18 އޮކްޓޯބަރު 2023 - 15:45 2
ގައުމީ ފުޓްބޯޅަ ޓީމުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސުޒޭން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
18 އޮކްޓޯބަރު 2023 - 15:45 2
އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅުނު ބަންގްލަދޭޝް އަތުން މޮޅުނުވެވުމަކީ ރާއްޖޭގެ "ފެއިލިއާ" އެއް ކަމަށާއި ބަންގްލަދޭޝް އަތުން ބަލިވެ، ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ކެޓިޔަސް މި ދެ ގައުމަކީ ފުޓްބޯޅައިގެ ގޮތުން ފަރަގުތަކެއް ނެތް ހަމަހަމަކޮށް އޮތް ދެ ޓީމު ކަމަށް ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
ފީފާ ވޯލްޑް ކަޕް/އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ ވަނީ ކަޓައިފަ އެވެ. މިއީ 2007 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕް ކޮލިފައިން އެއްގެ ފުރަތަމަ ބުރުން ރާއްޖެ ކެޓި ފުރަތަމަ ފަހަރެެވެ.
އެންމެ ފަހުން ރާއްޖެ، ޕްރިލިމިނަރީ ބުރުން ކެޓީ 2007 ވަނަ އަހަރު އެވެ. އެއީ، 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ކޮލިފައިންގައި، އެ ފަހަރު ޔަމަނާ ދެކޮޅަށް ކުޅެ މާލޭގައި 2-0 އިން މޮޅުވި ނަމަވެސް، ޔަމަން ދަނޑުގައި ކުޅުނު ލެގުން، ރާއްޖެ ވަނީ 3-0 އިން ބަލިވެފަ އެވެ.
ބަންގްލަދޭޝް މެޗަށް ފަހު އިއްޔެ ސުޒޭން ބުނީ މެޗުން ބަލިވީ ލިބުނު ހުސް ފުރުސަތުތައް ނިންމާނުލެވިގެން ކަމަށާއި، ކުޅުން ރަނގަޅު ކަމަށެވެ. އޭނާ ބުނީ ފުރަތަމަ ލެގުގައިވެސް ދިމާވި މައްސަލައަކީ މިއީ ކަމަށާއި، ހުރިހާ ގޮތަކުން ބެލިޔަސް މި މެޗުގައި ރާއްޖެއިން ރަނގަޅަށް ކުޅުނު ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
"ބަންގްލަދޭޝް އިން ރަނގަޅަށް ކުޅުނު. އެކަމަކު އަހަރުމެން ގިނަ ފުރުސަތުތަކެއް ގެއްލުވާލި. ދިހަ ކުޅުންތެރިންނާ ދެކޮޅަށް އަހަަރެމެން ކުޅުނުއިރު އަހަރުމެން ބައިވަރު ފުރުސަތު ހޯދިން. އެކަމަކު، ވަރަށް ވަރަށް ހުސް ފުރުސަތުތައް އަހަރުމެން ގެއްލުވާލި. އެހެންވެ މެޗުން ބަލިވީ." އޭނާ ބުންޏެވެ.
"މާލޭގައިވެސް ދިމާވީ ހަމަ މި މައްސަލަ. ލިބޭ ފުރުސަތުތައް ނިންމާނުލެވުން. މެޗު ބެލި މީހަކަށް ފެންނާނެ ރާއްޖެއިން ރަނގަޅަށް ކުޅެ ފުރުސަތުތައް ހޯދި. މިއަދު (އިއްޔެ) ވެސް ހަމަ އެހެން މިވީ. މިއީ ފުޓްބޯޅަ އަކީ. ބަންގްލަދޭޝްއިން ވަރަށް އޯގަނައިޒް ގޭމެއް ކުޅުނު. އެމީހުންގެ އޮތް ޕްލޭނެއް. އެ ޕްލޭނާ އެއްގޮތަށް އެމީހުން ކުޅުނު. މެޗު ލަސްވެސް ކުރި. އެކަމަކު ހަމަ ލީޑު އޮންނައިރު ކޮންމެ ބަޔަކުވެސް އެކަން ކުރާނެ."
ބަންގްލަދޭޝްގެ ފަރާތުން ގިނަ ފައުލްތައް ފެނުނު މިމެޗުގެ ދެ ވަނަ ހާފުގެ ކުރީކޮޅު އެޓީމްގެ މިޑްފީލްޑަރު. އެމްޑީ ސޮހޭލް ރާނާ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. މެޗުގެ ފަހު 30 މިނެޓު ބަންގްލަދޭޝްއިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނުއިރު ރާއްޖެއަށް އޭގެ ފައިދާ ނެގިފަ އެއް ނުވެ އެވެ.
އެ ގޮތުން، 10 ކުޅުންތެރިން ގޮވައިގެން ކުޅުނު ޓީމަކާ ދެކޮޅަށް އެކަމުގެ ފައިދާ ނުނެގުމަކީ "ފެއިލިއާއެއް" ކަމަށް ގަބޫލްކުރަންތޯ ނޫސްވެރިން ސުވާލުކުރުމުން ސުޒޭން ބުނީ މި ކަހަލަ މެޗެއްގައި 30 މިނެޓު ލިބޭއިރު އޭގެ ފައިދާ ނުނެގުމަކީ ފެއިލިއާއެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.
"ހަމަ ޔަގީނުންވެސް އެއީ ފެއިލިއާއެއް. އެ ރަތްކާޑު ދައްކަން ޖެހުނީ އަހަރުމެން ބޯޅަ ހިފަހައްޓައިގެން ކުޅުނީމަ އިދިކޮޅު ކުޅުންތެރިން ފްރަސްޓްރޭޓް ވެގެން ކުރި ވަރުގަދަ ޓެކުލް އަކަށް. އެކަމަކުވެސް ރަތް ކާޑާ އެކު ބަންގްލަދޭޝުން މެޗު ކާމިޔާބުކޮށްފި. އެ މީހުންނަށް މަރުހަބާ." ސުޒޭން ބުންޏެވެ.
އޭނާ ބުނީ މުޅި މެޗަށް ބަލާއިރު މަސައްކަތު ރޭޓުވެސް ބަންގްލަދޭޝް ޓީމުން ފެނުނީ ރަނގަޅަށް ކަމަށާއި، އެ ޓީމުން ބޭނުންވި ގޭމް ކުޅުނު ކަމަށެވެ.
ބަންގްލަދޭޝްއިން އެންމެ ފަހުން ކުޅުނު ރަސްމީ ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ރާއްޖެ އަތުން މޮޅުވެފައިވުމުން އެގައުމު ފުޓްބޯޅަ، ރާއްޖޭގެ ފުޓްބޯޅަ އަށް ވުރެ ކުރިއަރާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުންވެސް ސުޒޭން ވަނީ ވާހަކަދައްކައިފަ އެވެ.
ގައުމީ ފުޓްބޯޅަ ޓީމު ގޮވައިގެން 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް ބަލިކުރި ކޯޗު ސުޒޭން ބުނީ ގިނަ މީހުންނަށް ރާއްޖެ އަށް ވުރެން ބަންގްލަދޭޝް ކުރިއަރައިފި ގޮތަށް ހީވިޔަސް އޭނާ ގަބޫލުކުރާ ގޮތުގައި ދެ ޓީމު ވެސް ހަމަހަމަ ކަމަށެވެ.
އެ ގޮތުން، މިދިޔަ 10 ވަރަކަށް އަހަރަށް ބަލާއިރުވެސް ބަންގްލަދޭޝް ޓީމުތައް ރަނގަޅުކަމަށާއި، 2003ގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދިއިރު ވެސް ބަންގްލަދޭޝްގައި އޮތީ ވަރުގަދަ ޓީމެއް ކަމަށެވެ.
އޭގެ ފަހުން ރާއްޖެއިން ބަންގްލަދޭޝް އަތުން މޮޅުވަމުން އައިއިރުވެސް އޮތީ ވާދަވެރި ޓީމެއް ކަމަށް ސުޒޭން ބުނެފައިވެ އެވެ.
"ބައެއް މީހުން ވާހަކަ ދައްކާގޮތުން ހީވަނީ ބަންގްލަދޭޝްގެ ފުޓްބޯޅަ އޮތީ މާ ފެންވަރު މަތިކޮށްހެން. އެކަމަކު އަހަރެން ގަބޫލުކުރާ ގޮތުގައި ދެ ޓީމްވެސް އޮތީ އެއް ހިސާބެއްގައި. ރާއްޖެ އަށް ހަމަ އެހެން ދުވަހެއްގައި ބަންގްލަދޭޝް ބަލިކުރެވޭނެ. މިއަދު ބަންގްލަދޭޝަށް ރާއްޖެ އަތުން މޮޅުވެވުނީ." ދެކެވޭ ވާހަކަތަކާ އިޝާރާތްކޮށް ސުޒޭން ބުންޏެވެ.
މިދިޔަ ދެ ތިން އަހަރު ބަންގްލަދޭޝް ކުޅޭމުން އަންނަ ސްޓައިލާ ގުޅޭގޮތުން ސުޒޭން ބުނީ ކުރިއަށް ދިގު ބޯޅަތަކެއް ލައިގެން ފޯވާޑުންގެ ސްޕީޑް ބޭނުންކޮށްގެން ބަންގްލަދޭޝް ކުޅޭ ގޭމާ އެކު އެ ޓީމުން ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment