Advertisement

ޗެލްސީ ވެރިންގެ ދިފާއުގައި ނުކުތީ ކޯޗު ލަމްޕާޑު

15 އޭޕްރީލް 2023 - 15:24 0


ޗެލްސީ ވެރިންގެ ދިފާއުގައި ނުކުތީ ކޯޗު ލަމްޕާޑު

15 އޭޕްރީލް 2023 - 15:24 0

ލަންޑަން (އޭޕްރީލް 15) - ޗެލްސީގެ މިހާރުގެ ވެރިން ކުލަބަށް ގެންނަ ބަދަލުތަކަކީ އެއްވެސް ޕްލޭނެއް ނެތި ގެންނަމުން އަންނަ ބަދަލުތަކެއް ކަމަށް ބުނެ، ގިނަ ބަޔަކު ކިޔަމުން އަންނަ ފާޑުކިޔުންތަކަށް ވަގުތީ ގޮތުން އެ ކުލަބުގެ ކޯޗުކަމާ ހަވާލުވެހުރި ކޯޗު ފްރެންކް ލަމްޕާޑް ރައްދުދީފި އެވެ.

އެމެރިކާގެ ބިލިއަނަރު ޓޮޑް ބޯލީ އިނގިރޭސި ކުލަބް، ޗެލްސީ 2022 ވަނަ އަހަރުގެ މެއި މަހު ގަތީ 5.25 މިލިއަން ޑޮލަރަށެވެ. އޭގެ ފަހުން، އޭނާ ވަނީ މި އެކުލަބަށް ބޮޑެތި ބަދަލުތަކެއް ގެނެސް ޓްރާންސްފާ މާކެޓުގައިވެސް ބޮޑު ހޭދައެއް ކޮށްފަ އެވެ. އެ ގޮތުން ކުޅުންތެރިން ގަތުމަށް މިދިޔަ ޖެނުއަރީ ޓްރާންސްފާގައި އެކަނިވެސް އަށް ކުޅުންތެރިއަކު ގަތުމަށް އެކުލަބުން 400 މިލިއަން ޑޮލަރު ހޭދަކުރި އެވެ. އަދި ބޯލީގެ ދައުރުގައި ޗެލްސީން ކުރި ހަރަދު މިހާރު ވެސް 600 މިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ އެވެ.

ކުޅުންތެރިން ގަތުމަށް ބޮޑެތި ހޭދަތަކެއް ކުރިއިރު، ބޯލީ، ޗެލްސީ ހިންގަން ހަވާލުވިތާ މިވީ ކުރު މުއްދަތުގެ ތެރޭގައި ޗެލްސީން ވަނީ ދެ ކޯޗަކު ވެސް މަގާމުން ވަކިކޮށްފަ އެވެ އެ ގޮތުން، ބޯލީ ހަވާލުވިތާ 100 އަށްވީ ދުވަހު ތޯމަސް ޓުޗެލް ވަކިކޮށް އެ ޓީމުން ދިގު ކޮންޓްރެކްޓެއްގައި ގެނައި ގްރަހަމް ޕޮޓާ ވެސް ހަތް މަހެއްހާ ދުވަހުގެ ތެރޭގައި މަގާމުން ވަކިކުރީ އެވެ. ކުލަބަށް ދާއީމީ ކޯޗެއް ހަމަޖެއްސުމުގެ ކުރިން މިހާރު އެކުލަބުގެ ކޯޗުކަން ވަގުތީ ގޮތުން މި ސީޒަންގެ ނިޔަލަށް ހަވާލުކޮށްފައިވަނީ ކުރީގެ ކުޅުންތެރިޔާ ލަމްޕާޑާ އެވެ.

ޗެލްސީގެ ވެރިޔާ ބޯލީ ކުލަބަށް ގެންނަމުން އަންނަ ބަދަލުތަކަށް ކުރިމަތިވަމުން އަންނަ ފާޑުކިޔުންތަކަށް ރައްްދު ދެމުން ކޯޗު ލަމްޕާޑް ބުނީ ޗެލްސީ ކަހަލަ ކުލަބަކަށް މި ބަދަލުތައް އާ ވެދާނެ ކަމަށެވެ. ޗެލްސީއާ ގުޅުން ހުރި ގިނަ ފަރާތްތަކަށް އުނދަގޫވެގެން އުޅެނީ އެހެންވެގެން ކަން ފާހަގަކޮށް، ލަމްޕާޑް ބުނީ ޗެލްސީ އަކީ ޒާމާނުއްސުރެ ބަދަލެއް އައުމާ އެކު އަވަސް ނަތީޖާތަކެއް ނެރެމުން އައި ކުލަބެއް ކަމަށާއި، ދިގު މުއްދަތެއްގެ ޕްލޭނެއް ހަދައިގެން އެކަން ކުރަމުން އައި ބައެއް ނޫން ކަމަށެވެ.

ދެ ވަނަ ފަހަރަށް ޗެލްސީގެ ކޯޗުކަމާ ހަވާލުވެގެން މަސައްކަތް ކުރަމުން އަންނަ ލަމްޕާޑް ބުނީ މި ވަގުތު އެންމެ މުހިންމީ އާ ވެރިންގެ ތަސައްވުރަށް ތާއީދުކޮށް އެ ކަމަށް އެކުގައި މަސައްކަތްކުރުން ކަމަށެވެ.

ލަމްޕާޑު އެ ކަމުގެ މިސާލެއްގެ ގޮތުގައި ދެއްކީ ޗެލްސީއަށް ރޯމާން އަބްރަމޮވިޗް ގެނައި ބަދަލުތަކާއި އަރަބި މަހުޖަނު ޝެއިހު މަންސޫރު މެންޗެސްޓާ ސިޓީއަށް ގެނައި ބަދަލުތަކަވެ.

