8 ސެޕްޓެންބަރު 2023 - 09:13 0
8 ސެޕްޓެންބަރު 2023 - 09:13 0
ރިޔާދު، ސައުދީ އަރަބިއްޔާ (ސެޕްޓެމްބަރު 8) - ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގަށް އިނގިރޭސި މިޑްފީލްޑަރު، ޖޯޑަން ހެންޑަސަން ބަދަލުވިއިރު، އޭނާ ކުރިން ކުޅެމުން އައި ލިވަޕޫލުން އެ ޓީމުގައި މަޑުކުރުވަން މަސައްކަތެއް ނުކުރާ ކަމަށް ބުނެފި އެވެ.
ލިވަޕޫލުން ދޫކޮށް ހެންޑަސަން ބަދަލުވި އަލް އިއްތިފާގަކީ ލިވަޕޫލްގެ ކުރީގެ ކެޕްޓަން، ސްޓީވެން ޖެރާޑް ކޯޗުކޮށްދޭ ޓީމެވެ. ލިވަޕޫލާ އެކު, ހެންޑަސަން, 33, ހުރި ކޮންޓްރެކްޓް ހަމަވާން ދެ އަހަރު ބާކީ އޮއްވައި، 15 މިލިއަން ޑޮލަރުގެ ޑީލެއްގައި އޭނާ އަލް އިއްތިފާގަށް ވިއްކާލީ އެވެ. ރިޕޯޓްތައް ބުނާގޮތުން، ހެންޑަސަން އަށް ހަފްތާ އަކު، އަލް އިއްތިފާގުން 915،000 ޑޮލަރު ލިބެ އެވެ.
އަލް އިއްތިފާގަށް ބަދަލުވި ގޮތާ ބެހޭގޮތުން ދިން އިންޓަވިއުގައި ހެންޑަސަން ބުނީ 12 އަހަރަށް ފަހު ލިވަޕޫލް ދޫކޮށްލަން ޖެހުނު ގޮތާ މެދު ހިތްނުތަނަވަސްވާ ކަންތައްތަކެއް ހުރި ކަމަށެވެ. އެ ގޮތުން، މިދިޔަ ސީޒަނަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕާ މަޝްވަރާ ކުރި ކަމަށާއި އޭރު ވެސް ޓީމު ދޫކޮށްލަން ޖެހިދާނެ ކަމުގެ އިޝާރާތެއް ލިބުނު ކަމަށެވެ.
"އަހަންނާ ކްލޮޕާ މެދު ވަރަށް ގާތް ގުޅުމެއް އޮވޭ. އޭނަ އަހަންނާ އަބަދުވެސް ވާހަކަ ދައްކަނީ ތެދުވެރިކަމާ އެކީގައި. އަހަރެމެންގެ ބައްދަލުވުމުގައި ދެއްކި ވާހަކައިގެ ތަފްސީލަކަށް ނުދާނަން. އެއީ ޕްރައިވެޓް ވާހަކަތައް. އެކަމަކު، އަހަންނަށް އެ ވާހަކަ ތަކުން އެނގުނު އަހަންނަށް ކުޅުމުގެ ފުރުސަތު މަދުން ލިބެން އުޅޭކަން. އަހަރެންގެ މަގާމަށް އިތުރު ކުޅުންތެރިން ގެންނަކަން،" ހެންޑަސަން ބުންޏެވެ.
"އަލް އިއްތިފާގުގެ ހުށަހެޅުން އައުމުން ކްލަބްގެ ހަރަކާތްތައް ހުރި ގޮތް އަހަންނަށް އެނގުނު. އެ ހިސާބުން ވެސް ކުރިން ވެސް އަހަންނަށް މި ފަހަރު ފެނުނު ކަމަކީ ކްލަބުން އަހަރެން މަޑުކުރުވަން މަސައްކަތް ނުކުރާނެކަން،"
ހެންޑަސަން ބުނީ އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅޭ އިންގްލެންޑް ޓީމުގައި ހިމެނެން ވީހާ ވެސް ގިނައިން ކުޅެން ބޭނުންވާ ކަމަށާއި އަލް އިއްތިފާގުގައި އެކަން ހާސިލްކުރެވޭނެ ކަމަށެވެ.
މި ފަހަރުގެ ޓްރާންސްފާގައި ލިވަޕޫލް ދޫކޮށް ރޮބާޓޯ ފިރްމީނޯ އާއި ފަބީނިއޯ ވެސް ވަނީ ސައުދީ ޕްރޯ ލީގަށް ބަދަލުވެފަ އެވެ. ލިވަޕޫލްގެ މުހައްމަދު ސަލާހާއި އެލިސަން ބެކާ އަށް ވެސް ސައުދީ ލީގުގެ އޮފާތައް ލިބިގެންދިޔަ އެވެ.
ސަންޑަލެންޑް ދޫކޮށް 24 މިލިއަން ޑޮލަރަށް، 2011 ވަނަ އަހަރު ލިވަޕޫލަށް ސޮއިކުރި ހެންޑަސަން، ލިވަޕޫލްގެ ކެޕްޓަންކަމާ ހަވާލުވީ 2015 ވަނަ އަހަރު ޖެރާޑް، އެ ކްލަބް ދޫކޮށްލުމުންނެވެ. ހެންޑަސަންގެ ކެޕްޓަންކަމުގައި ލިވަޕޫލުން ވަނީ ކްލަބް ލެވަލްގައި ހޯދޭނެ ހުރިހާ ޓްރޮފީއެއް ހާސިލްކޮށްފަ އެވެ.
Comment