Advertisement

ނަހަމަ ތަފާތުކުރުންތަކުގައި ގައުމުގެ މަސްލަހަތެއް ނޯންނާނެ!

6 އޮކްޓޯބަރު 2023 - 07:37 2

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ


ނަހަމަ ތަފާތުކުރުންތަކުގައި ގައުމުގެ މަސްލަހަތެއް ނޯންނާނެ!

6 އޮކްޓޯބަރު 2023 - 07:37 2

ހަކުރު ބަސްތާ ވަގަށް ނެގީ ނީލަގެރި އެތެވެ. އެކަމަކު ހިނި ވަގަށް ނެގީ އެންމެ ހަކުރު ފުކެކެވެ. މުޅި ދުނިޔެ މައިތިރި ނުވެގެން އެކަމުގައި އިންސާފު ގާއިމު ކުރުމަށް ތެދުވެއްޖެ އެވެ. ނޫސްވެރިން ލިޔެ ހަބަރުތައް ފަތުރަން ފަށައިފި އެވެ. ލަސްތަކެއް ނުވެ ހަކުރު ބަސްތާ ވަގަށް ނެގިކަމުގެ ތުހުމަތުގައި ހިނި ހައްޔަރުކުރެވިއްޖެ އެވެ. އަދި ހިނީގެ މައްޗަށް ޝަރީއަތް ހިންގައި، ހަކުރު ބަސްތާ ވަގަށް ނެގި ކަމުގެ ދައުވާ އުފުލައި ކުށް ސާބިތުވެއްޖެ އެވެ. ހެއްކަކީ ހިނީގެ އަތުން ފެނުނު ހަކުރު ފުކެވެ. ތެދެކެވެ. ހިނީގެ އަތުން ހަކުރު ފުކެއް ފެނުނެވެ. އެއީ އޭތި ވަގަށް ނެގި ހަމައެކަނި ފުކެވެ. އެކަމަކު ހަކުރު ބަސްތާ ވަގަށް ނެގީ އެތެވެ. އެތުގެ ބުރަކަށިމަތީގައި ހަކުރު ބަސްތާ އޮތުމުން އެއްވެސް މީހަކަށް ނުފެންނަނީ އެވެ. އެ "ބުރަކަށީގެ" އުސްކަމުންނެވެ. ފެނުނީއްޔާ ވެސް ވާނީ ކީއް ހެއްޔެވެ؟ އެތުގެ ބޮޑުކަމާއި ވަރުގަދަކަމުން އެގޮލާ ހައްޔަރުކުރުމަކީ ކެރި ކުޅަދާނަވެގެންވާ ކަމެއްކަމުގައި ނުވެ އެވެ. އެހެންވީމާ ޝަރީއަތް ހިންގަނީ ހިނީގެ މައްޗަށެވެ. އިންސާފާއި އަދުލުވެރިކަމުގެ ނަމުގައެވެ. ވަގުންގެ ކިބައިން މުޖުތަމައު ތާހިރުކުރުމަށެވެ.

އަދި މިވަރުންވެސް ނުވެ އެވެ. ނީލަގެރި އެތް ވަގަށް ނެގި ބަސްތާއިން މަދު މިންވަރެއް ނަގާކިޔާއުޅޭ ފަގީރުންނަށް ސަދަގާތްކުރެ އެވެ. އެހެންކަމާއެކު އެތުގެ އުމުރު ދަންމަވައިތޯ އެބައިމީހުން ދުއާކޮށް އުޅެ އެވެ. އަދި އެތުގެ ދީލަތިކަމާއި އިހްސާންތެރިކަމުގެ ވާހަކަ މުޖުތަމައުން ފިލާނުގޮސް ހަރުލައި ހުރެއެވެ. އެ ނީލަގެރި އެތަކީ ހަކުރު ބަސްތާ ވަގަށް ނެގި އަސްލު ކުށްވެރިޔާކަން އެއީ ހަގީގަތެއްކަން މިގޮތުގެ މަތީން އެންމެންމެ ހަނދާންނެތިވެ ހިނގައިދެ އެވެ.

ބަޔާން މިކޮށްލީ ސޯޝަލް މީޑިއާއިން ފެނުނު އިބުރަތްތެރި ވާހަކައެކެވެ. އިންސާފާއި އަދުލުގެ އެންމެ ފުރަތަމަ އަސާސްކަމަށްވާ ކުޑާއިބޮޑު ތަފާތުނުކުރުމުގެ އަސާސުން އިންސާނުން ފޭވެފައިވާ މިންވަރު މިސާލުގެ ޒަރީއާއިން އެވާހަކައިން ދައްކައިދޭ ގޮތުގެ ފުރިހަމަކަމުން ބަޔާންކޮށްލެވޭ ގޮތްވީ އެވެ.

