10 އޮކްޓޯބަރު 2023 - 11:07 1
މުހައްމަދު އުޝާމް
ޖެނެރަލް ޝިޔާމް؛ މައްސަލަ ބަލާ ގާޒީ ބަދަލުކޮށް އަހަރެއްހާ ދުވަސް ފަހުން ޝަރީއަތުގެ އަޑުއެހުމެއް ބާއްވައިފި - ފޮޓޯ: ރައީސް އޮފީސް
10 އޮކްޓޯބަރު 2023 - 11:07 1
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމްގެ މައްޗަށް ދައުލަތުން ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާގެ ޝަރީއަތް ބައްލަވާ ގާޒީ ބަދަލުކޮށް، އަހަރެއްހާ ދުވަސް ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު ބާއްވައިފި އެވެ.
ޝިޔާމަށް ދައުވާ ކުރަނީ ސިފައިންގެ އެންމެ އިސް ޖެނެރަލްގެ ގޮތުގައި އޭނާ ހުންނެވިއިރު ކ. ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު ހުންނަ ބިމުގައި ހުރި ވީއައިޕީ ގެއެއްގައި، އޭނާގެ ބައްޕަ އަހަރަކަށް ވުރެ ގިނަ ދުވަހު ބަހައްޓައި، އޭނާގެ ބައްޕަ ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ އޮފިސަރަކާ ހަވާލުކުރި ކަމަށް ބުނާ މައްސަލައިގަ އެވެ.
އެންމެ ފަހުން މި މައްސަލައިގެ އަޑުއެހުމެއް ބޭއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެއިރު އެ މައްސަލައާ ހަވާލުވެ ހުންނެވީ ގާޒީ ހަސަން ސައީދެވެ. އޭގެ ފަހުން އަޑުއެހުމެއް ބާއްވާފައި ނުވާއިރު މިދިޔަ އޭޕްރީލް 23، ގައި ގާޒީ ވަނީ ފަނޑިޔާރު ކަމުން ރިޓަޔާ ކުރައްވައިފަ އެވެ.
މިއަދު އަޑުއެހުން ފެއްޓެވީ، މި ފަހުން ކްރިމިނަލް ކޯޓަށް އައްޔަން ކުރި ގާޒީ އާމިނަތު އަޒުލިފާ އެވެ. އެންމެ ފަހުން މައްސަލައިގެ އަޑުއެހުން ބޭއްވުނީ މިދިޔަ އަހަރު ނޮވެމްބަރު މަހު ކަން ފާހަގަ ކުރެއްވުމަށް ފަހު، މައްސަލަ ގޮސްފައިވާ ހިސާބު މިއަދު ގާޒީ ސާފު ކުރެއްވި އެވެ.
ދައުލަތުން އަދި ދިފާއުން ވެސް ފާހަގަ ކުރި ގޮތުގައި، ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހުރިހާ ހެކިންގެ ހެކިބަސް ވަނީ ނަގައި ނިމިފަ އެވެ. ދެން އޮތީ ދިފާއުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ. ދިފާއުން ހުށަހަޅާފައިވަނީ ޝަފައީ ދެ ހެއްކެކެވެ.
ގާޒީ ނިންމެވީ މައްސަލަ ގޮސްފައިވާ ހިސާބުން މައްސަލަ ކުރިއަށް ގެންދިޔުމަށެވެ. ގާނޫނު ބުނާ ގޮތުން މައްސަލައެއްގެ މެދު ތެރެއިން ގާޒީއަކު ހަވާލުވާ ނަމަ، މައްސަލަ އަލުން ފެށުމާ މެދު ގޮތެއް ނިންމަން ޖެހެ އެވެ. މައްސަލަ ގޮސްފައިވާ ހިސާބުން ގެންދިޔުމަކީ ވެސް ފަނޑިޔާރުގެ އިހުތިޔާރުގައި އޮންނަ ކަމެކެވެ.
މި މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފައިވަނީ އެމްއާރުސީސީގެ ވީއައިޕީ ގޭގައި މީހުން ބޭތިއްބުމުގައި އަމަލުކުރާނެ ވަކި ހާއްސަ އުސޫލެއް ނެތް ނަމަވެސް، އެތަނުގެ އިމާރާތުގައި ހުރި ތަންތަނަކީ ސިފައިންގެ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން އަމަލުކުރެވޭ ތަންތަން ކަމަށްވާތީ، އެމްއާރުސީސީއަށް ހިނގާ އުސޫލު އެތަނުގެ ވީއައިޕީ ގެއަށް ވެސް ހިނގާނެ ކަމަށެވެ. އަދި އެމްއާރުސީސީގައި އާންމުންނަށް ދިރިނޫޅެވޭ އުސޫލުން ވީއައިޕީ ގޭގައި އާންމުންނަށް ދިރިނޫޅެވޭނެކަން އެނގޭ ކަމަށެވެ.
އޭގެ އިތުރުން ސިފައިންގެ ގާނޫނުގައި ބަޔާންކުރާ ސިފައިންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން އާންމު ފަރުދުންނަށް ފޯރުކޮށްދެންޖެހޭ ހިދުމަތެއް ފޯރުކޮށްދިނުން ފިޔަވައި، ސިފައިންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން އާންމު ފަރާތެއް ބެލެހެއްޓުމަށް ސިފައިންގެ އޮފިސަރެއް ހަމަނުޖެއްސޭނެ ކަމަށް ބުނެފައި އޮތް ނަމަވެސް، ޝިޔާމްގެ އެންގުމުގެ މަތިން ސިފައިންގެ އޮފިސަރެއް އޭނާގެ ބައްޕަ ބެލެހެއްޓިކަން ތަހުގީގަށް ހޯދާފައިވާ ލިޔުންތަކުންނާއި ލިބިފައިވާ މައުލޫމާތުން އެނގިފައިވާ ކަމަށެވެ.
އެ ކޮމިޝަނުން ބުނާ ގޮތުގައި ޝިޔާމްގެ ބައްޕަ ދިގު މުއްދަތަކަށް އެ ތަނުގައި ދިރިއުޅުމަށް ބަހައްޓައި، އަދި ބެލެހެއްޓުމަށް ސިފައިންގެ މުވައްޒަފެއް ބަހައްޓާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އެނގިހުރެ ސިފައިންގޭގެ ގާނޫނާއި ގަވައިދާ ހިލާފަށް އޭނާގެ ބައްޕައަށް ނާޖާއިޒު ފައިދާތަކެއް ހޯދައިދިނުމަށެވެ.
އަމިއްލަ ފަރާތަކުން ހުށަހެޅި އެ މައްސަލަ ތަަހުގީގުކޮށް، އޭސީސީން ކުރިން ނިންމީ އެކަމުގައި ކޮރަޕްޝަނެއް ނެތް ކަމަށެވެ. އެހެންނަމަވެސް މިދިޔަ އަހަރު ފަހުކޮޅު، ޕީޖީން މި މައްސަލަ އަލުން ތަހުގީގު ކުރުމަށް އެންގުމުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ ޝިޔާމްގެ މައްޗަށް ކޮށްދިނުމަށް އެ ކޮމިޝަނުން އެދުނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment