Advertisement

ޓެކްސީތަކަށް ގަރާޖު ސިޓީ ޝަރުތު އުނިކޮށް، ރަޖިސްޓްރީ ކުރަން 10،000ރ. ނަގަނީ

19 ސެޕްޓެންބަރު 2023 - 09:50 0

އަމަން ހަލީމް

އަމަން ހަލީމް

ލޮނުޒިޔާރަތް ޕާކު ސަރަހައްދުގައި ކާރުތަކާއި ޕިކަޕުތައް ދުއްވަނީ: ޓެކްސީ އާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށްފައިވާ އުޅަނދުތައް ނޫން އުޅަނދުތައް ރަޖިސްޓްރީ ކުރަން ގަރާޖު ސިޓީ ހުށަހަޅަން ލާޒިމު -- ފޮޓޯ/އަބްދުﷲ އިޔާން


ޓެކްސީތަކަށް ގަރާޖު ސިޓީ ޝަރުތު އުނިކޮށް، ރަޖިސްޓްރީ ކުރަން 10،000ރ. ނަގަނީ

19 ސެޕްޓެންބަރު 2023 - 09:50 0

ޓެކްސީތަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަކޮށްފައިވާ އުޅަނދުތައް ރަޖިސްޓްރީ ކުރަން ގަރާޖު ސިޓީ ބޭނުން ނުވާ ގޮތަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު އިއްޔެ އިސްލާހުކޮށްފި އެވެ.

މި ދެ ގިންތިއަށް ފެތޭ އުޅަނދުތައް ރަޖިސްޓްރީ ކުރަން ގަރާޖު ސިޓީއެއް ބޭނުން ނުވި ނަމަވެސް، އާ ގަވާއިދުގެ ދަށުން އެހެން ހުރިހާ ވެހިކަލެއް ރަޖިސްޓްރީ ކޮށްދޭނީ އެ އުޅަނދު ބާއްވާނެ ގަރާޖެއް އޮތް ކަމުގެ ލިޔެކިޔުން ހުށަހެޅުމުންނެވެ. އެއީ:

  • ގަރާޖެއްގައި އުޅަނދު ބޭއްވުމާ މެދު އެ ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން
  • ގަރާޖުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓަރީކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުންތައް

ކުރިން މި ގިންތީގެ އުޅަނދުތައް ރަޖިސްޓަރީ ކުރަން ބޭނުންވަނީ ގަރާޖު ހުއްދަ ނުވަތަ ގަރާޖު ސިޓީ އެވެ.

ގަރާޖު ސިޓީގެ މައްސަލަ ބޮޑުވެފައިވާ އިރު، މިއީ ބޭކާރު އުސޫލެއް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުން ވަނީ މީގެ ކުރިން އެ ގަވާއިދު އުވާލުމުގެ މަސައްކަތް ކޮށްފަ އެވެ. ފުރަތަމަ ހުށަހެޅި ގަރާރާ އެއްގޮތަށް ގަރާޖު ސިޓީ އުވާލަން ފާސް ނުވުމުން އަނެއްކާ ވެސް މަޖިލީހަށް ވަނީ ހަމަ މިކަން ކުރަން ގަރާރެއް ހުށަހަޅާފަ އެވެ.

ޓެކްސީތަކަށް ގަރާޖު ސިޓީ ޝަރުތު އުނިކުރި ނަމަވެސް، އާ ގަވާއިދުގައިވާ ގޮތުން ޓެކްސީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން 10,000ރ. ޓްރާންސްޕޯޓަށް ދައްކަން ޖެހެ އެވެ. މިއީ ކުރިން ނަގަމުން އައި ނަމަވެސް މި ސަރުކާރުން މާޗު މަހު ގެޒެޓުކުރި ގަވާއިދުގައި އުނިކޮށްފައިވާ މާއްދާ އެކެވެ.

ޓްރާންސްޕޯޓުން ވަނީ އެކިއެކި މަޝްރޫއުތައް ހިންގަން ރާއްޖެއަށް ގެންނަ ވެހިކަލްތަކަށް ވަގުތީ ރަޖިސްޓްރީ ދޫކުރަން 15،000ރ. ނަގަން ވެސް އާ ގަވާއިދުގައި ހިމަނާފަ އެވެ. މީގެ ކުރިން މިކަހަލަ އުޅަނދުތައް ރަޖިސްޓްރީ ކުރަން އެއްވެސް ފައިސާއެއް ނުނަގަ އެވެ.