Advertisement

ދައުލަތުން ޔާމީނަށް ދިން ރައްދު؛ ފައިސާ ދައުރުކުރި ގޮތުން އޭގެ އަސްލު އޮޅުނު

26 ސެޕްޓެންބަރު 2023 - 19:23 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް އަބްދުﷲ ޔާމީން ކޯޓަށް ހާޒިރުކުރަން ކަރެކްޝަންސްގެ ބެލުމުގެ ދަށުން މާލެ ގެންނެވި ވަގުތެއްގައި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ދައުލަތުން ޔާމީނަށް ދިން ރައްދު؛ ފައިސާ ދައުރުކުރި ގޮތުން އޭގެ އަސްލު އޮޅުނު

26 ސެޕްޓެންބަރު 2023 - 19:23 0

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް ޖަމާކޮށްދިން އެއް މިލިއަން ޑޮލަރުގެ ފައިސާ އަސްލު އޮޅުވަން ބޭނުންވާ ނަމަ އަމިއްލަ ނަމުގައިވާ އެކައުންޓަކަށް ފައިސާ ޓްރާންސްފާ ނުކުރާނެ ކަމަށް ޔާމީން ނެންގެވި ނުކުތާއަށް ދައުލަތުން ޝަރީއަތުގައި މިއަދު ރައްދު ދީފި އެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ، ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާލަމާތުގައި އެމަނިކުފާނަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ލިބި، އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ކުރާ ތުހުމަތުގައި ޔާމީނުގެ ދިފާއަކީ ޖަމާވީ މާރުކޮށްގެން ހޯއްދެވި ޑޮލަރު ކަމަށެވެ.

އަދި މާރުކުރަން އެމަނިކުފާނު ދެއްވި ފައިސާއަކީ ސިޔާސީ މަސައްކަތަށް ހެޔޮ އެދޭ ވިޔަފާރިވެރިން ދީފައިވާ އެހީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެ އެވެ.

ނަމަވެސް ކްރިމިނަލް ކޯޓުގައި ކުށް ސާބިތުވެ، އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފުގައި ޔާމީންގެ ފަރާތުން ހުށަހެޅުއްވި އެއް ނުކުތާއަކީ ވެސް މަނީ ލޯންޑަރިންގެ އުކުޅުތަކުގައި ހިމެނޭ އެއްވެސް ކަމެއް އެމަނިކުފާނު ކުރައްވާފައިނުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ އެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމުގައި، ސީދާ ޔާމީން ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ފައިސާގެ އަސްލު އޮޅުވާލުމުގެ ކަންކަން ގެންދަނީ ގޮތް ނޭނގޭ އެކައުންޓްތަކަށް ޖަމާކޮށްގެން ކަމަށާއި ފައިސާގެ އަސްލު އޮޅުވުމުގެ ނިޔަތުގައި އަމިއްލަ ނަމުގައިވާ އެހެން އެކައުންޓަކަށް ފައިސާ ޖަމާނުކުރާނެ ކަމަށެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން ވެސް ވަނީ ޔާމީންގެ އިސްތިއުނާފީ ނުކުތާތަކާ ގުޅުވައި މަނީ ލޯންޑަރިންގެ މަފުހޫމާ ގުޅޭ ގިނަ ސުވާލުތަކެއް ދައުލަތާ ކުރައްވައިފަ އެވެ.

އެއިން ސުވާލެއްގެ ޖަވާބުގައި މަނީ ލޯންޑަރިންގެ މަފުހޫމާ ގުޅޭ ގޮތުން ހުރި ބައިނަލްއަގުވާމީ ބައެއް ލިޔެކިޔުންތަކަށް ހަވާލާދެއްވަމުން ދައުލަތުގެ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ އަމިއްލަ އެކައުންޓަކަށް ފައިސާ ޖަމާކޮށް އޭގެ ތެރެއަށް އެހެން ފައިސާ ވެސް ވެއްދުމުން އޭގެ އަސްލު އޮޅޭ ކަމަށެވެ.

ދައުލަތުން ޔާމީނުގެ މައްޗަށް ކޮށްފައިވާ ދައުވާގައި ވެސް ބަޔާން ކުރަނީ އޭގެ އުކުޅެކެވެ. އަދި ކްރިމިނަލް ކޯޓުން ޔާމީނަށް އިއްވި ހުކުމުގެ ރިޕޯޓުގައި ވެސް މަނީ ލޯންޑަރިންގެ އެ އުކުޅު ކިޔައިދީފައި އޮވެ އެވެ. އެއީ ދެ ފަހަރު މަތިން ވަކިވަކިން އެ ފައިސާގެ ބައިބައި ޖަމާކޮށް، ކޮންމެ ފަހަރަކު އެ ފައިސާގެ ތެރެއަށް އިތުރު ފައިސާ ހިމަނައިގެން ޖަމާ ކުރުމެވެ.

ދައުލަތުގެ ވާހަކަތަކަށް ރައްދު ދޭން ޔާމީނަށް ވެސް އަލުން ފުރުސަތު ދެއްވި އެވެ. ޔާމީނު އަނެއްކާ ވެސް ތަކުރާރު ކުރެއްވީ ކުރިން ދުވަހު ދެއްކެވި ވާހަކަތަކެވެ. އެމަނިކުފާނު ވިދާޅުވީ ބަހުސްގެ ބޭނުމަށް ވެސް، ދައުލަތުން އެ ފާހަގަކުރާ ގޮތަށް އެކަން ހިނގައި ގޮސްފި ނަމަ ރާއްޖޭގެ ބޭންކިން ނިޒާމަށް އެ ކަން ދަނެގަނެވޭނެ ކަމަށެވެ.

