9 އޮކްޓޯބަރު 2023 - 11:40 0
މުހައްމަދު ނަސީމް
9 އޮކްޓޯބަރު 2023 - 11:40 0
ދައުލަތުގެ ހިސާބުކިތާބަށް ބަދަލު ގެންނަން އުޅޭ ކަމުގެ މައުލޫމާތު ލިބޭ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވެއްޖެ އެވެ.
މ. ދިމްޔާތުގައި މިއަދު ބޭއްވި މީޑިއާ ބްރީފިން ގައި ފިރުޒުލް ވިދާޅުވީ ލިޔެކިއުންތަކަށް ބަދަލު ގެންނަ ކަމުގެ މައުލޫމާތު ތަކުރާރުކޮށް ލިބެމުން އަންނަ ކަމަށެވެ. އެގޮތަށް ކަންތައް ނުކުރަން އިދާރާތަކަށް އިލްތިމާސްކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އާ ވަޒީފާތައް އުފެއްދުމާއި ވަޒީފާއަަށް މީހުން ނެގުން ފަދަ ކަންތައްތައް ކުރަމުން ގެންދާ ކަމުގެ މައުލޫމާތު ލިބޭ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެމުންދޭ ދައުލަތުގެ ހިސާބުކިތާބަށް، ކުންފުނިތަކާއި މުއައްސަސާތަކުގެ ހިސާބުކިތާބަށް ބަައެއް ބަދަލު ގެނެސް، ކުރީގެ ތާރީހުތަކުގައި ރަސީދުތައް އުފެއްދުމާއި މިފަދަ ކަންތައްތައް ހިނގަމުންދާ ކަމަށް،" ފިރުޒުލް ވިދާޅުވި އެވެ.
އެފަދަ ކަންތައްތައް ނުކުރަން އިލްތިމާސް ކުރައްްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދެގައުމަކަށް ސަފީރުން އައްޔަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ސަރުކާރުން ފޮނުވާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތުމުން އެކަމާ ވެސް އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އެއީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންވާ ބާރެއް ކަމަށް ވިޔަސް މި މަރުހަލާގެ (ސަރުކާރު ބަދަލުވާ މަރުހަލާގެ) ރޫހާ އެއްގޮތަށް އެފަދަ ކަންކަމުގައި އަމަލުކުރައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
Comment