Advertisement

ފުޓްބޯޅައިގެ ހާލަތު އެނގޭ، ރާއްޖެ އަށް ބަންގްލަދޭޝް ކައިރިން ނަތީޖާއެއް ނެރެވޭނެ: ސުޒޭން

11 އޮކްޓޯބަރު 2023 - 15:02 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ސުޒޭން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ފުޓްބޯޅައިގެ ހާލަތު އެނގޭ، ރާއްޖެ އަށް ބަންގްލަދޭޝް ކައިރިން ނަތީޖާއެއް ނެރެވޭނެ: ސުޒޭން

11 އޮކްޓޯބަރު 2023 - 15:02 0

ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ބަންގްލަދޭޝްއާ ދެކޮޅަށް މާދަމާ ކުޅޭ މެޗަށް ނުކުންނައިރު، ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އެނގޭ ކަމަށާއި ގައުމީ ޓީމަށް މި މެޗުގައި ނަތީޖާއެއް ނެރެވޭނެ ކަމަށް ގައުމީ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ބަންގްލަދޭޝާ ދެކޮޅަށް މާދަމާ ކުޅޭ ކޮލިފައިން ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން، ވަނީ ގައުމީ ޓީމުގެ ތައްޔާރީތަކުގެ ވާހަކައިގައި ވަރަށް ގިނައިން ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެެކްރިއޭޝަންގެ އޭއެފްސީ ކަޕްގެ ތައްޔާރީގެ ވާހަކަ ދައްކައިފަ އެވެ.

"ވަރަށް ބޮޑަށް ބަރޯސާ އެބަވަން މާޒިޔާގެ އޭއެފްސީ ކަޕްގެ ތައްޔާރީތަކަށް. އެއީ (ގައުމީ) 23 ކުޅުންތެރިންގެ ސްކޮޑުގެ ތެރެއިން 15 ކުޅުންތެރިން މި ނިސްބަތްވަނީ މާޒިޔާ އަށް. ބާކީ ތިބި ކުޅުންތެރިންނާ އެކު، 15 ދުވަހު ތައްޔާރުވެގެން އިތުބާރާ އެކު މި ހުރީ،" ގަލޮޅު ދަނޑުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުންޏެވެ.

"މާޒިޔާގެ އޭއެފްސީ ކަޕްގެ ތައްޔާރުވުން އެއީ ވަރަށް ބޮޑު އެޑްވާންޓޭޖެއް ގައުމީ ޓީމަށް ލިބުނު، މާޒިޔާގެ އޭއެފްސީ ކަޕް ތައްޔާރުވުން އެނގެނީ މޯހަން ބަގާން، ދެން، މި ކޮޅުގައި ބަޝުންދަރާއާ ކުޅުނު މެޗަށް ބަލާއިރު، ހިތްހަމަޖެހޭ ކުޅުމެއް ފެނުނު. އެ ނަތީޖާއާ ހުރިހާ އެއްޗެއް ބަލާފައި މި ލިބުނު ވަގުތު ތެރޭ ރަނގަޅު ޕްރެޕަރޭޝަނެއް ހެދޭނެ ކަމަށް ގަބޫލުކޮށްގެން ނުކުތީ. ދެތިން ޓްރެއިނިން ނިންމާލިިއިރު ވަރަށް ބޮޑު ކޮންފިޑެންސެއް ލިބިގެންދިޔަ. މާޒިޔާ ތައްޔާރުވީ މި ފަހަކަށް ރާއްޖެ އައި އެންމެ ރަނގަޅު އެއް (ބިދޭސީ) ކޯޗު ކަމަށްވާ މިލޯއާ އެކު،"

ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުކަން 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުރި ސުޒޭން އަކީ ގައުމީ ޓީމަށް އެންމެ ފަހުން އިރުޝާދުދިން ދެ ބިދޭސީ ކޯޗުން، މާޓިން ކޫޕްމަން އާއި ފްރެންޗެސްކޯ މޮރިއޭރޯގެ ވެސް އެސިސްޓަންޓް ކޯޗެވެ.

ސުޒޭން ބުނީ މެޗެއް ނުކުޅެ، "އޭގެ ސީދާ 100 ޕަސެންޓް މިހެންނޭ" ނުބުނެވޭނެ ކަމަށާއި މަސައްކަތް ކުރަނީ ރަނގަޅު ނަތީޖާއަކަށް ކަމަށެެވެ.

"މި މެޗުގައި ނުކުންނަ ނަތީޖާ އަކީ، ކޮންމެ ނަތީޖާއެއް ނުކުތަސް އޭގެ ޒިންމާ ނަގަން ޖެހެނީ އަޅުގަނޑު، އަޅުގަނޑު ގަބޫލުކުރަން އެ ޒިންމާ ނަގަން ޖެހޭ ކަމަށް، އެއީ ހަވާލުމިވަނީ މި ހާލަތުގެ ތެރެއިން ނަތީޖާ ނެރެން،" ސުޒޭން ބުންޏެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ގައުމީ ކޯޗު ސުޒޭން ވާހަކަ ދައްކަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


އޭއެފްސީ ކަޕްގެ ކަލަންޑަރުގެ ކަންކަން އޮތްގޮތަށް ބަލާއިރު، ގައުމީ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ނިސްބަތްވާ މާޒިޔާގެ ކުުޅުންތެރިން ހިމެނިގެން ޕްރެކްޓިސް ކުރަން ގައުމީ ޓީމަށް ލިބެނީ މަދު ވަގުތުކޮޅެއް ކަމަށް ސުޒޭން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން، ސާފް 16 އަހަރާއި 19 އަހަރުން ދަށުގެ މުބާރާތަށް ލީގު މެދުކަނޑާލަންޖެހުމާއި 23 އަހަރުން ދަށުގެ ޓީމަށް ފަހު ވަގުތު މުބާރާތަށް ނުދެވުން މިއީ ވެސް ދިމާވި ހާލަތްތަކެއްކަން ސުޒޭން ވަނީ ފާހަގަކޮށްފަ އެވެ.

"ވަގުތު އޮތްނަމަ އަޅުގަނޑު އެދޭނަން ކޭމްޕެއް ނޫނީ މެޗެއް ކުޅެން. އެކަމަކު، މިދިޔަ މަހު އިންޓަނޭޝަނަލް ކަލަންޑަރުގެ ތެރޭގައި މެޗެއް ނުކުޅުން އެއީ ގެއްލުމެއް،" ސުޒޭން ބުންޏެވެ.

ބަންގްލަދޭޝް އިން މިދިޔަ މަހު އަފްގާނިސްތާނާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެ، ވޯލްޑް ކަޕް ކޮލިފައިން އަށް ތައްޔާރުވުމަކީ މި ވަގުތު އެ ޓީމަށް އެޑްވާންޓޭޖެއް ކަމަށް ސުޒޭން ގަބޫލުކުރެ އެވެ.

އުނދަގޫ ހާލަތުގައި ދިވެހި ކޯޗުން، ސުޒޭން ބުނަނީ ވާނެ ކަމަށް!

ސުޒޭން ބުނީ ރާއްޖޭގެ ފުޓްބޯޅައިގައި ހާއްސަކޮށް ގައުމީ ޓީމަށް ކޮންމެ ފަހަރަކު ވެސް އުނދަގޫ ހާލަތެއް އަންނައިރު، ޓީމާ ހަވާލުވެ ހުންނަން ޖެހެނީ ދިވެހި ކޯޗެއް ކަމަށެވެ. އަދި އެ ކޯޗެއް ހަވާލުވެފައި ބޮލުގައި އެޅިފައި އެ އޮތް ޒިންމާ އުޒުރެއް ދެއްކުމެއް ނެތި އަދާކުރެވޭނެ ފެންވަރު ދިވެހި ކޯޗުންގެ ހުރިކަން ސުޒޭން ފާހަގަކުރި އެވެ.

