13 އޮކްޓޯބަރު 2023 - 07:17 1
ރޫޙުލްއަމީން ޢަބްދުﷲ
މިއީ 2021 ވަނަ އަހަރު މާލޭގެ ގެއެއްގެ ބެލްކަނީގައި ތިބި ބަޔަކު ފަލަސްތީނުގެ ދިދަ އާއި ދިވެހިރާއްޖޭގެ ދިދަ ހިފަހައްޓައި. އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ ގާޒާއަށް ދެމެދުންދާ ހަމަލައާ ދެކޮޅުކަން ދެއްކުމާއި، ދިވެހިން ތިބީ ފަލަސްތީނާއެކުގައިކން ދެއްކުމަށްޓަކައި މިއަދު މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވުމަށް ވަނީ އިންތިޒާމުކޮށްފައި. -- ފޮޓޯ: އަދަދު
13 އޮކްޓޯބަރު 2023 - 07:17 1
ސަހަރާ ތެރެއިން އައި ބަދަތްވަކު ޙާތިމުއްޠާއީގެ ގެކޮޅުގައި މެހެމާންދާރީއަށް އެދުނެވެ. ޙާތިމުއްޠާއީ އެމީހާއަށް މެހެމާންދާރީ އަދާކުރުމަށް ހާދިމުންނަށް އަމުރުކުރި އެވެ. ނަމަވެސް އެ މީހާއަށް އެއްވެސް ކާއެއްޗެއް ނުދިނުމަށް އެންގި އެވެ. ކޮންމެއަކަސް ރޭ ދެބައިވެ މެންދަމުން އަލިވީއިރުވެސް، އެއްވެސް އެއްޗެއް ކާން ނުލިބުމުން، މިކަލޭގެ ސަވާރީއަށް އަރައިގެން ނައްޓާލައިފި އެވެ. ޙާތިމުއްޠާއީ މިމީހާ ދާންވާއިރަށް މަގުމަތިން ބައްދަލުވާނެ ހިސާބެއްގައި މަޑުކޮށްގެން ހުރެއްޖެ އެވެ. މީނާ ފެނުމާއެކު މަގުމަތީން ޙާތިމުއްޠާއީ މީނާއަށް ގޮވާލާފައި ބުނެފި އެވެ. އިރުވެސް ނާރަނީސް ނުކުމެގެން ތިޔަ ދަނީ، މިރަށު މީހެއް ނޫންތާ އެވެ! ރޭގައި ނިދީ ކޮން ތަނެއްގައި ހެއްޔެވެ؟ އެމީހާ ބުންޏެވެ. ޙާތިމްގެ ގޭގަ އެވެ. ޙާތިމް ބުންޏެވެ. މެހެމާންދާރީ ކިހިނެއްޔެވެ؟ އެމީހާ ބުންޏެވެ. އެހާ ރަނގަޅު މެހެމާންދާރީއެއް އަދި ނުލިބެ އެވެ. ބޮޑު ރަތް ޖަމަލެއް ޙާތިމް އަހަރެންގެ ޝަރަފުގައި، ކަތިލިއެވެ. އޭގެ މަހާއެކު އަހަންނަށް ދިން ޖާފަތް އެހާ ފުރިހަމަ އެވެ. ތަފާތު ފޮނިކާ ތަކެތީގެ އިތުރުން މީރު ބުއިންތައް ވެސް އެ ޖާފަތުގައި ހިމަނާފައި ހުއްޓެވެ.
އެމީހާ މިގޮތަށް ބުނުމުން ޙާތިމް ބުންޏެވެ. އަހަރެން މީ ޙާތިމްއެވެ. ހިނގާށެވެ! ތިބާ ތިޔަ ސިފަކުރި ފަދައިން ތިބާއާމެދު ކަންތައް ވެވެންދެން ތިބާ ދޫކޮށްނުލާނަމެވެ. މިހެން ބުނެފައި ޙާތިމް އެމީހާ ގޮވައިގެން އޭނާގެ ގެޔަށް ގޮސްފައި ޖަމަލެއް ކަތިލައި ޖާފަތެއް ތައްޔާރުކުރި އެވެ. އަދި އޭނާއާއެކު ކާން އިށީނދެފައި ސުވާލުކުރި އެވެ. ދެން ކިޔައިދީބަލާށެވެ! އަހަރެން ޖާފަތެއް ނުދެނީސް ވެސް ދޮގުހަދައިގެން އެހެން ބުނި ސަބަބަކީ ކޮބާތޯ އެވެ؟ އެމީހާ ބުންޏެވެ. މީސްތަކުން ޙާތިމްގެ ދީލަތިކަމުގެ ވާހަކަ ދައްކާފައި އޮންނަނީ ހިސާބަށްވުރެ ބޮޑަށެވެ. ޙާތިމް އަހަންނަށް މެހެމާންދާރީ ދީފައި އެއްވެސް ކާނެ ބޯނެ އެއްޗެއް ނުދިން ކަމަށް ބުނެގެން މީސްތަކުން އަހަރެންގެ ވާހަކަ ގަބޫލެއް ނުކުރާނެ އެވެ. އޭރުން މީހުން ބަލާނީ އަހަންނަކީ ދޮގުވެރިއެއްކަމަށެވެ. އެހެންވީމާ އަހަރެން ދޮގު ހެދީ ޙާތިމްއަށްޓަކައެއް ނޫނެވެ. އަހަރެން ދޮގު ހެދީ އަހަރެންގެ ސަލާމަތަށެވެ. އަހަރެންގެ ތެދުވެރިކަމާމެދު ސުވާލު އުފެއްދިޔަ ނުދިނުމަށެވެ.
