13 އޮކްޓޯބަރު 2023 - 10:54 3
އިސްމާއީލް އަޒްމީން
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސުޒޭން: ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައިވޭ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
13 އޮކްޓޯބަރު 2023 - 10:54 3
ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ޖޮއިންޓް ކޮލިފައިން ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި ބަންގްލަދޭޝް މެޗުގެ ކުރިން ބައެއް ނޫސްވެރިންގެ ފަރާތުން ފެނުނީ ޓީމަށް ހިތްވަރު ދިނުމުގެ ބަދަލުގައި "ވިހަ" ކަންތައްތަކެއް ކަމަށް ބުނެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ނޫސްވެރިންނަށް ފާޑުކިޔައިފި އެވެ.
ކޮލިފައިންގެ ފުރަތަމަ ލެގު 1-1 އިން އެއްވަރުވި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މެޗުން ފަހު ވަގުތު ބަލިވީ ކޮންސެންޓްރޭޝަންގެ މައްސަލައެއްތޯ އެހުމުން އެ ސުވާލަށް ޖަވާބުދިނުމަށް ފަހު ސުޒޭން ވަނީ ނޫސްވެރިންގެ ފަރާތުން ޓީމަށް ހިތްވަރުލިބޭ ގޮތަށް މަސައްކަތް ނުކުރެވޭ ކަމަށް ބުނެ ފާޑުކިޔާފަ އެވެ.
ސުޒޭން ވާހަކަ ފެށީ މި މެޗުން މޮޅުވާން ކުޅުންތެރިން ކުރި މަސައްކަތާ އެއްވަރަށް ނޫސްވެރިންގެ ފަރާތުން މަސައްކަތް ކުރެވުނު ނަމަ ޓީމަށް ހިތްވަރު ލިބޭނެ ކަމަށް ބުނަމުންނެވެ.
އޭނާ ބުނީ މެޗުގެ ކުރިން ބައެއް ނޫސްވެރިންގެ ފަރާތުން "ވިހަ" ކަންތައްތަކެއް ފެނުނު ކަމަށާއި، ހަބަރުތަކާއި އެހެންކަންކަމަށް ބަލާއިރު ކުޅުންތެރިންގެ ޑިމޯޓިވޭޓްވާ ކަހަލަ ގޮތަކަށް ނޫސްވެރިން އަމަލުކޮށްފައިވާ ކަމަށެވެ.
"މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ހާދަ ރަނގަޅުވީހޭ، އަޅުގަނޑުމެންނާ އެކު ކުޅުންތެރިން ލާން ތައްޔަރުވީ އެފަޓް، އަޅުގަނޑުމެންނާއިއެކު ނޫސްވެރިން ލާން ތިބި ނަމަ އޭ. ކުރީގަ ދިވެހި ނޫސްވެރިންނަކީ ދިވެހި ފުޓްބޯޅައަށް، ރާއްޖޭގެ ފުޓްބޯޅައިގެ އެންމެންނާ އެއްވަރަށް އެ ކޮމިޓްމަންޓް ދީ، ޓީމަށް ހިތްވަރުދޭ ބައެއް." ސުޒޭން ބުންޏެވެ.
"ރާއްޖޭގެ ފުޓްބޯޅަ އަށް މި ވަގުތު އަންނާނެ އެންމެ މުހިންމު ކަމަކީ މިމެޗުން ނަތީޖާއެއް ނެރެ ޑާކާ އަށް ދިޔުން. އެކަމަކު، އެ ލިބުނު ވަގުތުކޮޅުގެ ތެރޭގައި ތިބޭފުޅުން (ގިނަ ނޫސްވެރިން)ގެ ފަރާތުން "ވިހަ" ކަންތައްތައް، ކުޅުންތެރިންގެ މޯޓިވޭޝަން ގެއްލޭނެ ބައިވަރު ހަބަރުތައް ޖަހާފައިވޭ."
