3 އޮކްޓޯބަރު 2023 - 12:12 0
3 އޮކްޓޯބަރު 2023 - 12:12 0
ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތް ބާއްވަން ވޮލީބޯޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ތައްޔާރުވާން ފަށައިފި އެވެ.
ކުޅިވަރުގެ ޒުވާން ތަރިން އުފައްދައިދޭ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2019ގެ މާޗު މަހުގެ ތެރޭގަ އެވެ. އެފަހަރުގެ މުބާރާތުގައި މާލެއިންނާއި އަތޮޅުތަކުން ޖުމްލަ 16 ސްކޫލަކުން ބައިވެރިވި އެވެ. އޭގެ ތެރޭގައި އަތޮޅުތަކުގެ ނުވަ ސްކޫލެއް ހިމެނެ އެވެ.
މިއަހަރު ސްކޫލް މުބާރާތް ބާއްވަން ތާވަލްކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 22 ގަ އެވެ. އަދި މުބާރާތުގައި ބައިވެރިވުމުގެ ފަހު ތާރީހަކީ މިމަހުގެ 12 ވަނަ ދުވަހު އެވެ. އެހެން އަހަރުތަކާ ހިލާފަށް މިފަހަރުގެ ސްކޫލް މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އެކުވެނި ޓަރފް ވޮލީކޯޓުގަ އެވެ.
ސްކޫލް ވޮލީބޯޅަ މުބާރާތާތަށް ގިނަ ސްކޫލްތަކަކުން ވަނީ ފަރިތަކުރުންތައް ފަށާފަ އެވެ. ނަމަވެސް މިމަހުގެ ފަހުކޮޅު ބައެއް ގްރޭޑްތަކުގެ ޓެސްޓްތައް އޮތުމާއިއެކު މުބާރާތުގައި ރަނގަޅު ކާމިޔާބީތައް ހޯދާފައިވާ ބައެއް ސްކޫލުތަކުގެ ބައެއް ޓީމްތަކުން ޕްރެކްޓިސް ނުފަށަ އެވެ.
މީގެ ހަތަރު އަހަރުކުރިން ބޭއްވި އިންޓަ ސްކޫލް މުބާރާތުގައި އަތޮޅުތަކުގެ ޓީމްތަކުން ރަނގަޅު ކާމިޔާބީތަކެއް ހޯދި އެވެ. މިގޮތުން 14 އަހަރުން ދަށާއި، 16 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީވެސް އަތޮޅުތަކުން ވާދަކުރި ޓީމްތަކުންނެވެ.
ސާދަ އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ބ.ގޮއިދޫ ސްކޫލުންނެވެ. ނުވަ ސްކޫލަކުން ބައިވެރިވި މި އުމުރުފުރާގެ ފައިނަލުގައި ގޮއިދޫ ސްކޫލާ ދެކޮޅަށް ނުކުތީ ފ.ފީއަލީގެ ފ.އަތޮޅު ސްކޫލެވެ.
ހަ ސްކޫލް ބައިވެރިވި 14 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ފ.އަތޮޅު ސްކޫލުންނެވެ. އެޓީމާ ދެކޮޅަށް ފައިނަލުގައި ނުކުތީ ވ.ކެޔޮދޫ ސްކޫލެވެ.
ސޯޅަ އަހަރުން ދަށުގެ އަންހެން ބައިގެ ފައިނަލުގައި ފ.އަތޮޅު ސްކޫލް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ބ.ގޮއިދޫ ސްކޫލުންނެވެ. މި އުމުރުފުރާގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ވ.ކެޔޮދޫ ބަލިކޮށް ފ.އަތޮޅު މަދަރުސާ އެވެ.
މުބާރާތުގެ އެންމެ ސީނިއާ އުމުރުފުރާކަމަށްވާ 19 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ސެންޓަަ ފޯ ހަޔަ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އެވެ. އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުންނެވެ.
Comment