Advertisement

ވިއްސާރާގައި ކުރެންދޫގެ 75 އިންސައްތަ ގޭގެއަށް ގެއްލުން ލިބުނު

19 ސެޕްޓެންބަރު 2023 - 12:39 0

ނިމާ ހަސަން

ނިމާ ހަސަން

ވިއްސާރާގައި ކުރެންދޫގައި ފެންބޮޑުވުމުން, ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: އެންޑީއެމްއޭ


ވިއްސާރާގައި ކުރެންދޫގެ 75 އިންސައްތަ ގޭގެއަށް ގެއްލުން ލިބުނު

19 ސެޕްޓެންބަރު 2023 - 12:39 0

މެދު ރާއްޖެތެރެއަށް ކުރަމުންދާ ވިއްސާރާގައި, ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން ޅ. ކުރެންދޫގެ 75 ޕަސަންޓު ގެއަށް ފެން ވަދެ އެކިވަރުގެ ގެއްލުންވެފައިވާ ކަމަށް އެ ރަށު ކައުންސިލުން އަންދާޒާ ކޮށްފި އެވެ.

ކުރެންދޫ ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް މުފީދު މިއަދު "އަދަދު" އަށް ވިދާޅުވީ ވިއްސާރާގައި އެރަށުގެ 70-75 ޕަސަންޓުގެ ގެއަށް ފެންވަދެ, ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ގޭގެއަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި, ސީދާ އަދަދެއް ހާމަ ކުރެވޭނީ އެ މަސައްކަތް ނިމުމުން ކަމަށެވެ.

މުފީދު ވިދާޅުވީ, ފެން ވަން ހުރިހާ ގެއަކުންހެން މިހާރު ފެން ހިންދާލެވިފައިވީ ނަމަވެސް އަދިވެސް ރަށުގެ ބައެއް ސަރަހައްދުތަކުގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ފެންބޮޑުވެ, ގިނަ ގޭގެއަށް ފެން ވަނުމުގެ ސަބަބުން ގޭގޭގެ ފަރުނީޗަރުތަކާއި އައިސްއަލަމާރި ފަދަ އިލެކްޓްރޯނިކް ސާމާނު ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފަ އެވެ. ނަމަވެސް އެއްވެސް ގެއެއްގައި މީހުންނަށް ދިރިނޫޅެވޭ ހާލަތަށް ގޯސްވެގެން އެކަން ރިޕޯޓުކޮށްފައި ނުވާ ކަމަށް ވެސް މުފީދު ވިދާޅުވި އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ކުރެންދޫގައި ފެންބޮޑުވެފައި ވާތީ އެރަށުން ފެން ހިންދުމުގެ މަސައްކަތް ސިފައިންނާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އެ ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ރަށު ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާ ކަމަށް ވެސް ބުންޏެވެ.

ވިއްސާރާގައި ކުރެންދޫއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު, މޫސުމާ ބެހޭ ގައުމީ އިދާރާއިން އަދިވެސް ވަނީ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފަ އެވެެ.