10 ސެޕްޓެންބަރު 2023 - 13:31 1
މުހައްމަދު އުޝާމް
ސުޕްރީމް ކޯޓު ހިންގާ އިމާރާތް؛ ސުޕްރީމް ކޯޓު ގަހުން ވަގަށް އަނބު ބިންނަން އުޅުނު މީހަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
10 ސެޕްޓެންބަރު 2023 - 13:31 1
ސުޕްރީމް ކޯޓުގެ ގޯތި ތެރޭގައި ހައްދާފައި ހުރި އަނބު ގަހުން އަނބު ބިންނަން އުޅުނު މީހަކު ހުއްޓުވައި އޭނާ ބަންދުކޮށްފި އެވެ.
އިއްޔެ ކްރިމިނަލް ކޯޓުން އާންމުކުރި ކޯޓު އަމުރެއްގައިވާ ގޮތުން މި ކަމެއް ހިނގީ މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ. ހަމަ އެ ރޭ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އެއީ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ޝަރީއަތުގައި ޖަވާބުދާރީވަމުން އޭނާ ބުނެފައިވަނީ އަނބު ބިންނަން އުޅުނީ ޖެހިގެން އޮތް ދުވަހު ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮތުމުން ރަހުމަތްތެރިންނަށް ދޭން ވެގެން ކަމަށެވެ.
އަދި ސުޕްރީމް ކޯޓު ގަހުން އަނބު ބިނުމަކީ މަނާ ކަމެއް ކަމަށް އޭނާއަށް ނޭނގޭ ކަމަށް ވެސް ބުންޏެވެ.
ކްރިމިނަލް ކޯޓުން ވަނީ އެ މީހާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިފަ އެވެ.
މީގެ ކުރިން ވެސް، ވެރިރަށް މާލޭގައި ހުރި ސުޕީރިއާ ކޯޓުތަކުގެ އިމާރާތްތަކުގެ އެތެރޭގައި ހައްދާފައި ހުންނަ އަނބު ގަސްތަކުން ވަގަށް އަނބު ބިންނަން އުޅުމުގެ ތެރެއިން ހުއްޓުވައި ހައްޔަރުކޮށްފައިވެ އެވެ.
މި ފަހަކުން، ސެޕްޓެމްބަރު 2021 ގައި ޖުވެނައިލް ކޯޓު އަނބު ގަހަކުން 70 އަށް ވުރެ ގިނަ އަނބު ބިނދެގެން ދަނިކޮށް ހައްޔަރުކުރި މީހަކު ހަ މަސް ދުވަހަށް ޖަލަށް ލުމަށް މިދިޔަ އަހަރު ހުކުމްކޮށްފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment