Advertisement

އަލިމަނިކު 5 އަހަރަށް ޖަލަށް، ތަސްލީމަށް ކުށް ސާބިތެއް ނުވި

24 ސެޕްޓެންބަރު 2023 - 12:49 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ބޮމުގެ ހަމަލާގެ މައްސަލާގައި ކުރިއަށް ގެންދިޔަ އަޑުއެހުމަކަށް އަލިމަނިކު ހާޒިރުކޮށްފައި. ފައިލްފޮޓޯ


އަލިމަނިކު 5 އަހަރަށް ޖަލަށް، ތަސްލީމަށް ކުށް ސާބިތެއް ނުވި

24 ސެޕްޓެންބަރު 2023 - 12:49 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާގައި ބައިވެރިވި ކަމަށް ފުލުހުން ތުހުމަތު ކުރާ ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކުގެ މައްޗަށް ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

އަލި މަނިކާއެކު ދައުވާކުރި ހއ. ހޯރަފުށި، އަލަނާސިގެ މުހައްމަދު ތަސްލީމްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ވެސް މިއަދު ހުކުމް ކުރި އެވެ.

މި ދެ މީހުން ހައްޔަރު ކުރުމަށް ފަހު ފުލުހުން އޭރު ބުނެފައިވަނީ މެއި 6، 2021 ގައި މާލޭގައި ގޮއްވި ބޮމުގެ ހަމަލާ ރޭވުމުގެ މޭސްތިރިން ކަމަށެވެ. ނަމަވެސް ތަހުގީގަށް ފަހު ދައުވާކުރީ ޓެރަރިސްޓް ޖަމާއަތް އައިސިސްއަށް ތާއީދުކުރުމުގެ ދައުވާ އެކަންޏެވެ.

އެ މައްސަލައިގައި ހުކުމް ކުރުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، މައްސަލަ ބެއްލެވި ގާޒީ އަލީ އާދަމް ފާހަގަ ކުރެއްވީ ގާނޫނުގައި އެ ދައުވާ ސާބިތުކުރުމަށް ވަކި ބާވަތްތަކެއްގެ ހެކި ބަޔާންކޮށްފައިވާ އިރު އެއިން މަދުވެގެން ހަތަރު ބާވަތުގެ ހެކި ހަމަވާން ޖެހޭ ކަމަށެވެ.

ތަސްލީމުގެ މައްޗަށް ކުށް ސާބިނުވާ ކަމަށް ކަނޑައެޅީ މަދުވެގެން ހަތަރު ބާވަތުގެ ހެކި ނެތުމުންނެވެ. ގާޒީ އަލީ އާދަމް ވިދާޅުވި ގޮތުގައި ތަސްލީމާ ދެކޮޅަށް އޮތް ހަމައެކަނި ހެކިތަކަކީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ސިއްރު ދެ ހެއްކެއްގެ ހެކިބަހެވެ. އެހެންކަމުން އެއީ ދެ ބާވަތުގެ ހެއްކެކެވެ.

އަލީ މަނިކުގެ މައްޗަށް ކުށް ސާބިތުވުމުގައި ބެލި ހެކިތަކުގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓްގެ އިތުރުން އޭނާގެ ފޯނުން ފެނިފައިވާ ފޮޓޯ އާއި ލިޔުންތަކާއި ވީޑިއޯގެ އިތުރުން ސިއްރު ހެކިންގެ ހެކިބަހާއި ދައުލަތުގެ އިތުރު ރަސްމީ ލިޔެކިޔުންތަކެއް ވެސް ހިމެނެ އެވެ. އޭގައި ފަސް ބާވަތެއްގެ ހެކި ހިމެނެ އެވެ.

އަލި މަނިކުގެ މައްޗަށް އުފުލި ދައުވާގެ އަދަބެއްގެ ގޮތުގައި ގާނޫނުގައި ބަޔާން ކުރަނީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ދައުލަތުގެ ފަރާތުން އެދުނީ ފަސް އަހަރަށް ޖަލަށް ލުމަށެވެ. އަލިމަނިކުގެ ފަރާތުން އެދުނީ ތިން އަހަރަށް ޖަލަށް ލުމެވެ.

ގާޒީ ބުރަވީ ދައުލަތުގެ ނުކުތާއަށެވެ. އެއީ އަލި މަނިކު ކުށުގެ ވެށީގައި މިވީހާ ތަނަށް ދެމިހުރުމާއި އެ ކުށުގެ ސީރިއަސް ކަމަށް ރިއާޔަތްކޮށްފަ އެވެ. ފަސް އަހަރު ދުވަހު ޖަލަށް ލުމަށް އަދަބު ކަނޑައެޅިއިރު މި މައްސަލާގައި އޭނާ ބަންދުގައި ހުންނަތާ ދެ އަހަރާއި ދެ މަހާއި އެއް ދުވަސް ވަނީ ހޭދަވެފަ އެވެ. އެހެންކަމުން ޖަލު ހުކުމުން ތަންފީޒު ކުރަން ޖެހޭނީ ދެ އަހަރާއި ނުވަ މަހާއި 29 ދުވަހުގެ މުއްދަތެކެވެ.

އޭނާއަކީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ފުލުހުންނާ ސިފައިންނާ ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކާ ހިނގައިދިޔަ ކުރިމަތިލުންތަކެއްގައި އިސްކޮށް އުޅުނު މީހެކެވެ. އަލިމަނިކު އެ މައްސަލައިގަ ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ޖަލުން ވެސް ފިލާފައިވެ އެވެ.