17 އޮކްޓޯބަރު 2023 - 07:17 0
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން: ބަންގްލަދޭޝްގައި މެޗު ކުޅޭ ދަނޑު ރަނގަޅުކަމަށް ވަނީ ބުނެފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
17 އޮކްޓޯބަރު 2023 - 07:17 0
ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ޖޮއިންޓް ކޮލިފައިން ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ލެގުގައި މިއަދު މެޗު ކުޅެން ޖެހޭ ދަނޑުގެ ހާލަތު ރަނގަޅު ކަމަށާއި ނަތީޖާއެއް ނެރެން ޖެހޭކަން އެނގިފައި އޮތުމާ އެކު މާ ބޮޑު ޕްރެޝަރެއް ނެތި ދިވެހި ކުޅުންތެރިން ކުޅޭނެ ކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން ބަންގްލަދޭޝާއި ރާއްޖެ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އެހެންކަމުން، މިއަދު ހަވީރު، ރާއްޖެ ގަނޑިން، 4:45 ގައި ބަންގްލަދޭޝްގެ ޗެމްޕިއަން، ބަޝުންދަރާ ކިންގްސްގެ ދަނޑު، ބަޝުންދަރާ އެރީނާގައި ރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މެޗުން ކޮންމެ ޓީމެއް މޮޅުވިޔަސް، ވޯލްޑް ކަޕް ކޮލިފައިން، އޭޝިއާ ބުރުގެ ގްރޫޕް ސްޓޭޖަށް ދާނެ އެވެ.
މާލޭގައި ކުޅުނު މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ވަނީ ބަންގްލަދޭޝްގައި ކުޅޭ މެޗު ރަނގަޅު ދަނޑެއްގައި ކުޅެން ފުރުސަތު ލިބިއްޖެނަމަ ނަތީޖާ ނެރެވޭނެ ކަމަށް ބުނެފަ އެވެ. އަދި ރާއްޖޭގެ ގައުމީ ޓީމުގައި ތިބި ޓެކްނިކަލީ މޮޅު ކުޅުންތެރިންނަށް ބަންގްލަދޭޝްގައި ކުޅެން ޖެހޭ މެޗުގައި ތަފާތު ދެއްކޭނީ ރަނގަޅު ދަނޑެއްގައި ކުޅެގެން ކަމަށް ސުޒޭންގެ ވާހަކައިގައި ތަކުރާރުކޮށް ފާހަގަކުރި އެވެ.
މިއަދުގެ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުނީ ފެންނަ ފެނުމަށް ބަޝުންދަރާ އެރީނާ އަކީ މާލޭގެ ގަލޮޅު ދަނޑުގެ ލެވަލް ނޫނީ އެ އަށް ވުރެ ރަނގަޅު ޕިޗެއް ކަމަށެވެ. އެހެންކަމުން، މި މެޗުގައި ވެސް ޕާސް ކޮށްގެން ރަނގަޅު ކުޅުމެއް ދައްކައި ނަތީޖާ ނެރެވޭނެ ކަމަށް ސުޒޭން ބުނެފައިވެ އެވެ.
"ލޯންގް ބޯޅަ ޖަހައިގެން ކުޅެން ބޭނުމެއް ނޫން. ބޭނުމީ ޕާސްކޮށްގެން ކުޅެން. އެ ގޮތަށް އެކަން ކުރެވިއްޖިއްޔާ ބޭނުންވާ ނަތީޖާ ނެރެވޭނެ. މިއީ އެ ފެންވަރުގެ ދަނޑެއްގެ ގޮތުގައި ބެލެވެނީ،" ސުޒޭން ބުންޏެވެ.
