Advertisement

މަނީލޯންޑަގެ ނިޔަތް އޮތްނަމަ އަމިއްލަ އެކައުންޓަކަށް ޖަމާނުކުރާނެ: ޔާމީން

6 ސެޕްޓެންބަރު 2023 - 18:06 2

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް އަބްދުﷲ ޔާމީން މިއަދު ޝަރީއަތަށް ހާޒިރުވާން ކަރެކްޝަންސްގެ ބެލުމުގެ ދަށުން މާލެ ވަޑައިގެން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


މަނީލޯންޑަގެ ނިޔަތް އޮތްނަމަ އަމިއްލަ އެކައުންޓަކަށް ޖަމާނުކުރާނެ: ޔާމީން

6 ސެޕްޓެންބަރު 2023 - 18:06 2

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ޖަމާކޮށްދިން އެއް މިލިއަން ޑޮލަރަކީ ކުށުގެ ފައިސާކަން ނޭނގޭ ކަމަށާއި އެ ފައިސާ ދޮންނަން ނުވަތަ މަނީލޯންޑަކުރަން ވެގެން އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ޔާމީން މިއަދު ޝަރީއަތުގައި ވިދާޅުވެއްޖެ އެވެ.

ޔާމީންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާ އަދި މަނީލޯންޑަގެ ދައުވާ ދޮގުކުރައްވައި، ދިފާއުގައި އެމަނިކުފާނު ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނާއި ޔޫސުފް ނައީމާ ދެމެދު ހިނގީ ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއް ކަމަށެވެ. އަދި މާރުކުރަން އެމަނިކުފާނު ދެއްވި ފައިސާއަކީ ސިޔާސީ މަސައްކަތަށް ހެޔޮ އެދޭ ވިޔަފާރިވެރިން ދީފައިވާ އެހީ ކަމަށް ވެސް ވިދާޅުވެ އެވެ.

ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން ޔާމީނުގެ މައްޗަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު މައްސަލާގައި ހައި ކޯޓުގައި މިއަދު ކުރިއަށް ގެންދިޔައީ މަނީލޯންޑަރިންގެ ދައުވާއާ ގުޅުވައި ޔާމީން ހުށަހަޅުއްވާ އިސްތިއުނާފީ ނުކުތާތަކުގެ ބައެވެ.

ޔާމީންގެ ފަރާތުން އިސްތިއުނާފީ 13 ނުކުތާއެއް ހުށަހެޅުއްވި އެވެ. އެއިން މަނީ ލޯންޑަރިންގެ ކުށް މާނަކުރި ގޮތުގެ ނުކުތާ ފިޔަވައި ދެން ހުރި ނުކުތާތަކީ މީގެ ކުރިން ރިޝްވަތުގެ ދައުވާއަށް ވެސް ހުށަހެޅުއްވި ނުކުތާތަކެވެ. އެހެންވެ މިއަދު ވާހަކަ ދައްކަން ފުރުސަތު ދިނީ މޯނީ ލޯންޑަރިން މާނަކުރުމުގެ ނުކުތާއަށެވެ.

ޔާމީންގެ ވަކީލުން އެ ނުކުތާ ތަފުސީލުކޮށްދެއްވައި ނިންމެވުމުން އެމަނިކުފާނު ވެސް އެ ނުކުތާގައި ވާހަކަ ދެއްކެވުމަށް ފުރުސަތަކަށް އެދިވަޑައިގަތެވެ. އެ ފުރުސަތުގައި ޔާމީން އަނެއްކާ ވެސް ތަކުރާރު ކުރެއްވީ އާރަށު މުއާމަލާތުގެ އެއްވެސް ކަމަކީ އެމަނިކުފާނުގެ އެނގުމުގައި ހިނގި ކަންކަމެއް ނޫން ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަފުޅެވެ.

"އާރަށް ނަގަން ރައީސް އޮފީހަށް ސިޓީއެއް ވަން ކަމެއް، ވަކި މީހަކަށް އާރަށް ދޭން އުޅޭ ކަމެއް، މިއީ އަޅުގަނޑުގެ ނޮލެޖްގައި (އެނގުމުގައި) ހުރި ކަންކަމެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ފާހަގަ ކުރެއްވި އަނެއް ކަމަކީ ފައިސާގެ އަސްލު އޮޅުވާލުމުގެ ނިޔަތް އޮވެގެން ކަމެއް ކުރާނަމަ، ފައިސާ ޖަމާކުރަމުން ދާނީ އަސްލު ސާފުނުވާ އެކައުންޓްތަކަކަށް ކަމަށެވެ. އަދި އެއީ ރާއްޖޭގެ ބޭންކިން އަދި މާލީ ނިޒާމު ހަރުދަނާކަމުން ލިބޭނެ ފުރުސަތެއް ވެސް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މަނީ ލޯންޑާކުރަން ބޭނުންވާ މީހަކު އަމިއްލަ އެކުންޓަކަށް، އަދި އަމުދުން ރާއްޖޭގައި ހުޅުވާފައި އޮންނަ އެކައުންޓަކަށް ފައިސާ ޖަމާއެއް ނުކުރާނެ،" ޔާމީން ވިދާޅުވި އެވެ. "ބެންކިން ނިޒާމުގެ ތެރެއިން ހިންގާ ކަންކަމުގައި ރާއްޖޭގައި ކޮންސީލެއް ނުކުރެވޭނެ،"

