Advertisement

ބޭބެއަށް ހަމަލާދީ މަރާލި މަވާޒު 12 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

13 ސެޕްޓެންބަރު 2023 - 11:33 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ބޭބެއަށް ހަމަލާދީ މަރާލި މަވާޒު 12 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

13 ސެޕްޓެންބަރު 2023 - 11:33 0

އައްޑޫގައި ތޫނު އެއްޗަކުން ހަމަލާދީ މަރަދޫފޭދޫ، ބްލޫ ސްޓާ، އަހުމަދު ޝުއައިބު މަރާލި މައްސަލައިގައި އޭނާގެ ކޮއްކޮ، ހުސައިން މަވާޒްގެ މައްޗަށް ދައުލަތުން އުފުލި ގަސްތުގައި މީހަކު މެރުމުގެ ދައުވާއަށް މިއަދު މަވާޒު ކްރިމިނަލް ކޯޓުގައި އިއުތިރާފުވުމުން އޭނާ 12 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

މިދިޔަ މެއި 31, ވަނަ ދުވަހުގެ ރޭ އައްޑޫ މަރަދޫގައި މަވާޒު، 25 ތޫނު އެއްޗަކުން ދިން ހަމަލާއަކުން ޝުއައިބު، 27، މަރުވުމުން މަވާޒު އުޅުނީ ފިލައިގެންނެވެ. އެކަމަކު، އޭނާ ހޯދަން އިއުލާނު ކުރުމުން ޖެހިގެން އައި ދުވަހު އަމިއްލައަށް ފުލުހުންނާ ހަވާލުވި އެވެ.

އެ މައްސަލައިގައި މަވާޒުގެ މައްޗަށް އުފުލީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ. އޭނާ ކުށަށް އިއުތިރާފުވުމުން ކުށް ސާބިތުވާ ކަމަށް ކޯޓުން ކަނޑައެޅީ މިދިޔަ މަހު 31 ގަ، އެވެ.

ކުށަށް އިއުތިރާފުވުމުން ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ވަނީ ގާއިމުކޮށްފަ އެވެ. އެ އެއްބަސްވުމުގައިވާ ގޮތުން ރޭޕްގެ މައްސަލަތަކާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަލަތަކުގެ ރެކޯޑު ވެސް މަވާޒުގެ މައްޗަށް އޮތުމުން 15 އަހަރު ދުވަހުގެ ޖަލު ހުކުމަކަށް ކުށުގެ ދަރަޖަ މަތިކުރަން ފެނުނެވެ.

އެކަމަކު، ތަހުގީގު މަރުހަލާއިން ފެށިގެން ފެށުނީއްސުރެ ކުށް ގަބޫލުކޮށް، އިއުތިރާފްވެ އަދި އެއްބާރުލުން ދޭތީ އެ އަދަބުން ދަރަޖައެއް ދަށްކޮށް، އޭނާގެ މައްޗަށް 12 އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް ކަނޑައަޅަން އެއްބަސްވުމުގައި ބަޔާންކޮށްފައިވެ އެވެ.

މައްސަލަ ބެއްލެވި ގާޒީ އާދަމް މުހައްމަދު ހުކުމް ކުރެއްވީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތަށް 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށެވެ. އަދި ކައްފާރާގެ ގޮތުގައި 60 ދުވަހު ރޯދަ ހިފުމަށް ވެސް ހުކުމް ކުރި އެވެ.

ޝުއައިބުއަށް މަވާޒު ހަމަލާ ދިނީ އެ ދެ މީހުން ދިރިއުޅޭ ގެ ކައިރީގައި މަގުމަތިންނެވެ. ކަތުރެއް ކަމަށް ބެލެވޭ އެއްޗަކުން ދިން ހަމަލާގައި ޝުއައިބު މަރުވީ އެ ޒަހަމަތަކަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ.