26 ސެޕްޓެންބަރު 2023 - 17:06 0
26 ސެޕްޓެންބަރު 2023 - 17:06 0
އޮސްޓްރިއަން ކަޕްގައި މިރޭ އޮސްޓްރިއާ ސަލްޒްބާގް އަދި ރެޑްބުލް ސަލްޒްބާގް ބައްދަކުރާ މެޗަކީ ފެންނަ ފެނުމަށް މާ ބޮޑު މެޗަކަށްނުވާނެއެވެ. އެހެން ނަމަވެސް، މި ދެ ކްލަބުގެ ތާރީހަށް ބަލާލައިފިނަމަ، މި ދެ ކްލަބުގެ މެދުގައި އޮތް ހަތަރުވެރި ތާރީހު ވަރަށް ސާފުކޮށް އެނގޭނެއެވެ. އެ ސަބަބުތަކާހެދި މިރޭ އޮސްޓްރިއާ ސަލްޒްބާގް އާއި ރެޑްބުލް ސަލްޒްބާގް ބައްދަލުކުރާ މެޗަކީ އޮސްޓްރިއާ ފުޓްބޯޅައިގައި "ބޮޑު" މެޗަކަށްވާނެ އެވެ.
ރެޑްބުލް ސަލްްޒްބާގަކީ މި ވަގުތު އޮސްޓްރިއާގައި އޮތް އެންމެ ވަރުގަދަ ކްލަބެވެ. އޮސްޓްރިއާގެ ބުންޑަސްލީގާގެ ޗެމްޕިއަންކަން ޖެހިޖެހިގެން 10 ފަހަރު އެ ކްލަބުން ހޯދައިފިއެވެ. އަނެއްކޮޅު، އޮސްޓްރިއާ ފުޓްބޯޅައިގެ ތިން ވަނަ ޑިވިޝަންގައި އޮތް އޮސްޓްރިއާ ސަލްޒްބާގަކީ 2005 ވަނަ އަހަރު އުފެދުނު ކްލަބެކެވެ. އެހެންކަމުން، އޮސްޓްރިއާގެ އެންމެ ވަރުގަދަ ކްލަބާއި ތިން ވަނަ ޑިވިޝަންގައި އޮތް އޮސްޓްރިއާ ސަލްޒްބާގާދެމެދު އޮތީ ކޮން ހަތަރުުވެރިކަމެއް ހެއްޔެވެ؟ މި ހަތަރުވުވެރިކަމުގެ ފަހަތުގައި އޮތް ތާރީހަށް އަލިއަޅުވާލާއިރު، ފަށަންޖެހޭނީ 2005 ވަނަ އަހަރުންނެވެ.
އޮސްޓްރިއާ ސަލްޒްބާގަކީ 1933 ވަނަ އަހަރު އުފެދުނު ކްލަބެކެވެ. އޮސްޓްރިއާ ފުޓްބޯޅައިގެ ތާރީހުގައި މުއްސަނދި ތާރީހެއް އޮތް ކްލަބެކެވެ. އެހެން ނަމަވެސް، 2005 ވަނަ އަހަރާ ހަމައަށް ދިޔައިރު، މާލީ ގޮތުން އެ ކްލަބަށް އޮތީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މި ދަނޑިވަޅުގައި، އެ ކްލަބު ކޮޅަށް ޖެހުމަށް އެހީގެ އަތެއް ދިއްކޮށްލީ އޮސްޓްރިއާ އަށް ނިސްބަތްވާ މަޝްހޫރު އެނާޖީ ޑްރިންކް "ރެޑްބުލް"ގެ ކުންފުނިންނެވެ.
ރެޑްބުލްގެ ވެރިޔާ ޑިއެޓްރިޗް މަޓެޝިޓްޒަކީ ފުޓްބޯޅަ އަށް ލޯބިކުރާ ފަރާތެކެވެ. އެހެންކަމުން، އޮސްޓްރިއާ ސަލްޒްބާގް ކޮޅަށް ޖަހައި، ވަރުގަދަ ކްލަބަކަށް ހެދުމުގެ ޕްލޭންތަކެއް އޭނާ އޮތީ ކުރަހައިފައެވެ.
ރެޑްބުލް ކުންފުނީގެ އެހީތެރިކަން ލިބުމާއެކު، އޮސްޓްރިއާ ސަލްޒްބާގްގެ ސަޕޯޓަރުންވެސް އުފާވިއެވެ. އެ ކްލަބަށް ކުރިއެރުންތަކެއް ލިބޭނެތީއެވެ. އޮސްޓްރިއާ ސަލްޒްބާގްގެ ސަޕޯޓަރުންނަށް އެންމެ ފުރަތަމަ ހީވެފައި އޮތީ ރެޑްބުލް އަކީ އެ ކްލަބުގެ މައިގަނޑު ސްޕޮންސާކަމަށެވެ. އަދި މާލީ ގޮތުން އެ ޓީމަށް ދިމާވެފައިވާ ދަތިތައް ފިލުވައި، އެ ކްލަބު ކޮޅަށް ޖަހާނެކަމަށެވެ. އެކަމަކު، ރެޑްބުލްއާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމުން ހާމަވެގެންދިޔައީ އެ ކުންފުނިން ބޭނުންވަނީ ހަމައެކަނި ސްޕޮންސަރޝިޕެއް ދިނުމެއް ނޫނެވެ. އޮސްޓްރިއާ ސަލްޒްބާގްގެ ނަމާއި، ލޯގޯ އަދި ކުލަވެސް ބަދަލުކުރަން ރެޑްބުލް އިން ބޭނުންވާކަން ހާމަވިއެވެ. އެ ހިސާބުން، އޮސްޓްރިއާ ސަލްޒްބާގެ ސަޕޯޓަރުންގެ ރުޅިވެރިކަން ރެޑްބުލް އަށް އަމާޒުވިއެވެ.
