ރޭ ކުޅުދުއްފުށީ ސިޓީގައ ބޭއްވި ބޮޑު ޖަލްސާގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވި. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު
އިންތިހާބުގެ ކެމްޕޭނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހދ. އަތޮޅަށް ކުރައްވާ ދަތުރުގައި އިއްޔެ ހަ ރަށަކަށް ވަޑައިގަތެވެ. ރައީސް ސޯލިހު ހދ. އަތޮޅަށް ކުރައްވާ ދަތުރުގެ ދެވަނަ ދުވަހުގެ ފުރަތަމަ މަންޒިލަކީ ހދ. ކުމުންދޫ އެވެ. އާބާދީގައި 1,477 މީހުންގެ ދިރިއުޅެމުން އަންނަ އެރަށުގެ ގިނަ ބަޔަކު އެމަނިކުފާނަށް މަރުހަބާ ކިއުމަށް ބަނދަރު ސަރަހައްދަށް ޖަމާވި އެވެ.
ކުމުންދޫއަށް ވަޑައިގެން އެރަށުގެ ފެނަކަ އިންޖީނުގެ އަދި އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވި އެވެ.
ކުމުންދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ ކުރިން ގޮތެއް ނިންމަން ނޭނގިފައި ތިބި ގިނަ ބަޔަކު އެމްޑީޕީއާ ގުޅެމުން އަންނަ ކަމަށެވެ.
"ކުރިން ބައެއް ރައްރަށުގައި ގޮތެއް ނުނިންމާ ތިބި ބައެއް ބޭފުޅުން ގޮތްނިންމަމުން ދާތަން އެބަ ފެނޭ. އެބޭފުޅުން ބޮޑުތަނުން އަޅުގަނޑުމެންނާ އެބަ ގުޅޭ." ރައީސް ވިދާޅުވި އެވެ.
ވައުދުތައް:
ނޭކުރަންދޫއަށް ރައީސް ސޯލިހު ވަޑައިގަތުމުން އެރަށުގެ ގިނަ ރައްޔިތުންތަކެއް މަރުހަބާ ކިއުމަށް ނިކުތެވެ. ނޭކުރަންދޫގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކެމްޕޭނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ގިނަ ރައްތަކަކަށް ވަޑައިގެންނެވުނުއިރު ރައްޔިތުންގެ ފަރާތުން ފެންނަނީ "އެއްބުރުން" އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް ނިކުމެ ތިބޭތަން ކަމަށެވެ.
"އަޅުގަނޑުމެން މާލޭގައި ތިބޭއިރު އިވެނީ ބަނދަރެއް ހަދާ ވާހަކަ، ނުވަތަ ފެނާ ނަރުދަމާގެ ވާހަކަ. އެކަމަކު މިއިން ރަށަކަށް އައުމުން އެނގެނީ ހަގީގަތުގައި ރައްޔިތުން އެކަންކަމަށް ބޭނުން ޖެހިފައި ތިބޭ މިންވަރު" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައްރަށަށް ބޭނުންވާ ތައުލީމު، ސާފު ބޯފެނާއި ނަރުދަމާ އަދި ސިއްހީ ހިދުމަތް ފަދަ އަސާސީ ކަންކަން ފުދުނީ މި ސަރުކާރުން ކަމަށެވެ.
"މިއަދު އެބޭފުޅުން [އިދިކޮޅުން] ވިދާޅުވަނީ ކީއްކުރަން ކުރާ ކަންކަންތޯއޭ. ހަމަ ރީތިކޮށް ބަޔަކު ދިރިއުޅޭ ރައްރަށުގައި. އެބޭފުޅުންނަށް ތަރައްގީއަކީ ހަމައެކަނި އުސް އިމާރާތްތައް،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ބައެއް ރައްރަށަށް ވަޑައިގަންނަވާއިރު "މިނިވަންކުރޭ" "ދޫކޮށްލާ" ގޮވާ މަންޒަރު ފެންނަ ކަމަށާއި، ނަމަވެސް ކޯޓުން ހުކުމެއް ކޮށްފައިވާ މީހަކު މިނިވަންކުރެވޭނީ ޖުޑީޝަރީގެ ތެރެއަށް އަތް ބާނައިގެން ކަމަށެވެ. އެކަން އެގޮތަށް ނުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެ އިޝާރާތް ކުރެއްވީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށާއި، އެ މަނިކުފާނު މިނިވަން ކުރަން ޕީޕީއެމް/ޕީއެންސީން ކުރާ މަސައްކަތަށެވެ.