އެމަނިކުފާނުގެ ނުކުތާއަކީ ބޭންކު އެކައުންޓަކަށް 200،000 ރ. އަށް ވުރެ މަތީ އަދަދެއް ޖަމާވެއްޖެ ނަމަ އެ ކަން އެމްއެމްއޭއަށް އެނގިގެން ބަލާނެ ކަމެވެ. އެހެންކަމުން ރާއްޖޭގައި އަމިއްލަ އެކައުންޓަކަށް ފައިސާ ދައުރުކޮށްގެން މަނީ ލޯންޑަ ކުރެވޭނެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ޔާމީން ތަކުރާރުކޮށް ވިދާޅުވި އެވެ.

ދެން އަޑުއެހުމެއް އަންނަ ހޯމަ ދުވަހު

މިއަދުގެ އަޑުއެހުން ކުރިއަށް ދިޔަ ވަގުތު މި މައްސަލާގައި މަސައްކަތް ކުރައްވާ ދައުލަތުގެ ވަކީލުން ތިއްބެވީ އައްޑޫ ސިޓީގަ އެވެ. ދައުލަތުގެ ވަކީލުން ބައިވެރިވީ އައްޑޫ ސިޓީގައި ހުންނަ ޕީޖީ އޮފީހުގެ ގޮފި މެދުވެރިކޮށް އޮންލައިންކޮށެވެ. އައްޑޫގައި ވަކީލުން ތިއްބެވީ ޕީޖީ އޮފީހުގެ ތަމްރީނެއްގަ އެވެ.

އޮންލައިންކޮށް ދައުލަތުގެ ވަކީލުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ އެ އަޑުއެހުމުގައި، އެކި ފަހަރު މަތިން ދައުލަތުގެ ވަކީލުންގެ އަޑު ނުލިބުން ފަދަ ޓެކްނިކަލް މައްސަލަތައް ދިމާވި އެވެ.

މިއަދުގެ އަޑުއެހުން ގާތްގަނޑަކަށް ހަތަރު ގަޑިއިރަށް ދިގުދެމިގެން ދިޔުމާއެކު، މައްސަލައާ ހަވާލުވެ ތިއްބެވި ފަނޑިޔާރުންގެ ބެންޗުން ނިންމެވީ މިއަދަށް ނިންމަވައިލެއްވުމަށެވެ. އަޑުއެހުން ނިންމަވައިލައްވަމުން ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ސަލީމް ވަނީ ދައުލަތުން އޮންލައިންކޮށް ބައިވެރިވުމުން ދިމާވި ދަތިތައް ފާހަގަ ކުރައްވައިފަ އެވެ. އަދި ދެން އޮންނަ އަޑުއެހުމަކަށް ކޯޓަށް ހާޒިރުވާން ވެސް އެންގެވި އެވެ.

ހައި ކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މުހައްމަދު ސަލީމެވެ. ދެން ތިއްބެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި، ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ.

އާރަށު މައްސަލައިގެ ފަސްފަހަތް

ދައުލަތުން ކުރާ ދައުވާގައިވާ ގޮތުން ވ. އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީ އޮގަސްޓް 9، 2015 ގަ އެވެ. ޔޫސުފް ނައީމްގެ (އެ މައްސަލައިގައި ދައުވާ ލިބޭ އަނެއް ފަރާތް) 99 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ އޮގަސްޓް 13، 2015 ގަ އެވެ.

ސެޕްޓެމްބަރު 8، 2015 ގައި ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސަންޓު ހިއްސާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްއަށް ވިއްކާލީކަމުގަ އެވެ.

ސެޕްޓެމްބަރު 9، 2015 ގައި އެމްއެމްޕީއާރުސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ވ. އާރަށް ހަވާލުކުރިއިރު އެލްއޭއިން އެމްއެމްޕީއާރުސީއަށް ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓްއަށް އެއް މިލިއަން ޑޮލަރު އަދި ޔޫސުފް ނައީމަށް ވެސް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ.

ސެޕްޓެމްބަރު 13، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓަށް އެ ފައިސާ ޖަމާވުމުން ސެޕްޓެމްބަރު 15، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ. އޭގެ ދެ ދުވަސް ފަހުން އެ ފައިސާ އެޗްއެސްބީސީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

ޔާމީނާއި ޔޫސުފް ނައީމް ވެސް މި ދައުވާތަކަށް އިންކާރު ކުރެއްވި އެވެ. ދެ ބޭފުޅުން ވެސް ވިދާޅުވާ ގޮތުން އެއީ ދެމެދުގައި ހިނގާފައިވަނީ ދިވެހި ރުފިޔާއިން ޑޮލަރު ގަތް މުއާމަލާތެކެވެ. އަދި އާރަށް ކުއްޔަށް ދޫކުރުމުގައި ހިނގީ ވަކި އެހެން މުއާމަލާތެއް ކަމަށެވެ. އަދި ހިޔާނާތުގެ އެއްވެސް އަމަލެއް ހިންގަވާފައިނުވާނެ ކަމަށެވެ.