ފުންކޮށް ނަޒަރެއް ދެއްވާ ވިސްނާވަޑައިގެން ބައްލަވާށެވެ! މާތް ނަބިއްޔާގެ ޒަމާނުގައި މަޚްޒޫމީ އަންހެން ކަނބަލަކު ވައްކަންކުރި އެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން އަރަބީންގެ އެންމެ ޝަރަފުވެރި އެންމެ މާތް ގަބީލާއަކީ ޤުރައިޝްވަންހަ އެވެ. މިވަންހައަށް ނިސްބަތްވާ އެތައް ދަރިކޮޅެއް އޮތްއިރު، މަޚްޒޫމީ ދަރިކޮޅަކީ ޤުރައިޝް ވަންހައަށް ނިސްބަތްވާ ނަސަބުގެ ގޮތުން އަރާހުރި ޝަރަފުވެރި ދަރިކޮޅެކެވެ. އެހެންވީމާ ވައްކަން ކުރިކަމަށް ރިވާވެގެންވާ މަޚްޒޫމީ ދަރިކޮޅުގެ މި އަންހެން ކަނބަލަކީ ނަސަބުގެ ގޮތުންނާއި ޝަރަފުވެރިކަމުގެ ގޮތުން އިއްޒަތްތެރި ބޮޑެއްގެ ދަރި ބޮޑެކެވެ. އެކަނބުލޭގެ ވައްކަން ކުރީމާވެސް އޮންނާންވީ އަދަބަކީ ހަމަ ނިކަމެތި މީހަކު ވައްކަންކުރީމާވެސް ދެވޭ އަދަބުކަމުގައި ވެގެން މިކަމާ ޤުރައިޝް ވަންހައިގެ ބޮޑެތި ޝަރަފުވެރީންގެ ބަޔަކު ނުހަނު ކަންބޮޑުވެއްޖެ އެވެ. މިކަމުގައި "ހާއްސަ" ގޮތެއް ހަދާލެވޭތޯ މާތް ނަބިއްޔާ އަރިހަށް ގޮސް ވާހަކަ ދައްކާލަން ކެރޭނެ ބޭކަލަކީ ކޮން ބޭކަލެއްތޯ މަޝްވަރާކުރެވިއްޖެ އެވެ. މަޝްވަރާއިން ނިމުނީ އުސާމަތުގެފާނު އެކަމައިގެން ފޮނުއްވުމަށެވެ. އެހެނީ އުސާމަތުގެފާނަކީ މާތް ނަބިއްޔާ ނުހަނު ލޯބިފުޅުވާ ޞަހާބީ ބޭކަލެއްކަމަށްވުމާއެކު، އުސާމަތުގެފާނު އެކަމުގައި އެ އަންހެން މީހާއަށް ހާއްސަ ގޮތެއް ހައްދަވައިދެއްވާތޯ ދަންނަވައިގެން މާތް ނަބިއްޔާގެ ހިތްޕުޅު އެކަމަށް ލަންބަވާފާނޭކަމަށް ކުރެވުނު ލަފަޔެކެވެ.

ކަންވެގެން ދިޔައީ ހީކުރި ގޮތާ މުޅިން ހިލާފު ގޮތަކަށެވެ. އުސާމަތުގެފާނުން މާތް ނަބިއްޔާ އަރިހުގައި އެވާހަކަ ދެންނެވުމުން ހަދީސް ކުރެއްވި އެވެ. މާތް ﷲ ކަނޑައެޅުއްވި ހައްދުތަކުގެ ތެރެއިން ހައްދަކުން މީހަކު ސަލާމަތްކުރުމަށް މަސައްކަތްކުރަނީ ހެއްޔެވެ؟ އެއަށްފަހު މާތް ނަބިއްޔާ އިންނެވި ތަނުން ތެދުވެވަޑައިގެން ހަދީސް ކުރެއްވި އެވެ. "އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައި މީހުންގެ ތެރެއިން އިސްވެދިޔަ މީހުންގެ ތެރެއިން ހަލާކުވެގެން ދިޔަ މީހުން ހަލާކުވެގެން ދިޔައީ، އެއީ އެބައި މީހުންގެ ތެރެއިން އިއްޒަތްތެރިއަކު ވައްކަންކޮށްފި ނަމަ އެބައި މީހުން އެމީހަކު ދޫކޮށްލަ އެވެ. އަދި އެކަމަކު ނިކަމެއްޗަކު ވައްކަން ކޮށްފިނަމަ، އެމީހަކަށް އެބައިމީހުން އަދަބުދެއެވެ. ﷲ ގަންދެއްވައި ޙަދީޘްކުރައްވަމެވެ. މުޙައްމަދުގެފާނުގެ ދަރި ފާތިމަތުގެފާނުން ވައްކަންކުރިނަމަ، އެކަމަނާގެ އަތްވެސް ކަނޑުއްވާހުށީމެވެ."

