ޕެރިސް (ސެޕްޓެމްބަރު 14) - ފްރެންޗް ލީގުގެ މަޝްހޫރު ކުލަބު އޮލިމްޕިކް ލިޔޯންގެ ކޯޗުކަމުގެ މަގާމަށް އިނގިރޭސި ކުރީގެ ތަރި ފްރޭންކް ލަމްޕާޑް ހަމަޖެއްސުމުގެ މަސައްކަތް ފަށައިފި އެވެ.
ލިޔޯންގެ ކޯޗުަކަން ހުސްވީ ކުރީގެ ކޯޗަކަށް ހުރި ލޯރެންޓް ބްލޮންކް މީގެ ދެ ދުވަސްކުރިން މަގާމުން ވަކިކުރަން ނިންމުމުންނެވެ. ބްލޮންކް މަގާމުން ވަކިކުރީ މި ސީޒަންގައި ލިޔޯންގެ ނަތީޖާތައް ގޯސްވުމުންނެވެ. މިގޮތުން މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބުނީ އެންމެ ޕޮއިންޓެވެ.
ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ މަގާމަށް ގެނައުމަށް ލިޔޯނުން މަސައްކަތްކުރަމުން އަންނަނީ އިނގިރޭސި ކުރީގެ ތަރި ފްރޭންކް ލަމްޕާޑެވެ. މިގޮތުން ކުލަބުގެ ވެރިން ލަމްޕާޑާ އެކު މަޝްވަރާކުރަމުން އަންނަކަމަށް ނޫސްތަކުން ބުނެ އެވެ.
މިދިޔަ ސީޒަން ލަމްޕާޑް ފެށީ އެވަޓަންގެ ކޯޗުގެ ގޮތުގައި ހުރެ އެވެ. ނަމަވެސް ސީޒަންގެ މެދުތެރެއިން އެކުލަބުގެ ކޯޗުކަމުގެ މަގާމުން ވަކިކުރި އެވެ. އޭގެ ފަހުން ސީޒަންގެ ފަހުކޮޅު ޗެލްސީގެ ކޯޗުކަމުގެ ގޮތުގައި މަސައްކަތްކުރި ފްރޭންކް ލަމްޕާޑު ހުރީ ކުލަބެއް ނެތިފަ އެވެ.
ދެ ފަހަރެއްގެ މަތިން ޗެލްސީގެ ކޯޗަކަށް ލަމްޕާޑް ހަމަޖެއްސި ނަމަވެސް އެ ކުލަބާ އެކު ވެސް ލަމްޕާޑްގެ ރެކޯޑު އެހާ ރަނގަޅެއް ނޫނެވެ.
ލަމްޕާޑްގެ އިތުރުން އޭސީ މިލާންގެ ކުރީގެ މިޑްފިލްޑަރު ޖެނާރޯ ގަޓޫސޯ އަކީ ވެސް ލިޔޯންގެ ވެރިންގެ ޝައުގުވެރިވާ ކޯޗެކެވެ. ގަޓޫސޯ އެންމެ ފަހުން ކޯޗުކަންކޮށްދިނީ ސްޕެއިންގެ ވެލެންސިއާ އަށެވެ. އެ ކުލަބުގެ ކޯޗުކަމުން އޭނާ ވަކިކުރީ މިއަހަރުގެ ޖެނުއަރީ މަހުގަ އެވެ.
Comment