5 އޮކްޓޯބަރު 2023 - 10:35 0
5 އޮކްޓޯބަރު 2023 - 10:35 0
ލަންޑަން (އޮކްޓޫބަރު 5) - އިނގިރޭސީ ޕްރިމިއާ ލީގުގައި މިދިޔަ ހަފްތާގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން ބަލިވި މެޗުގައި، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު)އިން ހެދި ގޯސްތަކުގެ ސަބަބުން އެ މެޗު އަލުން ކުޅެން ޖެހޭނެ ކަމަށް ލިވަޕޫލްގެ ކޯޗުގެ ޔާގެން ކްލޮޕް ބުނެފި އެވެ.
މެޗުގެ ފަހު ވަގުތު ޖޮއެލް މަޓިޕް އަތުން ބައިކޮޅަށް ވަތް ގޯލާ އެކު 2-1 އިން ލިވަޕޫލް ބަލިވި މެޗުގައި ރެފްރީގެ ގިނަ ނިންމުންތަކަކަށް ކްލޮޕް ވަނީ ފާޑުކިޔައިފަ އެވެ. އެ ގޮތުން އޭނާ އެ މެޗު ސިފަކުރީ އޭނާގެ ހަޔާތުގައިވެސް ފެނުނު އެންމެ ނާއިންސާފު މެޗުގެ ގޮތުގަ އެވެ.
ކްލޮޕްގެ އެންމެ ބޮޑު ހިތްހަމަނުޖެހުމަކީ އެ މެޗުގެ ފުރަތަމަ ހާފުގައި ލުއިސް ޑިއާޒް ޖެހި ގޯލެއް ވީއޭއާރުން އޮފްސައިޑްކަމަށް ނިންމުމެވެ. ރީޕްލޭ އަށް ބަލާއިރުވެސް ޑިއާޒް ޖެހި ގޯލު ރަނގަޅުކަަމަށް ފެންނައިރު، މި މެޗަށްފަހު ޕްރިމިއާ ލީގުގެ ރެފްރީންގެ ކަންކަން ބަލަހައްޓަމުން އަންނަ ޕްރޮފެޝަނަލް ގޭމްސް އޮފިޝަލްސް ލިމިޓެޑް (ޕީޖީއެމްއޯއެލް) އިން މެޗަށްފަހު ބުނީ ޑިއާޒް ޖެހި ގޯލު ބަލައިނުގަނެވުނީ، "ސިގްނިފިކަންޓް ހިއުމަން އެރާ" އެއްގެ ސަބަބުން ވީއޭއާރް ރަނގަޅަށް ނުބެލިގެން ކަމަށެވެ.
މި ނޫސްބަޔާނަށް ފަހު ކްލޮޕް ބުނީ ވީއޭއާރުން މިފަހަރު ހެދި ގޯހަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ގޯހެއް ނޫންކަމަށާއި، މިކަމުގައި އޮތް ހަމައެކަނި އިންސާފުވެރި ގޮތަކީ މެޗު އަލުން ކުޅުން ކަމަށެވެ.
އޭނާ ބުނީ މިއީ ކުރިން ހިނގާފައިވާވަރުގެ ކަމެއް ނޫން ކަމަށާއި، މެޗު އަލުން ކުޅުމަކީ އޭނާ ބޭނުންވާ ގޮތް ކަމަށެވެ. ނަމަވެސް އެކަން ވާނެހެން ހީނުވާ ކަމަށް ވެސް ކްލޮޕް ވަނީ ބުނެފަ އެވެ.
ވީއޭއާރު ބޭނުންކުރަން ފެށިފަހުން ރެފްރީންގެ ފަރުވާކުޑަކަމުން ގިނަ ގޯސްތަކެއް ހެދެމުންދާތީ ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ. އެ ގޮތުން ވީއޭއާރުގެ ސަބަބުން މެޗުތަކުގައި ރެފްރީން ނިންމާ ގޯސް ނިންމުންތައް ރަނގަޅުކުރުމަށް އެހީނުލިބޭނަމަ ވީއޭއޭރު ބޭނުންކުރުން ބޭކާރުކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ޓޮޓެންހަމް އަތުން ލިވަޕޫލް ބަލިވި މެޗުގައި ޑިއާޒް ޖެހި ގޯލުގެ އިތުރުން ލިވަޕޫލްގެ ކާޓިސް ޖޯންސް އަށް ވީއޭއާރު ބެލުމަށްފަހު ދެއްކި ރަތް ކާޑަށް ވެސް ކްލޮޕް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އަދި އެ މެޗުގައި ލިވަޕޫލްގެ ޑިއޯގޯ ޖޮޓާ އަށް ވެސް ދެ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކިއިރު، ފުރަތަމަ ރީނދޫ ކާޑު ދެއްކީ ރަނގަޅަށް ނޫން ކަމަށް ވެސް ކްލޮޕް ވަނީ ބުނެފަ އެވެ.
Comment