މާތް ނަބިއްޔާ މި ހަދީސް ބަސްފުޅުގައި ބަޔާންކޮށްދެއްވާފައި އެވަނީ އަދުލު އިންސާފުގެ މަތިވެރި އަސާސެވެ. އަދި އެންމެ މުހިންމު އެއް އަސާސްވެސްމެއެވެ. އާދޭހެވެ! ހަދީސް އެކުރައްވަނީ އެވެ. އަމިއްލަ ދަރިކަނބަލުން ވައްކަންކުރިޔަސް އަދަބަކީ އެއް އަދަބުކަމުގައެވެ. އަދި ފަސްޖެހިވަޑައިގަތުމަކާ ނުލައި ތަންފީޒުކުރައްވާނޭކަމުގައެވެ.

ނިކަން ވިސްނާވަޑައިގެން ބައްލަވާށެވެ! ޤުރައިޝް ވަންހައިގެ ޝަރަފާއި އިއްޒަތަށެވެ. އެވަންހައަށް ނިސްބަތްވާ އެންމެހާ ދަރިކޮޅަކާއި އެދަރިކޮޅަކަށް ނިސްބަތްވާ އެންމެތަކުންނަށް އެޒަމާނުގައި ލިބި އޮތް ގަދަރާއި ލޯތްބާއި ޝަރަފުވެރިކަމުގެ ބޮޑުކަމަށެވެ. މިޒަމާނުގައި ނަގާ ފަދައިން ވޯޓެއް ނަގައިފިނަމަ، އަރަބި ކަރައިގައި އެޒަމާނުގައި އެންމެ ހެޔޮ މީހުން ތިބި ގަބީލާއަކަށް ނުވަތަ އެންމެ ޝަރަފުވެރި ގަބީލާކަމުގައިވެސް ޤުރައިޝް ވަންހަ ހޮވިގެންދާނެކަމާމެދަކަށް ހަމަ އެއްވެސް ޝައްކެތް ނެތެވެ. ނިސްބަތްވާ މީހުންގެ އަދަދުން ބަލާ ނަމަހީވެސް ޤުރައިޝް ވަންހައަށްވުރެ ވަކީން އާބާދީގެ ގޮތުން ތަނަވަސް، މީހުނުގެ ގޮތުން ގިނަ އެހެން ގަބީލާއަކީ އޭރު ކޮބާތޯ އެވެ.

އަދުލު އިންސާފަކީ އެމީހަކަށް ލިބި އޮތް ނަސަބުގެ މޮޅުކަމަކުން، ނުވަތަ މަގާމުގެ ބޮޑުކަމަކުން، ނުވަތަ އެމީހަކު ދިރިއުޅޭ ތަނުގައި އެމީހަކަށް ލިބި އޮންނަ ތާއީދުގެ ބޮޑުކަމަކުން ތަފާތުކުރެވިގެންވާނެ އެއްޗެއް ނޫނެވެ. އަދި، އެމީހަކަށް ތާއީދު ނެތްހެން ހީވީމާ، އެމީހަކީ ކުށްވެރިޔަކަށްވެފައި، އެމީހަކަށް ތާއީދު ބޮޑުހެން ހީވީމާ އެމީހަކީ، ކުށްވެރިޔެއް ނޫންކަމަށް ދޭހަވާ މޭރުންތަކުން ދައުލަތްތަކުގެ ވެރިންނާއި ވަޒީރުން ކަންކުރަމުން ގެންދިއުމަކީ، މަސްލަހަތުގެ ނަމުގައި ކުރިޔަސް އަދުލުއިންސާފާއި ޝަރީޢާގެ ހަމަތަކުން ބަލާއިރު، މަސްލަހަތު އެކީއެކަށް ނަގާލައި އަދުލު އިންސާފު ސުންނާފަތިކޮށްލުމެވެ.