ލަމްޕާޑު ބުނީ ތަފާތު ދެ ދައުރެއްގައި ދެ ކުލަބާއެކު ތަފާތު ދެ ޕްލޭނެއްގައި މަސައްކަތް ކޮށްލުމުގެ ފުރުސަތު އޭނާ އަށް ލިބިފައިވުމަކީ ބޯލީގެ ޕްލޭނަށް އޭނާ އިތުބާރުކުރާ އެއް ސަބަބު ކަމަށެވެ. އެ ގޮތުން ފުރަތަމަ އަބްރަމޮވިޗް، ޗެލްސީއާ ހާވާލުވެ ކުޅުންތެރިން ގަތީ ކޯޗު މޮރީނިއޯގެ ޕްލޭނާ އެއްގޮތަށް ކަމަށާއި، އޭރު އެންމެންވެސް ހޯދަން މަސައްކަތްކުރީ އަވަސް ކާމިޔާބީތަކެއް ކަމަށެވެ.

ސީޓީގެ ހާލަތަށް ބަލާއިރު އެ ޓީމުން ގެނައި ދިގުރާސްތާ ޕްލޭނަކާ އެކު ބަދަލުތަކެއް ކަމަށް ލަމްޕާޑް ބުނެފައިވެ އެވެ. ސިޓީ އިން އޭރު ގެނައި ބަދަލުތަކުގެ ހަގީގީ ކާމިޔާބީ ދެމެހެއްޓެނިވި ގޮތެއްގައި ލިބެމުން އަންނަނީ މިހާރު ކަމަށާއި އޭރު ސީޓީ އަކީ ގަދަ ބާރެއްގެ ގޮތުގައި އޮތް ނަމަވެސް ގިނަ ތަށިތަކެއް ހޯދި ކުލަބެއް ނޫން ކަން ލަމްޕާޑް ފާހަގަކުރި އެވެ.

ޗެލްސީއަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވާ އެއް ސަބަބަކީ އެކުލަބުން ކުޅުންތެރިންނަށް ދިގު މުއްދަތެއްގެ ކޮންޓްރެކްޓްތަކެއް ދިނުމެވެ. އެ ގޮތުން އެންމެ އަގުބޮޑުކޮށް ފަހުން ގެނައި ދެ ކުޅުންތެރިންނަށް ދީފައިވަނީ އަށް އަހަރަށްވެސް ދިގު ކޮންޓްރެކްޓް ތަކެކެވެ.

އެ ކަމާ ގުޅޭގޮތުން ލަމްޕާޑް ބުނީ ޒުވާން ކުޅުންތެރިން އެންމެ ޕީކަށްދާއިރު ކުލަބުގައި ހުރުމަކީ މުހިންމު ކަމެއް ކަމަށާއި، އެ ކުލަބުގެ ތަސައްވުރު ރަނގަޅަށް ދަސްވެ، ކުލަބުގެ ސަގާފަތް އެނގެން ގިނަ ދުވަސްތަކެއް ނަގާނެ ކަމަށެވެ. މި ކަމުގެ މިސާލެއްގެ ގޮތުން ލަމްޕާޑް ދެއްކީ އާސެނަލް އާއި މެންޗެސްޓާ ޔުނައިޓެޑެވެ.

ލަމްޕާޑް ބުނީ އާސެނަލް ޓީމުގައި މިހާރު ލީޑު ކުރަމުން ދަނީ އެ ކުލަބުގެ "ކަލްޗާ" އެނގޭ ކުޅުންތެރިން ކަމަށެވެ. ދެން ތިބި ލީޑަރުންނަކީ ވެސް ކުލަބާ އެކު ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ ބައެއް ކަމަށާއި، ޓީމު އެކަތިގަނޑެއްގެ ގޮތުގައި ފެންނަ އެންމެ މުހިންމު ސަބަބަކީ އެއީ ކަމަށެވެ.

އޭނާ ބުނީ ސީޒަންގެ ބާކީ އޮތް ދުވަސްތަކުގައި އެންމެ މުހިންމު އިސްކަމެއް ދޭނީ އަލަށް އެކުލަބާ ގުޅުނު ކުޅުންތެރިންނާ އެކު ޗެލްސީ ހަމަ މަގަށް އެޅުވުމަށް ކަމަށާއި، މި ވަގުތު ނަތީޖާތައް ނެރުން ވެސް މުހިންމު ކަމަށެވެ. އެއީ ބޮޑު ހޭދައަކަށް ފަހު ނަތީޖާ ނުނެރެވުމަކީ ސަޕޯޓަރުންގެ އިތުބާރު ގެއްލޭނެ ކަމަކަށް ވާތީ ކަމަށެވެ.

އިނގިރޭސި ޕްރިމިއާ ލީގު ފަސް ފަހަރު ހޯދާފައިވާ ޗެލްސީ މި ވަގުތު އޮތީ ލީގު ތާވަލްގެ 11 ވަނައިގަ އެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ވެސް ޗެލްސީ ވާދަކުރަމުން އަންނައިރު ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑް އަތުން އެ ޓީމް ވަނީ 2-0 އިން ބަލިވެފަ އެވެ.

އެންމެ ފަހުން ޗެލްސީ މެޗަކުން މޮޅުވީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. މާޗް މަހުގެ 18 ގައި ކުޅުނު މެޗުގައި އެވަޓަން ކޮޅަށް ޖެހި ދެ ގޯލަށް ފަހު އެޓީމް ކުޅުނު ހަތަރު މެޗުގައި ގޯލެއްވެސް ޖެހިފަ އެއް ނުވެ އެވެ. ޗެލްސީން ލީގުގައި މިރޭ ބްރައިޓަންއާ ބައްދަލުކުރާނެ އެވެ.