދުނިޔެ މިދަނީ ދައްކައިދެމުންނެވެ. ދެން ވާނެ ގޮތް އިސްރާއު ސޫރަތުގެ ދެންހުރި އާޔަތްތަކުގައި އަންގަވާފައިވެއެވެ. ބައްލަވާލައްވާށެވެ.