ހަމަ ޙާތިމްގެ ދީލަތިކަމުގެ އެހެން ވާހަކައެއް އަޑުއައްސަވާށެވެ! ޙާތިމްއާ އެއްދުވަހަކު މީހަކު ސުވާލުކުރިއެވެ. ދީލަތިކަމުގައި ތިބާއަށްވުރެ އެހެން އިންސާނަކު ދުވަހަކުވެސް ކުރިއަރާ ދިޔަ ހެއްޔެވެ؟ ޙާތިމް ބުންޏެވެ. އާއެކެވެ. އެއްދުވަހަކު ދިމާވި ޔަތީމް ކުއްޖެކެވެ. އޭނާގެ ގެ ކައިރިން އަހަރެމެންގެ ޖަމާއަތެއްގެ މީހުން އޭނާއާ ބައްދަލުވީއިރު، އޭނާގެ ގޭގައި އޮތީ އެންމެ ދިހަ ކަންބަޅިއެވެ. އޭގެ ތެރެއިން އެކަތި އޭނާ ކަތިލައިފައި އެއިން އަހަރެމެންނަށް ކެއުމެއް ތައްޔާރުކުރި އެވެ. އޭގެ ތެރޭގައި ކަންބަޅީގެ ސިކުނޑި އޭނާ ތައްޔާރުކޮށްފައި އޮތް ގޮތުން މީރުވާނޭ ކަމުގައި ހީވެގެން އެ ކާލީ އަހަރެންނެވެ. ކާލިއިރު، ހީކުރި ގޮތަށް އޭގެ ރަހަ ވަރަށް މީރެވެ. ދެން އަހަރެން ބުނެފީމެވެ. ހާދަހާ މީރެވެ. ދެން އެކުއްޖާ އިރުކޮޅަކުން ގެއްލިއްޖެ އެވެ. އަދި އިރުކޮޅެއް ފަހުން އައިސްފައި އޭގެ އެތައް ސިކުނޑިއެއް އަހަރެންނަށް ކާންދީފި އެވެ. ކޮންމެއަކަސް އެރޭ އަހަރެމެން އަރާމުކޮށް ނިމިގެން ދާން ބެލިއިރު، ގޯތި ވަށައިގެން ވަރަށް ބައިވަރު ލޭ ހުރިކަން ފާހަގަ ވެގެން އެކުއްޖާއާ ސުވާލުކުރީމެވެ. އެކުއްޖާ ބުންޏެވެ. ތިބާއަށް އަހަރެންގެ އަތުގައި އޮތް އެއްޗެއް ކަމުގޮސްފައި، އެޔާމެދު އަހަރެން ދަހިވެތިވާނެ ކަމަށް ހެއްޔެވެ؟ ހުރިހާ ކަންބަޅިއެއް ކަތިލައި އޭގެ ސިކުނޑި ތިބާއަށް ކާންދިނީ އެވެ.
ވާހަކަ އަޑުއަހާން ތިބި މީހުން ޙާތިމްއަށް ދެންނެވި އެވެ. ދެން ޙާތިމް އެކުއްޖާއަށް ބަދަލުގެ ގޮތުގައި ދިނީ ކޮން އެއްޗެއް ހެއްޔެވެ؟ ޙާތިމް ބުންޏެވެ. ތިންސަތޭކަ ރަތް ޖަމަލާއި، ފައްސަތޭކަ ކަންބަޅިބަކަރި ދިނީމެވެ. އެހިނދު އެމީހުން ބުންޏެވެ. އެހެންވީއިރު، އެކުއްޖާ ޙާތިމްއަށްވުރެ ދީލަތިވީ ކޮން ގޮތަކުން ހެއްޔެވެ؟ ޙާތިމް މާ ދީލަތި ނޫން ހެއްޔެވެ؟ ޙާތިމް ބުންޏެވެ. ނޫނެކެވެ. އެކުއްޖާ ދީލަތިވެ ހޭދަކުރީ އޭނާ އަތުގައި ހުރި ހުރިހާ އެއްޗެކެވެ. އަހަރެން ހޭދަކުރީ ގިނަ އެއްޗަކުން މަދު އެތިކޮޅެކެވެ.