"ދިވެހި ކޯޗުންނަކީ މި ކަހަލަ އުނދަގޫ ހާލަތުގައި އަޅުގަނޑު އެކަންޏެއް ނޫން، މި ކަހަލަ ހާލަތުގައި އެ އޮތް ގޮތަކާ އެއްކޮށް، އޭގެ ތެރެއިން ބެސްޓް ނެރެވޭތޯ އެ އަށް މަސައްކަތް ކުރާ ބައެއް. އަޅުގަނޑުމެންގެ ރާއްޖޭގައި ބޭރު ކޯޗުން ފެންނާނީ ވަރަށް ގިނަ އުޒުރުތަކަކާ އެއްކޮށް ވަރަށް ގިނަ ވާހަކަތަކަކާ ތައްޔާރުވާން ވަގުތު ނެތް ކަމަށް ބުނެ، އޭނަ އެޑްވާންސްކޮށް ސަވައިވަލް އަށް ބޮޑެތި އުޒުރުތަކެއް ނެރި ކަންތައްތަކެއް ކުރަން އުޅޭތަން،" ސުޒޭން ބުންޏެވެ.

"އަޅުގަނޑުމެންގެ ފުޓްބޯޅަ މި އޮތް ހާލަތުގެ ތެރެއިން މި ލިބުނު ވަގުތާއި ހުރިހާ އެއްޗަކަށް ބަލާއިރު، އަޅުގަނޑުގެ އެއްވެސް ޝަކުވާއެއް ނެތް. ބަންގްލަދޭޝާ ކުޅެ ރަނގަޅު ނަތީޖާއެއް ނެރެވޭނެކަން އެ އަށް އަޅުގަނޑުގެ ޝައްކެއް ނެތް،"

ސުޒޭންގެ ކޯޗުކަމުގައި 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ވަނީ ބަންގްލަދޭޝް އަތުން 2-0 އިން މޮޅުވެފަ އެވެ. އަދި އެ ފަހުން މިދިޔަ، އަހަރު މާޗް މަހު، މާލޭގައި އެކުވެރިކަމުގެ މެޗަކުން ރާއްޖޭން 2-0 އިން ބަންގްލަދޭޝް ބަލިކުރިއިރު، ސުޒޭން ހުރީ މޮރިއޭރޯގެ އެސިސްޓަންޓް ކޯޗަކަށެވެ. ބަންގްލަދޭޝް އިން 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފޯ ނޭޝަންސް ކަޕްގައި ރާއްޖެ ބަލިކުރި އިރާއި މިދިޔަ ޖޫން މަހު ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އިން ރާއްޖެ އަތުން 3-1 އިން މޮޅުވިއިރު، ގައުމީ ކޯޗު މޮރިއޭރޯގެ އެސިސްޓަންޓަކަށް ހުރީ ސުޒޭން އެވެ.

"މޮރިއޭރޯ އެއީ މުޅިން އެހެން މީހެއް، އަޅުގަނޑު މީ އެހެން މީހެއް. އެސިސްޓަންޓަކަށް ހުއްޓަކަސް އަޅުގަނޑުމެންގެ ފިލޯސަފީ މުޅިން ތަފާތުވާނެ. މީގެ، މާޒިޔާ ޓީމުގައި ތިބި ކުޅުންތެރިން ވަރަށް ރަނގަޅު މަސައްކަތެއް ކޮށް، ދެން ބާކީ ތިބި ކުޅުންތެރިންނާ އެކު ރަނގަޅު މަސައްކަތްކޮށް، މި ކުޅުންތެރިން އެނގިގެން ކައިިރިން މަސައްކަތް ކުރި އެކަކަށް އަޅުގަނޑުވާނެ. އެއީ ވެސް ވަރަށް ބޮޑު އެޑްވާންޓޭޖެއް،" ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ މާޒިޔާގެ ކުޅުންތެރިން ތިބި ލެވަލާއި ޕްރެކްޓިހުގައި ފެންނަ ކަންކަމަށް ބަލާއިރު، "އުޑުބޮލަށްވެއްޓޭން އުޅޭ ކަމަށް" ބިރުގަނެގެން އުޅެން ނުޖެހޭ ކަމަށާއި ނަތީޖާ ނެރުމުގެ އުންމީދު އެބައޮތް ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވި މެޗުގައި ކަންކަން ހިނގި ގޮތާ ބަލާއިރު މިހާރު ހާލަތު ތަފާތު ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.

