26 ސެޕްޓެންބަރު 2023 - 23:33 0
ރައީސް ސޯލިހު ކެމްޕެއިން ޖަލްސާއެއްގެ ތެރެއިން: ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
26 ސެޕްޓެންބަރު 2023 - 23:33 0
ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެ ދާއިރާގެ އެންމެން ތަމްސީލު ކުރެވޭނެ އެޑްވައިޒަރީ ކޮމެޓީއެއް މިނިސްޓްރީގައި އުފައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ވެރި ރަށް މާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީގެ ތެރޭގައި އެޑްވައިޒަރީ ކޮމެޓީއެއް ނުވަތަ ކޮމިޝަނެއް އުފެއްދުމަށް އެ ދާއިރާގެ މުވައްޒަފުން އެމަނިކުފާނަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މުވައްޒަފުން އެދޭ ގޮތަށް އެފަދަ ކޮމެޓީއެއް އުފައްދަވައި، އެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އެއް ކަމަކަށް އެބޭފުޅުުން ހުށަހެޅުއްވި، މިނިސްޓްރީ އޮފް ޓުއަރިޒަމްގައި އެޑްވައިޒަރީ ކޮމެޓީއެއް ނުވަތަ ކޮމިޝަނެއް އުފައްދަން. އެއީ މުވައްޒަފުންނާއި ރިސޯޓު އޯނަރުންނާއި ޓުއާ އޮޕަރޭޓަރުންނާއި އެހެންގޮސް މި ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ބައެއް ހިމެނޭ ގޮތަށް އެޑްވައިޒަރީ ކޮމެޓިއެއް އުފައްދައި އެ އެންމެންގެ ލަފާގެ މަތިން އިންޑަސްޓްރީ ކުރިއަރުވަން ގޮތްތަކެއް ނިންމުމަށް،" ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން ވެސް ރައީސް ސޯލިހު މިރޭ ވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ވައުދުތަކެއް އިއުލާނު ކުރައްވައިފަ އެވެ. އެގޮތުން ހަފުތާއަކު ދެ ދުވަސް މުވައްޒަފުންނަށް ޗުއްޓީ ދިނުމާއި ޖެނެރަލް މެނޭޖަރުންގެ ލެވެލާ ހަމައަށް މީހުން ތަމްރީނު ކުރުމަށް ސްކޮލާޝިޕް ދިނުން ހިމެނެ އެވެ.
ހަމަ އެހެންމެ، ފަތުރުވެރިކަމުގެ ދާއިރާގެ ތެރޭގައި ހިމެނޭ އެއާޕޯޓު މުވައްޒަފުންނާ ގުޅޭ ބައެއް ކަންކަން ވެސް ރައީސް އިއުލާނު ކުރެއްވި އެވެ. އޭގެ ތެރޭގައި، އެއާޕޯޓުގެ އޭޕްރަންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ރިސްކް އެލަވަންސް ދިނުން ހިމެނެ އެވެ. އަދި އެއާޕޯޓުގެ މުވައްޒަފުންގެ މުސާރައިގެ 50 ޕަސެންޓް ޑޮލަރުން ދިނުމަށް މީގެ ދެ ހަފުތާ ކުރިން ވެވަޑައިގެންފައިވާ ވައުދު ފުރިހަމަ ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ، ސެޕްޓެމްބަރު 9، ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު އެމަނިކުފާނު އިއުލާނު ކުރައްވަމުންދަނީ އާ ވައުދުތަކެއް ނޫން ކަމަށާއި އެއީ މުޅިން ވެސް މެނިފެސްޓޯގައި ލިޔެފައި ހުރި ކަންތައް ކަމަށެވެ. ނަމަވެސް، އޮޅުވާލުމުގެ ނިޔަތުގައި ބަޔަކު ދޮގުހަދާތީ އެކަންކަމުގެ ތަފުސީލަށްދާން އެމަނިކުފާނަށް މަޖުބޫރުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"މަސްވެރިންނަށް ބޮޑު އަގު ދޭން އަޅުގަނޑު މިއަދު އިއުލާނު ކުރި ނަމަވެސް އެއީ އަޅުގަނޑުމެން މެނިފެސްޓޯގައި ލިޔެފައި އޮތް އެއްޗެއް. ދުވަސްވީ މީހުންނަށް އިނާޔަތް އިތުރުކޮށްދިނުމުގެ ވާހަކައަކީ މެނިފެސްޓޯގައި ލިޔެފައި އޮތް އެއްޗެއް. މާލޭގެ މީހުންނަށް ގޯތި ދީ، ބޯހިޔާވަހިކަން ހޯދައިދިނުމަކީ މެނިފެސްޓޯގައި ލިޔެފައި ހުރި ވާހަކަތަކެއް،" ރައީސް ވިދާޅުވި އެވެ. "ބައެއް މީހުން އޮޅުވާލަން ދޮގު ހަދައިގެން ވާހަކަ ދައްކާތީ އަޅުގަނޑަށް އިތުރު ތަފުސީލަށްދާން މަޖުބޫރުވެގެން އެކަންތައްތައް މި ހާމަ ކުރަމުންދަނީ."
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހެވެ. ރައީސް ސޯލިހުގެ އިތުރުން އެ އިންތިހާބުގައި ވާދަ ކުރައްވަނީ އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒު 46 ޕަސެންޓް ވޯޓު ހޯއްދެވިއިރު، ރައީސް ސޯލިހަށް ލިބިވަޑައިގަތީ 39 ޕަސެންޓް ވޯޓެވެ.
Comment