ޙާތިމް ދުނިޔޭގައި އުޅުނީ މާތް ނަބިއްޔާ ނަބީ ކަމައިގެން ފޮނުއްވުމުގެ ކުރީންނެވެ. އެހެންވީމާ ޙާތިމްއަކީ ޖާހިލިއްޔަ ޒަމާނުގެ ތަރިއެކެވެ. އިސްލާމީ ތާރީހާއި ޙާތިމް ގުޅިގެންދާ ގޮތަކީ އޭނާއަކީ އަރަތްބަކަށްވެފައި، ދީލަތިކަމުގައި އޭނާގެ ވާހަކަތައް އަރަބީންގެ ތެރޭގައި މަޝްހޫރުވުމުގެ އިތުރުން، އޭނާގެ ދަރި ޢުދައްޔުއަކީ މާތް ނަބިއްޔާގެ ޞަޙާބީއެއްކަމުގައިވެފައިވާތީ އެވެ.
ޖާހިލިއްޔަ ޒަމާނުގެ އަރަތްބެއް ކަމަކު، އަދި އޭނާ ހޭދަކޮށް އުޅުނީ ކޮންމެ ބޭނުމަކު ކޮންމެ ނިޔަތެއްގައި ކަމަށްވުން އެކަށީގެންވިޔެއް ކަމަކު ޙާތިމްގެ ހިކުމަތުން ފުރިފައިވާ ސީރަތުން ކުޑަކުޑަ މިންވަރަކީ ވެސް ދީލަތިކަމުގެ ޝައުގަށް މަތުރާލެވޭ ފެނެއްކަމުގައި އަޅުގަނޑު ދެކެމެވެ. އިސްވެދިޔަ ދެ ވާހަކައިން ކިޔުންތެރިންގެ ކިބައިގައި އުފެއްދުމަށް އަޅުގަނޑު އުންމީދުކުރާ އަދި ލޯބިކުރާ ކަމަކީ ދީލަތިކަމުގެ ހިތްވަރާއި ޖޯޝެވެ.
އަޅުގަނޑު ދައުވަތު މިދެނީ އާންމު ދިވެހިންނަށް ވުރެ ބޮޑަށް ދިވެހިރާއްޖޭގެ ރިޒޯޓު އޯނަރުންނަށެވެ. ދިވެހިރާއްޖޭގެ ރަށްތަކުގެ ރީތިކަމުގައި މާތް ﷲ ލައްވާފައިވާ ޤުދުރަތްތެރިކަމުގެ ޒަރީއާއިން، މުއްސަނދިކަން މާތް ﷲ ދަރުމަކުރެއްވި ފަރާތްތަކަށެވެ. އެ ނިއުމަތްތައް ދާއިމަށް ދެމިގެންދާނެ ގޮތުން އިހުލާސްތެރިކަމާއެކު ހެޔޮދުއާ ދަންނަވަމުންނެވެ. ފަލަސްތީނުގައި ތިބި މުސްލިމް އެކުވެރިންނަށްޓަކައި ތިޔަ ބޭފުޅުންގެ ދީލަތި އަތްޕުޅުތައް ހުޅުވާލަ ދެއްވާށެވެ!
އަލްބަޤަރާ ސޫރަތުގެ 261 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވާފައިވެ އެވެ. "ﷲ ގެ މަގުގައި، އެ މީހުންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ މިސާލަކީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހުންނަ ހަތް ކުރާގަނޑު އުފައްދާ އޮށެއްގެ މިސާލެވެ. ﷲ އިރާދަކުރައްވާ މީހަކަށް ސަވާބު ގިނަގުނަ ކުރައްވަ އެވެ. އަދި ﷲ އީ ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ."
އަދި މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވެ އެވެ. "އެއްބަޔަކު އަނެއް ބަޔަކަށް އެއްބާރުލުން ދިނުމާއި ރަހުމުކުރުމާއި އޯގާތެރިވުމުގައި މުއުމިނުންގެ މިސާލަކީ އެއްހަށިގަނޑެއްގެ މިސާލެވެ. ހަށިގަނޑުގެ އެންމެ ގުނަވަނެއްގައި ވޭން އެޅިޔަސް ހުން އައުމާއި ހޭލާ ހުރުމުގައި މުޅި ހަށިގަނޑު އެކަމުގައި ބައިވެރިވެ އެވެ."
އާދޭހެވެ! ފަލަސްތީނުގައި ތިބި މުސްލިމް އެކުވެރިންނަށްޓަކައި ކަރުނަ ނާޅާ ދެލޮލަކީ މުއުމިނެއްގެ ދެލޮލެއް ނޫނެވެ. އެ އެކުވެރިންނަށްޓަކައި ދީލަތިކަމުން ހުޅުވައިނުލެވޭ ކޮންމެ ދެއަތަކީ، މުއުމިނެއްގެ ދެއަތެއް ނޫނެވެ. އަދި މިއަދު ޔަހޫދީންގެ އަނިޔާވެރިކަމަށްޓަކައި ނުހެލޭ ހަމަ އެއްވެސް ދުލެއްގެ ވެރިޔަކީ މުއުމިނެއް ނޫނެވެ.
Comment