Advertisement

އައިއޯއައިޖީގެ ކާމިޔާބީ ފާހަގަކުރުމަށް ކުލަގަދަ އިވެންޓެއް ބާއްވަނީ

5 ސެޕްޓެންބަރު 2023 - 12:41 0

އަންހެން ޑަބަލްސް އިވެންޓަށް ފަހު ގައުމީ ބެޑްމިންޓަން ޓީމުގެ ނަބާ އާއި ނަބީ އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


އައިއޯއައިޖީގެ ކާމިޔާބީ ފާހަގަކުރުމަށް ކުލަގަދަ އިވެންޓެއް ބާއްވަނީ

5 ސެޕްޓެންބަރު 2023 - 12:41 0

މިދިޔަ މަހުގެ 25 އިން މި މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް މަޑަގަސްކަރާގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ޓީމުން ހޯދި ރަން ވަނަތައް ފާހަގަކުރުމުގެ ގޮތުން ކުލަގަދަ އިވެންޓެއް މިރޭ ބާއްވަން ތައްޔާރުވެއްޖެ އެވެ.

އައިއޯއައިޖީގައި ނުވަ ކުޅިވަރަކުން ރާއްޖެ ވާދަކުރިއިރު، ޖުމްލަ އެކު 28 މެޑަލް ހޯދައިފައިވެ އެވެ. މިއީ މިހާތަނަށް މަލްޓި ސްޕޯޓްސް ގޭމްސްއެއްގައި ރާއްޖޭން އެންމެ ގިނަ މެޑަލް ހޯދި ފަހަރެވެ. އައިއޯއައިޖީ އަށް ދިޔަ ރާއްޖޭގެ ކޮންޓިންޖެންޓް މިއަދު ހެނދުނު ރާއްޖެ އަތުވެފައިވާއިރު، ރަސްމީކޮށް އުފާފާޅުކުރުން އޮންނާނީ މިރޭ 8:45 ފަށާ އިވެންޓުގަ އެވެ. މި އިވެންޓްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މި އިވެންޓް އިންތިޒާމްކުރާ ޔޫތު މިނިސްޓްރީން ބުނީ އެތުލީޓުންނާއި އޮފިޝަލުންނަށް މަރުޙަބާ ކިޔުމަށް މި ފަދަ ކުލަގަދަ ރަސްމިއްޔާތެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ އެ އެތުލީޓުންނާއި އޮފިޝަލުން ދައްކައިދިން ގައުމިއްޔަތުގެ ރިވެތި ނަމޫނާ އާއި ހިތްވަރާއި އަޒުމާއި، ހޯދާފައިވާ ފަހުރުވެރި ކާމިޔާބީ ވީހާވެސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ކަމަށެވެ އަދި އައިއޯއައިޖީގައި ވާދަކުރި ރާއްޖޭގެ ޓީމުތަކުން ހޯދާފައިވާ ކާމިޔާބީގައި ބައިވެރިވުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ހޯދައިދިނުމުގެ ބޭނުމުގަ އެވެ.

ރާއްޖޭން މި ވަނީ އެންމެ ފަހުން، 2019 ވަނަ އަހަރު ބޭއްވި އައިއޯއައިޖީ އަށް ވުރެ މި ފަހަރު ކުރިއެރުން ހޯދައިފަ އެވެ. އެ ގޮތުން މީގެ ހަތަރު އަހަރު ކުރިން ރާއްޖޭން އައިއޯއައިޖީގައި ޖުމުލަ 15 މެޑަލް ހޯދިއިރު، މި އަހަރުގެ މުބާރާތުގައި ރާއްޖޭގެ ޓީމުތަކުން މެޑަލްގެ އަދަދު ވަނީ 28 އިތުރުކޮށްފަ އެވެ. އެއީ ފަސް ރަން މެޑަލް އާއި ނުވަ ރިހި މެޑަލްގެ އިތުރުން 14 ލޯ މެޑަލް އެވެ.

މި އިވެންޓްގައި ބައިވެރިވުމަށް ވީހާ ވެސް ގިނަ ބަޔަކު ރަތް ހެދުމުގައި ޖުމްހޫރީ މައިދާނަށް އައުމަކީ ޔޫތު މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެކެވެ. މި އިވެންޓްގައި ހަވާ އެރުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށްދާނެ އެވެ.