6 ފެބުރުވަރީ 2022 - 06:58 0
ފާތިމަތު ސާޔާ އަހުމަދު
އޮސްޓްރިއާގެ ޗާންސެލަރު ކާލް ނެހަމާ. -- ފޮޓޯ: އޭޕީ
6 ފެބުރުވަރީ 2022 - 06:58 0
ވިއެނާ، އޮސްޓްރިއާ (ފެބްރުއަރީ 5) - ޔޫރަޕްގައި ކޮވިޑް ވެކްސިން ޖެހުން މަޖުބޫރު ކުރި ފުރަތަމަ ގައުމަކަށް އޮސްޓްރިއާ ވެއްޖެ އެވެ.
ހޮނިހިރު ދުވަހުން ފެށިގެން އޮސްޓްރިއާގައި އުމުރުން 18 އަހަރުން މަތީގެ އެންމެން ކޮވިޑް ވެކްސިން ޖެހުން މަޖުބޫރު ވާނެ އެވެ. އެގޮތަށް އަމަލު ނުކުރާ ނަމަ ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.
ޕާލިމެންޓުން ޖެނުއަރީ 20 ވަނަ ދުވަހު ފާސްކުރި ގާނޫނަށް ހޮނިހިރު ދުވަހު އަމަލު ކުރަން ފެށިއިރު، އެފަދަ ވިސްނުމަކަށް ދިޔައީ ހަލުވިކަމާ އެކު ފެތުރޭ އޮމިކްރޯން ވޭރިއެންޓް މިދިޔަ ނޮވެމްބަރު މަހު ކުރިމަތިވުމުންނެވެ.
ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި ނަމަވެސް، ނޮވެމްބަރު މަހުން ފެށިގެން ސަރުކާރުގެ ވިސްނުމަކީ ކޮވިޑާ ދެކޮޅަށް މުޅިން އާ، ވަރުގަދަ ސިޔާސަތެއް ގެންގުޅުމެވެ.
"ވެކްސިން ޖެހުން މަޖުބޫރު ކުރުމަށް ޔޫރަޕްގެ އެހެން އެއްވެސް ގައުމަކުން އަޅުގަނޑުމެން މިސާލެއްގެ ގޮތުގައި އަދިވެސް ނުނަގާ،" އެކަމާ ދެކޮޅަށް ކެމްޕެއިން ކުރާ މެނުއެލް ކްރޯޓްގާޓްނާ ބުންޏެވެ.
އަވައްޓެރި ޖަރުމަނުވިލާތުގައި ސޯޝަލް ޑިމޮކްރެޓް ޗާންސެލަރު އޯލާފް ޝޯލްޒް ޖެނުއަރީ މަހު އެފަދަ ކަމެއް ހުށަހެޅުއްވުމުން ޕާލިމެންޓުގައި ބަހުސް ކުރި އެވެ. ނަމަވެސް ގިނަ މެމްބަރުން އެ ވިސްނުމާ ދެކޮޅެވެ.
ވެކްސިން މަޖުބޫރު ކުރި ނަމަވެސް، އޮސްޓްރިއާގައި ވެކްސިން ޖަހާ ރޭޓް އަދިވެސް އުޅެނީ ވަރަށް ދަށުގަ އެވެ. ފްރާންސާއި ސްޕެއިން ވެސް އުޅެނީ އެ ގައުމަށް ވުރެ ކުރީގަ އެވެ.
ނަމަވެސް ވެރިރަށް ވިއެނާގައި ބައެއް ވެކްސިން މަރުކަޒުތައް ހިންގާ އާބެއިޓާ ސަމާރިޓާ ބުންޑް ޖަމިއްޔާއިން ބުނީ މިދިޔަ ހަފްތާގައި ވެކްސިން ޖަހަން އައި މީހުންގެ އަދަދު ނުވަ ޕަސެންޓް އިތުރުވި ކަމަށެވެ.
ކޮންމެ ދުވަހަކު ވެސް ވިއެނާގައި 7000 ޑޯޒް ޖަހަމުންދާ އިރު، އޭގެ 10 ޕަސެންޓަކީ ފުރަތަމަ ޑޯޒެވެ. ވެކްސިން ނުޖަހާ މީހުންނާ ދެކޮޅަށް ގިނަ ފިޔަވަޅުތައް ދަނީ ތަންފީޒު ކުރަމުންނެވެ.
އެފަދަ މީހުންނަށް ރެސްޓޯރެންޓްތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި ސަގާފީ މަރުކަޒުތަކަށް ނުވަދެވެ އެވެ. ހޮނިހިރު ދުވަހުން ފެށިގެން އެ މީހުންނަށް ޖޫރިމަނާ ވެސް އަންނަން ފަށާނެ އެވެ.
އާ ގާނޫނުގެ ދަށުން ވެކްސިން ނުޖަހާ މީހުންގެ ތެރެއިން ޖޫރިމަނާ ނުކުރެވޭނީ މާބަނޑު މީހުންނާއި، ފާއިތުވި 180 ދުވަސް ތެރޭގައި ކޮވިޑް ޖެހިފައިވާ މީހުންނާއި، ސިއްހީ އުޒުރުތައް ހުންނަ މީހުންނެވެ.
މާޗް މަހުން ފެށިގެން ވެކްސިން ނުޖަހާ މީހުން ބަލަން ފަށައި، 690-4،100 ޑޮލަރާ ދެމެދުގެ އަދަދުތަކުން ޖޫރިމަނާ ކުރަމުން ދާނެ އެވެ. ނަމަވެސް ޖޫރިމަނާ އަންނަ މީހަކު، ދެ ހަފްތާ ތެރޭގައި ވެކްސިން ޖަހައިފި ނަމަ، ޖޫރިމަނާ އުވޭނެ އެވެ.
ސާވޭއަކުން ދައްކާ ގޮތުގައި 60 ޕަސެންޓަށް ވުރެ ގިނަ މީހުން އެ ފިޔަވަޅަށް ތާއީދު ކުރެ އެވެ. ނަމަވެސް އެކަމާ ދެކޮޅަށް ބައެއް މީހުން ދަނީ މުޒާހަރާ ވެސް ކުރަމުންނެވެ.
"ވެކްސިން ޕާސް" ގިނަ ގައުމުތަކުން ތައާރަފް ކުރަމުން އަންނަ އިރު، ކޮވިޑް ވެކްސިން ޖެހުން ބައެއް ގައުމުތަކުގައި އަންނަނީ މަޖުބޫރު ކުރަމުންނެވެ.
އިކުއެޑޯގައި އުމުރުން ފަސް އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖެހުން މަޖުބޫރެވެ. އޭގެ ކުރިން ތަޖިކިސްތާނާއި، ތުރުކްމެނިސްތާން އަދި އިންޑޮނޭޝިއާ އިން ވެސް ވަނީ މަޖުބޫރުކޮށްފަ އެވެ.
Comment