އެމަނިކުފާނުގެ ނުކުތާއަކީ ބޭންކު އެކައުންޓަކަށް 200،000 ރ. އަށް ވުރެ މަތީ އަދަދެއް ޖަމާވެއްޖެނަމަ އެ ކަން އެމްއެމްއޭއަށް އެނގިގެން ބަލާނެ ކަމެވެ. އެހެންކަމުން ރާއްޖޭގައި އެ ކަމަށް ފުރުސަތު ނެތް ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވާ ގޮތުން އެ ފައިސާއަކީ ސިޔާސީ ހަރަކާތްތައް ހިންގަން އެމަނިކުފާނަށް ދިވެހި ރުފިޔާއިން ލިބިފައިވާ އެކި ފައިސާ މާރުކޮށްގެން ޖަމާކޮށްފައިވާ ފައިސާ އެވެ. ފައިސާ އިންވެސްޓްކުރަން އަމިއްލަ އެކައުންޓަކަށް ޖަމާކުރީ އެއީ ސައްހަ ފައިސާ ކަމަށް ގަބޫލުކުރައްވާތީ ކަމަށް ވިދާޅުވި އެވެ.

"އަދިވެސް އެ ފައިސާ ހުރި ގޮތަށް އެ ހުރީ އެ އެކައުންޓުގައި، ކޮބައިތޯ ކޮންސީލްކުރެވިފައި (ފައިސާގެ އަސްލު އޮޅުވާލާފައި)؟" ޔާމީން ވިދާޅުވި އެވެ.

ސިޔާސީ ހަރަކާތްތައް ހިންގުމަށް، އެމަނިކުފާނަށް ތާއީދުކުރައްވާ އެކި ވިޔަފާރިވެރިން ފައިސާ ދިނުމާއި އެ ފައިސާ އެ މަސައްކަތަށް ބޭނުން ކުރެއްވުމަކީ ގާނޫނާ ހިލާފު ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެއީ ހާމަކުރަން އެއްވެސް ގާނޫނެއްގައި ލާޒިމުކޮށްފައި އޮތް ކަމެއް ވެސް ނޫން ކަމަށް ވިދާޅުވި އެވެ.

"ސިޔާސީ މަސައްކަތްތައް ކުރާތީ، އަޅުގަނޑަށް ހެޔޮ އެދޭ ފަރާތްތަކުން، ތާއީދުކުރާ އެކި ވިޔަފާރިވެރިން، އަބަދުވެސް އަޅުގަނޑަށް ބޮޑެތި އަދަދުތަކުން ފައިސާދޭ،"

ދައުލަތުގެ ރައްދު

ޔާމީންގެ ނުކުތާތަކަށް ރައްދު ދިނުމަށް ދައުލަތަށް ދިން ފުރުސަތުގައި، ދައުލަތުގެ ވަކީލު ހުސައިން ސާމީ ވިދާޅުވީ ޔާމީނަށް ލިބިފައިވާ ފައިސާގެ މަސްދަރު ސާފުކޮށްނުދެވޭ ކަމަށެވެ.

ރިޝްވަތާއި މަނީ ލޯންޑަރިން ފަދަ ކުށްތަތަކީ ސިއްރިއްޔާތުގައި ހިނގާ ކުށްތަކަކަށް ވެފައި އާންމު ގޮތެއްގައި ވެސް ސީދާ ހެކި ނުހުންނާނެ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. ނަމަވެސް މި މައްސަލާގައި ހުރި ހެކިތަކާއި ވަށައިގެންވާ ކަންކަމަށް ބެލުމުން އެއީ ރިޝްވަތުގެ ފައިސާ ކަން ސާފުވާ ކަމަށް ވިދާޅުވި އެވެ.