އޮސްޓްރިއާ ސަލްޒްބާގްގެ ސަޕޯޓަރުން ރެޑްބުލްއާ ދެކޮޅަށް މުޒާހަރާކޮށް، ނުރުހުން ފާޅުކުރި ނަމަވެސް 2005 ވަނަ އަހަރު ޖޫން މަހު އޮސްޓްރިއާ ސަލްޒްބާގްގެ ނަން ރެޑްބުލް ސަލްޒްބާގަށް ބަދަލުކުރިއެވެ. އަދި ޒަމާނުންސުރެ އެ ކްލަބު ބޭނުންކުރަމުންދިޔަ ދަނބު ކުލަައިގެ ބަދަލުގައި ކްލަބުގެ ކުލައިގެ ގޮތުގައި ރަތާއި ހުރު ކަނޑައެޅިއެވެ.
ކްލަބުގެ ނަމާއި ކުލަ އަދި ލޯގޯ ބަދަލުކުރުމަ ގުޅިގެން، ސަޕޯޓަރުންގެ ރުޅިވެރިކަން ކޮޅުންލިއެވެ. އަދި ރެޑްބުލްއާ ކުރި މަޝްވަރާތަކަށް ފަހުވެސް، އެ ކްލަބުން އެއްބަސްވީ ގޯލްކީޕަރު އިސްޓާކީނުގައި ދަނބު ކުލަ ބޭނުންކުރުމަށެވެ. އެކަމަކު، އޮސްޓްރިއާ ސަލްޒްބާގްގެ ފަހަތުގައި ތިބި ސަޕޯޓަރުން ރެޑްބުލްއާމެދު ދެކޭ ގޮތް ބަދަލެއްނުވިއެވެ.
"އެ ކުންފުނިން އަހަރެމެން ދިރިއުޅުމުގެ މުހިންމު ބައެއް ފޮހެލީ. ކުލަ ބަދަލުކޮށް، (ކްލަބުގެ) ތާރީހު ފޮހެލީ. އަހަރަމެންގެ ވަރަށް ދުވަހު އެމީހުންނާ މަޝްވަރާކުރިން،" އޮސްޓްރިއާ ސަލްޒްބާގްގެ ބޯޑު މެމްބަރު ސްޓެފަން ޝުބާޓް ބުންޏެވެ. "އަހަރަމެން ބޭނުންވީ އަހަރަމެންގެ ކްލަބު ދެމިއޮންނަ. އެ ކުލަތަކާއި ލޯގޯ އަދި އެނަން."
ރެޑްބުލްއާމެދު އޮތް ދެކޮޅުވެރިކަމާއެކު، އޮސްޓްރިއާ ސަލްޒްބާގްގެ ސަޕޯޓަރުން ވަނީ އެމީހުން އަމިއްލަ އަށް އެ ނަމުގައި ކްލަބެއް އުފައްދައިފައެވެ. އެކަމަކު، އެ ކްލަބު އުފެއްދި ކަމަށް އެ ސަޕޯޓަރުން ބަލާފައިވަނީ 1933އެވެ. އެއީ ރެޑްބުލް ސަލްޒްބާގް ކުރިން ނިސްބަތްވާ އޮސްޓްރިއާ ސަލްޒްބާގް އުފެދުނު އަހަރެވެ.
އަހަރުތައް ފާއިތުވިވެގެންދިޔައިރު، ރެޑްބުލް ސަލްޒްބާގް ވަނީ ކާމިޔާބު ކްލަބަކަށް ބަދަލުވެފައެވެ. ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން އެ ކްލަބުން ނުކުމެއްޖެއެވެ. އޭގެ ތެރޭގައި އާލިން ހާލާންޑާއި ސަދިއޯ މާނޭ ހިމެނެއެވެ.
އާދައިގެ ގޮތަކަށް އޮތް އޮސްޓްރިއާ ސަލްޒްބާގް ދަނީ ދަށް ލީގުތަކުގައި ވާދަކުރަމުންނެވެ. އެކަމަކު، އެ ކްލަބުގެ ވަފާތެރި ސަޕޯޓަރުން ބޭނުންވާ ގޮތަަށް، އެ ކްލަބުން ދަނީ ޒަމާންވީ އަސާސްތައް ހިފަހައްޓަމުންނެވެ.
އަހަރުތަކެއް ފާއިތުވިޔަސް، އޮސްޓްރިއާ ސަލްޒްބާގްގެ ސަޕޯޓަރުންގެ ހިތުގައި ރެޑްބުލްއާމެދު އޮތް ރުޅިވެރިކަމަށް ފިނިކަމެއް ނުލިބެއެވެ. މި މެޗު އިޝްތިހާރު ކުރުމަށް އެ ކްލަބުން ހެދި ޕޯސްޓްތަކުގައި ރެޑްބުލް ސަލްޒްބާގްގެ ނަމާއި ލޯގޯ ބޭނުމެއް ނުކުރެއެވެ.
ޝުބާޓް ބުނީ ސަޕޯޓަރުން ބަލާނީ މެޗަށް ރަނގަޅު މާހައުލެއް ގާއިމްކުރަން ކަމަށެވެ. އަދި ރެޑްބުލްއާ ދެކޮޅަށް މި މެޗުގައި އަޑުއުފުލުމަށް މި މެޗުގައި ރާވައިފައިނުވާ ކަމަށާއި އޮސްޓްރިއާ ސަލްޒްބާގް ދެމިއޮތުމަކީ ވެސް ރެޑްބުލްއާ ދެކޮޅަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.
Comment