ވައުދުތައް:
ރައީސް ސޯލިހު ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ތިންވަނަ މަންޒިލަކީ ހދ. ވައިކަރަދޫ އެވެ. ވައިކަރަދޫއަށް ވަޑައިގެން އެރަށު ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވި އެވެ.
އެރަށޫގެ ބަނދަރު ބައްދަލުވުމުގައި ސަޕޯޓަރުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެއީ އެމްޑީޕީ އުފެދުނީއްސުރެ އިސްލާހަށް ކުރަން ފެށި މަސައްކަތުގެ ވަރަށް ބޮޑު ބައިވެރިއެއް ކަމަށެވެ.
ރައީސް ވިދާޅުވީ ރަށްރަށުން ފެންނަނީ ހަމަޖެހުމުގެ މަންޒަރު ކަމަށާއި، ހާއްސަކޮށް މާލެއިން އެ މަންޒަރު ފެންނަ ކަމަށެވެ.
"އަޅުގަނޑު ހިތުން ރާއްޖެއަށް އަޅުގަނޑުމެން މި ގެންނަ ބަދަލުތައް ނިމޭއިރު އަޅުގަނޑުމެން އޮންނާނީ ވަރަށް ކުރީގައި. ހާއްސަކޮށް މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު ވަރަށް ކުރީގައި" ރައީސް ވިދާޅުވިއެވެ.
ވައިކަރަދޫއަކީ ދަނޑުވެރި ރަށެއްކަން ފަހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދަނޑުވެރިން ހައްދާ ތަކެތި އެއްރަށުން އަނެއް ރަށަށް އުފުލުމަށްޓަކާ އާރުޓީއެލް މެދުވެރިކޮށް އެންމެ ހިތްހަމަ ޖެހޭ މިންވަރަށް އެ މަސައްކަތް ނުވާކަމަށެވެ.
އަމާޒަކީ ކުރިއަށް އޮތް ދައުރުގައި ބޮޑުތިލަދުންމަތީގައި ކާގޯ ފެރީއެއް ފެށުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ދަނޑުވެރިންނަށް ބޭނުންވާ ލޯނު ހަމަޖައްސައިދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ވައުދުތައް:
ނެއްލައިދޫއަށް ވަޑައިގެން އެރަށުގައި އަލަށް އިމާރަތްކުރި ފެނަކަ އިންޖީނުގެ ރަސްމީކޮށް ހުޅުވައިދެއްވި އެވެ. އަދި ބަނދަރު ހުޅުވުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރުއޫގެ ނިމުން ފާހަގަ ކުރެއްވި އެވެ.
ރައީސް ވިދާޅުވީ ނެއްލައިދޫއަކީ 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އަދި ފަހުން ސަރުކާރުން ވީ ވައުދުތައް އެންމެ ބޮޑަށް ފުއްދައިދެވުނު އެއް ރަށްކަމަށެވެ.
"ނެއްލައިދޫ ރައްޔިތުންނަކަށް އޮޅިވަޑައި ނުގަންނަވާނެ، ވައުދުވެ ވައުދު ނުފުއްދަނީ ކޮން ބައެއްކަން، އަދި ވައުދު ނުވަނީ ކޮން ބައެއްކަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އަންނަ ދައުރުގައި އެންމެ ބޮަޑަށް އިސްކަން ދޭނީ އިގްތިސާދު ފުޅާކުރުމަށް ކަމަށެވެ. އެގޮތުން ދަނޑުވެރިކަމާއި، ޓޫރިޒަމް އަދި މަސްވެރިކަން އިތުރަށް ފުޅާކުރުމުގެ ވިސްނުން އޮތްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ރާއްޖެއަށް ޓޫރިސްޓުން އައުމަށް މިހާރު އެންމެ ބޮޑަށް ބޭނުންކުރަމުން އަންނަނީ ބޭރުގެ އެއާލައިންތައް. އެއިން ކޮންމެ ކަންކޮޅަކަށް ވެސް ދިވެހި އެއާލައިނަށް ދަތުރުކުރެވިދާނެ. އަޅުގަނޑުމެން އިންވެސްޓު ކުރާނަން،" ރައީސް ވިދާޅުވި އެވެ.
ވައުދުތައް
ކުރިނބީއަށް ވަޑައިގެން ސަޕޯޓަރުންނާ އެކު ބޭއްވި ބަނދަރު ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ޖިސްމާނީ ދުޅަހެޔޮކަމެކޭ އެއްފަދައިން ދިވެހީންގެ ނަފުސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށް ސަރުކާރުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.
އަންނަ ދައުރެއްގައި ވެސް އެގޮތުން ގިނަ މަސައްކަތްތަކެއް ކުރުމަށް މެނިފެސްޓޯގައި ހިމަނާފައިވާކަން ފާހަގަކުރެއްވި އެވެ.
"ނަފުސާނީ ސިއްހަތާއި, ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުކުރަން ފޯރުކޮށްދޭ ހިދުމަތްތަކާއެކު މެންޓަލް ހެލްތުގެ ގާނޫނެއް އަޅުގަނޑުމެން ވުޖޫދުކޮށް, ގައުމީ ފެންވަރުގައި ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ހިންގާ, އެމީހަކު ހުރި ހިސާބަކުން ޕްރައިމަރީ ހެލްތު ނިޒާމުގެ ތެރެއިން ނަފްސާނީ ފަރުވަ ލިބޭނެ ގޮތް ކުރިއަށް އޮތްތަނުގައި ހަމަޖައްސައިދޭނަން" ރައީސް ވިދާޅުވި އެވެ.
ވައުދުތައް:
ހދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވާ ދަތުރުގެ ފަހު މަންޒިލެއްގެ ގޮތުން ވަޑައިގަތީ ކުޅުދުއްފުށީ ސިޓީއަށެވެ. އާބާދީގައި 14،000 އެއްހާ މީހުން ދިރިއުޅޭ ކުޅުދުއްފުށިން ރައީސަށް ހޫނު މަރުހަބާއެއް ކިޔާފައި ވެއެވެ. އެމަނިކުފާނު އެރަށަށް ވަޑައިގަތް އިރު ބަނދަރު ސަރަހައްދަށް އެއްވެ ތިބި މީހުންނާ ސަލާމްކުރެއްވުމަށް ގަޑިއެއްހާއިރު ހޭދަކުރެއްވި އެވެ.
ކުޅުދުއްފުށްޓަށް ވަޑައިގެން ރައީސް ބޭއްވެވި ބޮޑު ޖަލްސާއަށް ވެސް ގިނަ އަދަދެއްގެ ބަޔަކު އެއްވި އެވެ.
އެ ޖަލްސާގައި ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ބޭރު ގައުމުތަކުން ނަގާފައިވާ ލޯނުތަކަށް 2026 ވަނަ އަހަރު ގިނަ އަދަދެއްގެ ފައިސާ އެއްފަހަރާ ދައްކަން ޖެހޭއިރު އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބިއްޖެ ނަމަ އެފައިސާ އަނބުރާ ދައްކައި ހަލާސް ކުރައްވާނެ ކަމަށެވެ.
އަދި ރާއްޖެ ދަރާފައި އޮތް ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކަކީ "ބުހުތާނު ދޮގެއް" ކަމަށް ވެސް ވިދާޅުވި އެވެ.
"ވާދަވެރިން އަމާޒުކޮށް ދައްކާ އެއް ވާހަކަައަކީ ރާއްޖެ ބަނގުރޫޓު ވެފައި އޮތް ވާހަކަ. ދަރާ ވިކިފައި އޮތް ވާހަކަ. ދަންނަވަތޯ އެއީ ބުހުތާން ބޮޑު ދޮގު. އެނގި ތިބެ ރައްޔިތުންނަށް އޮޅުވާލަން ދައްކާ ވާހަކަ އެެއީ. ސިޔާސީ ބޭނުމެއްގައި ދައްކާ ވާހަކަ އެއީ," އެކަމާ ގުޅިގެން ރައީސް ވިދާޅުވި އެވެ.
ވައުދުތައް:
މި ސަރުކާރުން އުތުރުގެ ރަށްތަކަށް ގެނެސްދޭ އިންގިލާބީ ބަދަލާއެކު މި ފަހަރުގެ އިންތިހާބުގައި ވެސް ހދ. އަތޮޅުގެ މެޖޯރިޓީ ލިބޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ރައީސް ސޯލިހުގެ ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ.
ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ދެން ރައީސް ވަޑައިގަންނަވާނީ ރ. އަތޮޅަށެވެ. އެގޮތުން މިއަދު ރ. އަތޮޅުގެ ހަ ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައި ވެއެވެ.
Comment