ޑޮލަރު މާރު ކުރުމުގެ މުއާމަލާތް ކަމަށް ދިފާއުން ފާހަގަ ކުރި ނަމަވެސް ޔާމީނަށް ޖަމާވި ޑޮލަަށްވާ ދިވެހި ރުފިޔާ ޔޫސުފް ނައީމަށް ދިން ކަން ސާބިތުވާ ވަރުގެ ހެއްކެއް ހުށަނޭޅޭ ކަމަށް ވިދާޅުވި އެވެ. އަދި ޔާމީންގެ މާލީ ބަޔާންތަކުން ވެސް އެމަނިކުފާނުގެ އަތުގައި އެ ވަރަށް ފައިސާ ނުހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސިޔާސީ ހަރަކާތަށް ލިބުނު ފައިސާ ކަމަށް ޔާމީން ވިދާޅުވި ނަމަވެސް ސިޔާސީ ހަރަކާތްތަކަކީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކުގެ ހަރަކާތާއި އިންތިހާބުތަކުގައި ވާދަކުރާ މީހުންގެ ހަރަކާތްތައް މޮނިޓާކުރެވޭ ގޮތަށް އޮތް ނިޒާމެއް ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"އެއްވެސް ބެލެހެއްޓުންތެރިކަމެއް ނެތި، އެއްވެސް ޒިންމާދާރުކަމެއް ނެތި، ހިންގާ ގޮތަކަށް އޮތް ނިޒާމެއް ނޫން، ސިޔާސީ ހަރަކާތުގެ ނިޒާމު، ސިޔާސީ ޕާޓީތަކުގެ ނިޒާމު، ރާއްޖޭގައި ރޭވިފައި މި އޮންނަނީ،" ސާމީ ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލުންގެ ތެރޭގައި ހިމެނޭ ވަކީލު އަހުމަދު ޝަފީއު އިތުރަށް ފާހަގަކުރެއްވި ކަމަކީ ފައިސާގެ އަސްލު އޮޅުވާލުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި އަމިއްލަ އެކައުންޓުން އަމިއްލަ ނަމުގައިވާ އެހެން އެކައުންޓަކަށް ޖަމާކުރުން ވެސް ހިމެނޭ ކަމަށެވެ.

"އެ މައުލޫމާތު ސިއްރުނުވެ ދިއުމަކީ އަސްލު އޮޅުވާލަން ކުރި މަސައްކަތް ނަފީ ކުރެވޭނެ ސަބަބެއް ނޫން،" ޝަފީއު ވިދާޅުވި އެވެ.

ދެ ފަރާތަށް ވެސް ފުރުސަތުތަކެއް ދިނުމަށް ފަހު، އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުލަތުން ފާހަގަ ކުރި ކަންކަމަށް ދިފާއުން ރައްދު ދިނުން ކަން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ. އަދި އެ ފަހުން، ޚުލާސާކޮށް ވާހަކަ ދައްކަވަން ފަހު އިތުރު ފުރުސަތެއް ވެސް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އާރަށު މައްސަލައިގެ ފަސްފަހަތް؛

ދައުލަތުން ކުރާ ދައުވާގައިވާ ގޮތުން ވ. އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީ އޮގަސްޓް 9، 2015 ގަ އެވެ. ޔޫސުފް ނައީމްގެ (އެ މައްސަލައިގައި ދައުވާ ލިބޭ އަނެއް ފަރާތް) 99 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ އޮގަސްޓް 13، 2015 ގަ އެވެ.

ސެޕްޓެމްބަރު 8، 2015 ގައި ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސަންޓު ހިއްސާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްއަށް ވިއްކާލީކަމުގަ އެވެ.

ސެޕްޓެމްބަރު 9، 2015 ގައި އެމްއެމްޕީއާރުސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ވ. އާރަށް ހަވާލުކުރިއިރު އެލްއޭއިން އެމްއެމްޕީއާރުސީއަށް ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓްއަށް އެއް މިލިއަން ޑޮލަރު އަދި ޔޫސުފް ނައީމަށް ވެސް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ.

ސެޕްޓެމްބަރު 13، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓަށް އެ ފައިސާ ޖަމާވުމުން ސެޕްޓެމްބަރު 15، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ. އޭގެ ދެ ދުވަސް ފަހުން އެ ފައިސާ އެޗްއެސްބީސީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

ޔާމީނާއި ޔޫސުފް ނައީމް ވެސް މި ދައުވާތަކަށް އިންކާރު ކުރެއްވި އެވެ. ދެ ބޭފުޅުން ވެސް ވިދާޅުވާ ގޮތުން އެއީ ދެމެދުގައި ހިނގާފައިވަނީ ދިވެހި ރުފިޔާއިން ޑޮލަރު ގަތް މުއާމަލާތެކެވެ. އަދި އާރަށް ކުއްޔަށް ދޫކުރުމުގައި ހިނގީ ވަކި އެހެން މުއާމަލާތެއް ކަމަށެވެ. އަދި ހިޔާނާތުގެ އެއްވެސް އަމަލެއް ހިންގަވާފައިނުވާނެ ކަމަށެވެ.