28 އޭޕްރީލް 2023 - 11:27 0
28 އޭޕްރީލް 2023 - 11:27 0
ލަންޑަން (އޭޕްރީލް 28) - ޗެލްސީ އަށް މިހާރު ކުރިމަތިވެފައިވާ އޮތީ ގޯސް ހާލަތެއް ކަމަށާއި އެހެން ނަމަވެސް މި ވަގުތު މި ހިނގާ ކަންތައްތަކުގެ ސަބަބުން އޭނާ އާއި އެ ކްލަބްގެ އަގުވެއްޓުނަ ނުދޭނެ ކަމަށް ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފި އެވެ.
ޗެލްސީ އަށް މި ސީޒަނުގައި އިރުޝާދުދޭ ހަތަރު ވަނަ ކޯޗަކީ ލަމްޕާޑް އެވެ. ކޮންޓްރެކްޓެއްގެ ދަށުން މަސައްކަތް ކުރާ ތިން ވަނަ ކޯޗެވެ. މިއީ، ޗެލްސީ އަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް އޮތް ލަމްޕާޑް އެ ޓީމަށް ކޯޗުކޮށްދޭ ދެ ވަނަ ފަހަރެވެ.
މި ފަހަރު ޗެލްސީއާ ހަވާލުވެ، އެ ޓީމު ގޮވައިގެން މިހާތަނަށް ލަމްޕާޑް ނުކުތް ފަސް މެޗުން ވެސް ވަނީ ބަލިވެފަ އެވެ. މިއާ އެކު، ޗެލްސީގެ ތާރީހުގައި ވެސް ހުތުރު ރެކޯޑަކާ ލަމްޕާޑް މި ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
މި ވަގުތު ޗެލްސީ އޮތީ، އިނގިރޭސި ޕްރިމިއާ ލީގުގެ 11 ވަނައިގަ އެވެ. އެންމެ ފަހުން ޕްރިމިއާ ލީގުގެ ގަދަ 10 އިން ބޭރުން އެ ޓީމު ލީގު ސީޒަނެއް ނިންމާލަން ޖެހުނީ 1996 ވަނަ އަހަރު އެވެ. ބުދަ ދުވަހުގެރޭ ބްރެންޓްފޯޑް އަތުން ބަލިވި މެޗަށް ފަހު ލަމްޕާޑް ބުނީ ހަވާލުވިއިރު ވެސް ޗެލްސީގެ ހާލަތު އޮތްގޮތް އެނގޭ ކަމަށާއި ގޯސްވެއްޖެ ހިނދެއްގައި ވެސް ވާނެ ކަންކަމާ މެދު ވިސްނާފައިވާ ކަމަށެވެ.
"އަހަރެން މި ޓީމަށް އައި ފުރަތަމަ އަހަރު 2019 ގައި. ވަރަށް ކާމިޔާބު ދުވަސްތަކެއް ހޭދަކުރީ. ދެން އަހަރެން ދާން ޖެހި ދެން ހަވާލުވީ އެވަޓަންއާ. އެވަޓަން އަށް އޭރު އޮތީ ލީގުގައި ދެމި އޮތުމުގެ ޓާގެޓެއް. އަހަރެން އެކަން ކުރިން،،" ލަމްޕާޑް ބުންޏެވެ.
"ޔަގީންކަމެއް މީހުން ވިސްނާނީ ވަރަށް ކުރު މުއްދަތެއްގައި ހިނގާ ކަންކަމަށް. މި ވަގުތު ޗެލްސީ އާއި އަހަންނަށް އޮތް ހާލަތު ވެސް ގޯސް. އެކަމަކު، އަގުވެއްޓުނަ ނުދޭނަން."
އެވަޓަން އާއި ޗެލްސީ ހިމެނޭ ގޮތަށް ލަމްޕާޑް އެންމެ ފަހުން ކޯޗެެއްގެ ގޮތުގައި ނުކުތް 19 މެޗުން މޮޅުވީ އެންމެ ފަހަރަކު އެވެ.
ފާއިތުވި 11 މަސް ތެރޭ ޗެލްސީގެ އާ ވެރިޔާ ޓޮޑް ބޯލީ ވަނީ 684 މިލިއަން ޑޮލަރު އެ ކްލަބަށް އިންވެސްޓްކޮށްފަ އެވެ. އެކަމަކު، އެ ކްލަބްގެ ސަޕޯޓަރުންގެ އިތުބާރު ލިބޭ ވަރުގެ ނަތީޖާތަކެއް ބޯލީގެ ލީޑަޝިޕާ އެކު ނުނެރެވޭތީ، ޗެލްސީގެ ގިނަ ސަޕޯޓަރުން މިހާރު ވެސް އަންނަނީ ބޯލީއާ ދެކޮޅަށް ޝުއޫރުފާޅުކުރަމުންނެވެ.
ލަމްޕާޑް ބުނީ ޗެލްސީ އަށް ދިމާވެފައި އޮތް ހާލަތުން އަރައިގަންނަން ވެރިންގެ އެހީތެރިކަން ލިބޭ ކަމަށާއި މިހާރު ހުރި މައްސަލަތައް ހައްލުވާން އޮތީ މެޗުތަކަކުން މޮޅުވެ، ކޮންފިޑެންސް ރަނގަޅުކޮށްގެން ކަމަށެވެ.
Comment