"އަހަރެމެންގެ ޓީމަށް ވެސް ޕްރެޝަރެއް ނެތް. އަަހަރެމެން މި ތިބީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން. އުންމީދަކީ މާލެ އަށް ވުރެ ރަނގަޅު ކުޅުމެއް މި މެޗުގައި ދެއްކުން. އަހަރެމެންނަށް އެނގޭ ބަންގްލަދޭޝްގައި ކުޅެން އުނދަގޫވާނެކަން. އެކަމަކު، އަހަރެމެން މި ތިބީ މޮޅުވާން ތައްޔާރަށް،"
ގައުމީ ޓީމުގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ސުޒޭން: ބަންގްލަދޭޝް ދަނޑުގައި މޮޅެއް ހޯދޭނެ ކަމަށް ބުނެފައިވޭ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ބަންގްލަދޭޝް އިން މި ވަނީ ޖެހިޖެހިގެން ރަސްމީ ތިން މެޗުގައި ރާއްޖެ އަތުން ބަލިނުވެ ފުރިހަމަކޮށްފަ އެވެ. އެއީ، 2021 ވަަނަ އަހަރު ސްރީ ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައި ބަންގްލަދޭޝް އިން 2-1 އިން ރާއްޖެ ބަލިކުރި މެޗާއި މި އަހަރުގެ ޖޫން/ޖުލައި މަހު ސާފް ޗެމްޕިއަންޝިޕްގައ ރާއްޖެ އަތުން 3-1 އިން ބަންގްލަދޭޝް ބަލިކުރި މެޗުގެ އިތުރުން މި ފަހަރު ކޮލިފައިންގައި އެއްވަރުވި މެޗެެވެ.
ރާއްޖޭން ވަނީ 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ގަޔާއި 2022 ވަނަ އަހަރުގެ އެކުވެރިކަމުގެ މެޗެއްގައި ބަންގްލަދޭޝް ބަލިކޮށްފަ އެވެ.
ސުޒޭން ބުނީ މި ފަހުން ބަންގްލަދޭޝް އިން ރާއްޖޭގެ މައްޗަށް އެކި މެޗުތަކުގައި ކާމިޔާބު ހޯދާފައިވާތީ ގިނަ ބަޔަކަށް ބެލެެވެނީ ބަންގްލަދޭޝް ފުޓްބޯޅަ ރާއްޖެ އަށް ވުރެ ކުރިއަރައިފި ކަމަށެވެ. އެހެން އެ ގޮތަށް އޮތުމަކީ ވެސް ބަންގްލަދޭޝަށް އަމިއްލަ ދަނޑުގައި ކުޅޭއިރު ޕްރެޝަރެއް އޮންނާނެ ކަމެއްގެ ގޮތުގައި ސުޒޭން ގަބޫލުކުރެ އެވެ.
އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބަންގްލަދޭޝް މީޑިއާގެ ފަރާތުން އަމާޒުވި އެއް ސުވާލަކީ ރާއްޖޭގެ ފޯވާޑް، އަލީ އަޝްފާގު (ދަގަނޑޭ) ނެތުމުން ލަނޑު ނުޖެހުމުގެ މައްސަލަ ޓީމަށް ދިމާވާ ކަމާމެދު ސުޒޭން ދެކޭ ގޮތެއް ހިއްސާ ކުރުމަށެެވެ.
"އަޝްފާގުގެ ކޮލިޓީ އަހަރެމެން އެންމެނަށް ވެސް އެނގޭ. އެއީ އަބަދުވެސް އަހަރެމެންނަށް ވަރަށް ބޮޑު އެއްޗެއް. އެކަމަކު، އަހަރެމެން އެބަޖެހޭ އޭނަ ނެތި ވެސް މެނޭޖްކުރަން،" ސުޒޭން ބުންޏެވެ.
ބަންގްލަދޭޝާއި ރާއްޖޭގެ ތެރެއިން، ކޮލިފައިން ގްރޫޕް ސްޓޭޖަށް ހޮވޭ ޓީމެއް ވާދަކުރަން ޖެހޭނީ އޮސްޓްރޭލިއާ، ލެބަނަން އަދި ފަލަސްތީނާ އެވެ.
ބަންގްލަދޭޝްގެ ކޯޗު ހަވިއޭ ކަބްރޭރާ ވަނީ ރާއްޖެ އަތުން މޮޅުވާން ބޭނުންނަމަ ސަޕޯޓަރުންގެ އެހީ ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށް ބުނެފަ އެވެ. އަދި މި މެޗު ކުޅޭ ބަޝުންދަރާ އެރީނާ އަކީ އަބަދުވެސް ވަރަށް ފޯރިގަދަ މާހައުލެއް އޮންނަ ދަނޑެއް ކަމަށާއި މި މެޗުގައި ވެސް އެކަން އިތުރަށް ވަރުގަދަ ކުރުމަށް އެދޭ ކަމަށް ކަބްރޭރާގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment