Advertisement

ޕީޕީއެމް ސަރުކާރުން 1،000 އަށްވުރެ ގިނަ މީހުން ވަޒީފާ އަދާކުރި ރަށް ބަދަލުކުރި: ރައީސް

4 ސެޕްޓެންބަރު 2023 - 10:52 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ކުމުންދޫއަށް ވަޑައިގެން ސަޕޯޓަރަކާ އެކު ރައީސް ސެލްފީއެއް ނަންގަވަނީ. ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވި --- ފޮޓޯ: މިރާން ނާޝިމް/އަދަދު


ޕީޕީއެމް ސަރުކާރުން 1،000 އަށްވުރެ ގިނަ މީހުން ވަޒީފާ އަދާކުރި ރަށް ބަދަލުކުރި: ރައީސް

4 ސެޕްޓެންބަރު 2023 - 10:52 0

ޕީޕީއެމްގެ ސަރުކާރުގައި އަމިއްލަ ރަށުގައި ވަޒީފާ އާދަކުރަމުން ދިޔަ 1,000 އަށްވުރެ ގިނަ މީހުން އާއިލާއާ ދުރަށް އެހެން ރަށްރަށަށް ފޮނުވާފައިވާކަން ލިޔުންތަކުން އެނގެން އޮތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ފުރުސަތު ދީ އޭގެ ހަލަބޮލި ކަމުގެ ތެރެއަށް ސަރުކާރު ވަންނަން ބޭނުން ނުވާ ކަމަށް ހދ. ކުމުންދޫގައި ބޭއްވި ކެމްޕޭން ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ. އަދި, ރާއްޖެއަށް ގެނެވުނު ހަމަޖެހުން އެއީ މި ސަރުކާރުގެ ބޮޑު ކާމިޔާބެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

"ނިލަންދޫގައި މަސައްކަތް ކުރާ މީހަކު ފޮނުވާލަފާނެ ކެލަޔަށް, ގަމަށް. ކުމުންދޫގައި މަސައްކަތް ކުރައްވާ މީހަކު ފޮނުވާލަފާނެ ލ. ގަމަށް ނުވަތަ ތިނަދޫއަށް. މި ހާލުގައި އަޅުގަނޑުމެން އެ ފަސް އަހަރު ކަޑައްތުކުރަމުން ދިޔައީ. ސިޔާސީ ހަރަކާތްތައް ހިންގުމަކީ ބިރުވެރިކަމެއް," އެ ދުވަހުގެ މާޒީ ހަނދާން އާ ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ފިއްތައިގެން ބިރުވެރިކަމެއްގެ ތެރޭގައި ބައިތިއްބައިގެން ކުރާ ވެރިކަމެއް ރައްޔިތުން ބަލައިނުގަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި, އެ ފުރުސަތު އެއްވެސް ބަޔަކު ނުދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ބައިވެރިވި މީހަކާ ރައީސް ސަލާމް ކުރައްވަނީ --- ފޮޓޯ: މިރާން ނާޝިމް/އަދަދު


"މި ފަސް އަހަރު ނިމިގެން މިދަނީ، ސިޔާސީ އެކަހަލަ އެއްވެސް ތަފާތު ވުމަކާ ގުޅިގެން މީހަކު ހައްޔަރުކޮށް ކޯޓަށް ފޮނުވާފައި ނޯންނާނެ,"

އިންތިހާބުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބާއްވާއިރު މިހާރު ކުރަމުންދާ ދަތުރުތަކުގެ ތެރެއިން ބަދަލެއް ފަާހަގަވަމުންދާ ކަމަށް ހދ. ކުމުންދޫގައި ހުންނަވައި ރައީސް ވިދާޅުވި އެވެ. އެގޮތުން, ވޯޓުލާނެ ކެންޑިޑޭޓެއް މީގެކުރިން ނިންމާފައިވާ ނުވާ މީހުން މިހާރު ވަކި ގޮތަކަށް ނިންމަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ބޮޑުކޮށް, ބޮޑުކޮށް ކޮންމެ ރަށަކުން އެ ބޭފުޅުން އެމްޑީޕީއާ ގުޅިވަޑައިގެން މިކަން ނިންމަން އެއްބުރުން ހިފާފައިވާތަން އަޅުގަނޑަށް ފެންނަނީ. މިހާތަނަށް ރަށްރަށް މި ކުރި ދަތުރުގައި ކޮންމެ ރަށަކުން އެ މަންޒަރު ފެނޭ," ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އިންތިހާބުތަކުގެ ޕޯލްތަކުން ފެންނަމުންދާ ނަތީޖާތަކަށް ވުރެ އިތުރަށް މި ބަދަލާ އެކު އެމްޑީޕީން ވޯޓު ހޯދާނެ އެވެ. މީގެ ކުރީ ސަރުކާރުގައި ތަހައްމަލުކުރި ބިރުވެރިކަމާއި އަނިޔާވެރިކަމުގެ ތެރެއަށް ދާން ރައްޔިތުން ބޭނުން ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ތަރައްގީގެ މަޝްރޫއުތަކާ އެކު ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބެމުންދާނެ. އެކަން އެހެން ކުރެވުނީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް އަޅުގަނޑުމެން ނުގޮސް ހަމައެކަނި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ފޯކަސް ކޮށްގެން ކުރިއަށްދިޔުމުން," އެ ރަށުގައި ހުންނަވައި ރައީސް ވިދާޅުވި އެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުމެ ހުންނެވި ޑރ. މުއިއްޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރެވެ. މުއިއްޒު ވިދާޅުވެފައިވަނީ އޭނާ ހިންގަވާނީ ޔާމީންގެ ސިޔާސަތު ކަމަށެވެ.