ސުޒޭން ބުނީ ސާފް ޗެމްޕިއަންޝިޕަށް ވުރެ މި މެޗުގައި މާގިނަ ޕޮޒިޓިވް ކަންތައްތަކެއް ރާއްޖެ އަށް ކުރެވޭނެ ކަމަށެވެ. ސާފް ޗެމްޕިއަންޝިޕްގެ އެ މެޗުގައި ދިމާވި ކަމަކީ ގައުމީ ޓީމުގެ ކުޅުންތެރިން "ވަރަށް ބޮޑަށް ޕެނިކްވެފައި" އޮތުން ކަމަށް ސުޒޭން ފާހަގަކުރި އެވެ.

ބަންގްލަދޭޝް އާއި ރާއްޖެ ކުޅޭ މެޗު ޕްރޮމޯޓް ކުރުމުގެ ކަންކަން ހުރި ގޮތާ މެދު ސުޒޭންގެ ވެސް ހިތްހަމަނުޖެހުންތަކެއް އެބަހުއްޓެވެ. ސީދާސީދާކޮށް އެ ވާހަަކަތައް ދެއްކުމުގެ ބަދަލުގައި ސުޒޭން ބުނީ ދިވެހި ފުޓްބޯޅަ ޕްރޮމޯޓްް ކުރަން އޭނާ އަށް ކުރެވޭނެ ހުރިހާ ކަމެއް އަބަދުވެސް ކުރާނެ ކަމަށެވެ.

"އަޅުގަނޑުގެ ވަރަށް ބޮޑު ރިކުއެސްޓެއް އޭރު ވެސް މިހާރު ވެސް ރާއްޖޭގެ ގައުމީ ޓީމު ގަލޮޅު ދަނޑުގައި މެޗެއް ކުޅޭކަމަށްވަންޏާމު، ފުޓްބޯޅަ މެޗެއް ކުޅޭ ކަމަަށްވަންޏާ ބެލުންތެރިން އައިސް އަޅުގަނޑުމެންނަށް އެ ސަޕޯޓް ދިނުން،" ފުޓްބޯޅައިގައި ގިނަ އަހަރުތަކެއް ވަންދެން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން އަންނަ ސުޒޭން ބުންޏެވެ.

"މިސާލަކަށް އަޅުގަނޑު ހުރި ސާފް ޗެމްޕިއަންޝިޕްގައި ވެސް މި ދަނޑު މުޅިން އެހެން ތަނެއްހެން ހީވާނީ، ފުލްކޮށް އޮތީ، ޓިކެޓް ނުލިބިގެން އެކަކު އަނެކަކު ޒުވާބުކޮށް ގަޔަށް އަތްލާ ހިސާބަށް ދިޔަ، އޭތި ގެނެވޭތޯ ކުރެވެން ހުރި މަސައްކަތް ކުރުން އޮތީ، އަޅުގަނޑަށް ކުރެވުނު މަސައްކަތެއް ކުރާނަން. ކުރިއަށް އޮތްތަނުގައި ވެސް،"

ގައުމީ ފުޓްބޯޅަ ޓީމުން މާދަމާ ހަވީރު 16:00 ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗުގެ ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ މިރޭ 20:00 ގަ އެވެ. ގަލޮޅު ދަނޑު އޮލިމްޕަސް ފަޅި، ޓިކެޓް ކައުންޓަރުން ޓިކެޓް ވިއްކާ ގޮތަށް ހަމަޖެހިފައިވާއިރު، މި މެޗަށް ޖުމްލަ އެކު، 4500 ޓިކެޓް ވިއްކާނެ އެވެ. އެއީ، ބަންގްލަދޭޝް ސަޕޯޓަރުންނަށް 20 ޕަސެންޓް ޓިކެޓް ވިއްކާ ގޮތަށެެވެ.