އޭނާ ބުނީ ކޮންމެ މީހަކު ވެސް އެފްއޭއެމް ރަނގަޅު ނުވެގެން ނޫނީ ދިވެހި ފުޓްބޯޅަ ރަނގަޅު ނުވެގެން ނުނިދިގެން އުޅޭއިރު ދިވެހި ފުޓްބޯޅަ އަށް މުހިންމު މެޗެއް އޮއްވައި މެޗުން ރަނގަޅު ނަތީޖާއެއް ނެރުމަށް އެހީތެރިވެވިފައި ނުވާ ކަމަށެވެ.
"ސޭވް އެފްއޭއެމްއާ އެހުރިހާ އެއްޗެއް ކިޔައި ފުޓްބޯޅައަށްޓަކައި މަރުވަނީ، ހަމަ ސްޓްރޯކްޖެހި ހާޓްއެޓޭކް ޖެހޭ ހިސާބުގައި މިތިބެނީ. އެކަމަކު ފުޓްބޯޅައަށް އެންމެ މުހިންމު ހާލަތު އައިއިރުގައި، ޓީމްގެ މޯޓިވޭޝަން ގެއްލޭ ގޮތަށް ބައިވަރު ކަންތައް މިދިޔަ 12 ވަރަކަށް ގަޑިއިރުތެރޭގައި އެއޮތް ނުކުންނަނީ އޮންލައިންކޮށް." ހިތްހަމަނުޖެހިފައިހުރެ ސުޒޭން ބުންޏެވެ.
މެޗުން ޓީމު ނެރުނު ނަތިޖާއާ ގުޅޭގޮތުން ސުޒޭން ބުނީ ދެ ޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނު ކަމަށާއި، ފަހު ވަގުތު ގޯލު ވަނީ އޭނާ އަށް ހެދުނު ގޯހަކުން ކަމަށެވެ. އަދި ކުޅުންތެރިން ކުރި މަސައްކަތް އޭނާ ވަރަށް ބޮޑަށް ފާހަގަކުރި އެވެ.
"ނަތީޖާ ޕޮޒިޓިވްއެއް ނޫން. ކުޅުންތެރިން ކުރި މަސައްކަތް. އެ ކުދިންގެ އެފަޓަށް ބަލާއިރު، ވަރަށް ޕޮޒިޓިވް ކަމެއް. އޯޕަން މެޗެއް މިއީ. ދެ ޓީމަށްވެސް މޮޅުވާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު. އަހަންނަށް ގޯސްތަކެއް ހެދުނީ. ކުޅުންތެރިންނެއް ނޫން ގޯސްތަކެއް ހެދީ. އަހަރެން ގޯސް ހެދީ" ސުޒޭން ބުންޏެވެ.
އޭނާ ބުނީ ރާއްޖޭގެ ޓީމުން ފުރަތަމަ ގޯލު ޖަހައި ލީޑު ނަގާފައިވަނިކޮށް ޓީމަށް ކުޑަ ބަދަލެއް ގެންނަން ވިސްނި ކަމަށާއި، އެކަން ކުރެވުނު ނަމައޭ މިހާރު ހިތަށް އަރާ ކަމަށެވެ. އޭނާ ބުނީ ޑާކާ ކުޅެން އޮތް މެޗުގައި އެކަން ރަނގަޅު ކުރަން މަސައްކަތްކުރާނެ ކަމަށެވެ.
ފުރަތަަމަ ލެގުގައި، 1-1 އިން ފުރަތަމަ ލެގު އެއްވަރުވެގެން ޑާކާއަށް ދިޔަކަމުގައިވިޔަސް ދެ ވަނަ ލެގާ މެދު އިތުބާރު އެބައޮތް ކަމަށާއި، ރަނގަޅު ދަނޑެއްގައި މެޗު ކުޅެފިނަމަ ރާއްޖެ އަށް ކޮލިފައިންގެ އަނެއް ބުރަށް ދެވޭނެ ކަމަށެވެ.
ރާއްޖެއާ ބަންގްލަދޭޝް ވާދަކުރާ ދެ ވަނަ ލެގުގެ މެޗު ބަންގްލަދޭޝްގައި އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ހަވީރު އެވެ.
Comment