މެޑްރިޑް (ޖެނުއަރީ 13) - ރެއާލް މެޑްރިޑްގެ ކޯޗުކަމުން އަށް މަސް ތެރޭ ޒަބީ އަލޮންސޯ ވަކިކުރުމަށް ފަހު، އެ ޓީމުގެ ކޯޗުކަމާ ގުޅޭ މެސެޖުތަކެއް ލިވަޕޫލާއި ބޮރޫޝިއާ ޑޯޓްމަންޑްގެ ކުރީގެ ކޯޗު ޖަރުމަނުގެ ޔާގަން ކްލޮޕަށް ލިބުނު ކަމަށް ބުނެފި އެވެ.
މިދިޔަ އަހަރުގެ މެއި މަހު، ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ރެއާލުން ގެނައި އަލޮންސޯ އަށް އެ ކްލަބްގައި އެއް އަހަރު ވެސް ނުހުރެވުނެވެ. ރެއާލަށް ކުރިން ކުޅުނު އަލޮންސޯ، އެންމެ ފަހުން އެ ޓީމަށް އިރުޝާދުދިން މެޗަކީ، ސްޕެނިޝް ސުޕަ ކަޕް ފައިނަލުގައި ބާސެލޯނާއާ ދެކޮޅަށެވެ. އެ މެޗުން ރެއާލް ވަނީ 3-2 އިން ބަލިވެފަ އެވެ.
ޑޯޓްމަންޑްގެ ކޯޗުކަމުން، 2015 ވަނަ އަހަރު މެއި މަހު ވަކިވި ކްލޮޕް، އެ އަހަރުގެ އޮކްޓޫބަރުގައި ލިވަޕޫލާ ހަވާލުވި އެވެ. އެ ޓީމުގައި ނުވަ އަހަރު ހޭދަކޮށް، 2024 ވަނަ އަަހަރު މެއި މަހު އެ ޓީމު ދޫކޮށްލަން ނިންމީ އެވެ. އަދި، ފުޓްބޯޅަ ކޯޗިން އިން ދުރަށް ޖެހިލައި، މިހާރު މަސައްކަތް ކުރަމުން އަންނަނީ، ރެޑްބުލް ފުޓްބޯލް ގްރޫޕްގެ ގްލޯބަލް ހެޑްގެ މަގާމުގަ އެވެ. އެ ވަޒީފާގައި ހުއްޓައި، ގިނަ ކްލަބްތަކެއްގެ ކޯޗުކަމުގެ އޮފާ ލިބުނު ނަމަވެސް ވަނީ ދޫކޮށްލައިފަ އެވެ.
"އަހަންނަށް ލިބުނު އޮފާ. އެކަމަކު އެއީ ސީދާ މެޑްރިޑްގެ މަގާމުތަކުގައި ތިބި މީހުންގެ ފަރާތަކުންނެއް ނޫން. އެހެންނަމަވެސް މި ކަމާ ގުޅިގެން އަހަންނަށް ހުށަހެޅުންތަކެއް އައި، މެސެޖުތަކެއް ލިބުނު އެއާ(ރެއާލްގެ ވަޒީފާ) ބެހޭގޮތުން،" ކްލޮޕް ބުންޏެވެ.
ކްލޮޕް ބުނީ، ރެއާލުން އަލޮންސޯ ވަކިކުރި ގޮތުން ފެންނަން އޮތީ މިހާރު ފުޓްބޯޅައިގެ ހާލަތު އޮތް ހިސާބު ކަމަށެވެ. އަދި، އަލޮންސޯ އަށް ރެއާލުގެ ކޯޗުގެ މަގާމުގައި ދިގު މުއްދަތަކަށް ނުހުރެވޭނެ ކަމުގެ ވާހަކަތައް މީޑިއާގައި ދެކެވެމުން ދަނިކޮށް، ބާސެލޯނާ އަތުން ސްޕެނިޝް ސުޕަ ކަޕް ފައިނަލުގައި ބަލިވިތަނާ އެ ނިންމުން ރެއާލުން ނިންމުމަކީ މިހާރުގެ ފުޓްބޯޅައިގައި ނަތީޖާ ނެރުމަށް އޮތް ޕްރެޝަރުގެ ބޮޑުކަން ހާމަވާ ކަމެއް ކަމަށް ކްލޮޕް ފާހަގަކުރި އެވެ.
އަލޮންސޯ ވަކިކޮށް، ރެއާލުން ކޯޗުކަން ދިނީ، ރިޒާވް ޓީމު، ކަސްޓީލިއާގެ ކޯޗު، އަލްވާރޯ އާބެލޯއާ އަށެވެ. ރެއާލުން ދާއިމީ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރާއިރު، ކްލޮޕަކީ އެ ލިސްޓުގައި ހިމެނޭ ކޯޗެކެވެ.
Comment