ވަރަށް ސީދާ ސާދާކޮށް ވިސްނަވާށެވެ. މިސާލަކަށް އެހެރަގޭ އުޅޭ މަހަށް ދާ ހަސަނު ވެސް އެހުރީ ވައްކަންކޮށްގެން ޖަލަށް ލެވިފަ އެވެ. މިހިރަ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރު ވެސް ހުރީ ހަމަ އެބާވަތުގެ ކުށެއް ކޮށްގެން ޖަލަށް ލެވިފަ އެވެ. އެކަމަކު ހަސަނަކީ މަސްވެރިއަކަށްވީމާ، އޭނާގެ އަދަބު ޖަލުގައި ތަންފީޒުވަމުން ދާއިރު، ރައްޔިތުންގެ މަޖިލީހުގެ ދެންނެވުނު ދާއިރާގެ އިއްޒަތްތެރި ބޭފުޅާއަށް އޮންނަ ތާއީދުގެ ބޮޑުކަމަށްޓަކައި، އޭނާގެ އަދަބު، އަމިއްލަ ގޭގެ އޭސީ ކޮޓަރީގައި ތަންފީޒުކުރުމަށް ދޫކޮށްލެވޭނަމަ، އެކަމުގައި މަސްލަހަތު އޮތްކަމަށް ގައުމުގެ ވެރީންނަށް ހީފުޅުވާނަމަ، އަޅުގަނޑު ދެން ދަންނަވާނީ ކީކޭތޯއެވެ. ޤުރައިޝް ވަންހައަށް ނިސްބަތްވާ ޝަރަފުވެރި ދަރިކޮޅުގެ އަންހެން ކަނބަލެއްގެ ހައްގުގައި ޝަފާއަތްތެރިވާން އައުމުން އުސާމަތުގެފާނަށް މާތް ނަބިއްޔާ އިއްވި ބަސްފުޅު އިސްވެ ހިނގާއްޖެއެވެ. މަޚްޒޫމީ ދަރިކޮޅަށް ތާއީދާއި ލޯބި އޮތް މިންވަރު، ޤުރައިޝް ވަންހައިގެ ބޮޑުން އެކަމާ އުޅުއްވި ގޮތުން ސާފުކޮށް ހާމަޔަށް ފެންނާން ނެތްތޯއެވެ.

ވަކި މީހަކީ ސިޔާސީ ކުށްވެރިއެއްކަމުގައި ވެގެން އެމީހަކަށް ލުޔެއް ދޭނަމަ، އެކަންވެސް ކުރަންވާނީ އެމީހަކީ ކުށެއް ނެތް ބަރީއަ މީހެއްކަން މީސްތަކުންނަށް އަންގައިދެމުންނެވެ. އެކަމަކު ކުށްވެރިއެއްކަމަށްވެފައި، ހަމަ އެކުށުން ކުށްވެރިވި އެހެން އެއްވެސް މީހަކަށް ނުލިބޭ ލުއިތަކެއް، ވަކި މީހަކީ ސިޔާސީ ގޮތުން ފުންނާބު އުސް މީހަކަށް ވެގެން ދިނުމަކީ، ކަނޑައެޅިގެން ހުރި ނަހަމަ ތަފާތުކުރުމެވެ. މާތް ނަބިއްޔާ އިށީނދެވަޑައިގެން އިންނެވި ތަނުން ތެދުވެ ވަޑައިގެން މީސްތަކުންނާ މުހާތަބުކުރައްވަން ޖެހިވަޑައިގަތީ އެކަމުގެ ބޮޑުކަމުންނެވެ. އަދި އެކަމަކީ އައު ކަމެއް ވެސް ނޫނެވެ. އިހު އުޅުނު މީހުންވެސް ކޮށްއުޅުނު ކަމެކެވެ. އާދޭހެވެ! އިހު އުޅުނު މީސްތަކުން ހޯދައިގެން ހަލާކާއި ގެއްލުން ހޯދައިގަތް މަގާއި ވައްޓަފާޅިވެސްމެއެވެ.

މާތް ނަބިއްޔާގެ މާތް ހަދީސްފުޅަކީ ހަމަޔަގީނުން ހުރި ސާފު ހުދު ތެދެވެ. "އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން އިސްވެދިޔަ މީހުންގެ ތެރެއިން ހަލާކުވެގެން ދިޔަ މީހުން ހަލާކުވެގެންދިޔައީ، އެއީ އެބައިމީހުންގެ ތެރެއިން އިއްޒަތްތެރިއަކު ވައްކަންކޮށްފި ނަމަ އެބައިމީހުން އެމީހަކު ދޫކޮށްލައެވެ. އަދި އެކަމަކު ނިކަމެއްޗަކު ވައްކަންކޮށްފިނަމަ، އެމީހަކަށް އެބައިމީހުން އަދަބުދެއެވެ. ﷲ ގަންދެއްވައި ޙަދީޘްކުރައްވަމެވެ. މުޙައްމަދުގެފާނުގެ ދަރި ފާތިމަތުގެފާނުން ވައްކަންކުރިނަމަ، އެކަމަނާގެ އަތްވެސް ކަނޑުއްވާހުށީމެވެ."