3 ސެޕްޓެންބަރު 2023 - 11:36 0
3 ސެޕްޓެންބަރު 2023 - 11:36 0
ނޭޕްލްސް (ސެޕްޓެމްބަރު 3) - އިޓާލިއަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީ 2-1 އިން ބަލިކޮށް ލާޒިއޯ އިން މި ފަހަރުގެ ލީގު ސީޒަންގައި އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.
ރޭގެ މެޗުން ބަލިވުމުން ލީގުގެ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު ނަޕޯލީން ވަނީ ނަގާލައިފަ އެވެ. މި ވަގުތު އެއް ވަނައިގައި އޮތީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް، ނުވަ ޕޮއިންޓް ހޯދާފައިވާ އޭސީ މިލާން އެވެ. ދެ ވަނަައިގައި އޮތް އިންޓަ މިލާން މިރޭ ކުޅޭ މެޗުން މޮޅުވެ، އެއް ވަނަ އަށް އަރަން ފުރުސަތު އެބައޮތެވެ.
ނަޕޯލީ ބަލިވި މި މެޗުގެ ފުރަތަމަ ގޯލު ވެސް ޖެހީ ލާޒިއޯ އިންނެވެ. ނަޕޯލީ އިން ރަނގަޅަށް ކުޅެމުން ދިޔަ ދަނޑިވަޅެއްގައި މި ގޯލު ލާޒިއޯ އަށް ޖަހައިދިނީ ސްޕެއިންގެ މިޑްފީލްޑަރު، ލުއިސް އަލްބާޓޯ އެވެ. މުޅި މެޗު އެއްކޮށް ކަހަލަ ގޮތަކަށް ޑޮމިނޭޓްކުރި ނަޕޯލީ އިން ލަޒީއޯގެ ގޯލު ޖެހިތާ ދެ މިނެޓު ފަހުން ނަތީޖާ ހަމަހަމަކުރި އެވެ. މި ގޯލި ޖަހައިދިނީ ޕޮލެންޑް ގައުމީ ޓީމަށް ވެސް ކުޅޭ ޕިއޮޓްރޭ ޒިއެލިންސްކީ އެވެ.
ލާޒިއޯ މެޗުން މޮޅުވި ގޯލު އެޓީމަށް ޖަހައިދިނީ އާ ސީޒަނަށް އެޓީމާ ގުޅުނު ޖަޕާންގެ މިޑްފިލްޑަރު ޑައިޗީ ކަމާޑާ އެވެ. މިއީ ޖަރުމަންގެ އައިންޓްރަކްޓް ފްރެންކްފާޓުން އިޓަލީގެ ލާޒިއޯ އަށް ބަދަލުވިފަހުން އޭނާ ޖެހި ފުރަތަމަ ގޯލެވެ.
އިޓަލިއަން ލީގުގައި ރޭ މޮންޒާ އަތުން އެޓްލާންޓާ މޮޅުވީ 3-0 އިންނެވެ. ރޭ ބޮލޮންޔާ އިން ކަގްލިއާރީގެ މައްޗަށް 2-1 އިން ކުރި ހޯދިއިރު، އުދިނޭސީ އާއި ފްރޮސިނޯނޭ ވާދަކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.
ސެރީއާގައި މިރޭ ޔުވެންޓަސް ނުކުންނާނީ އެމްޕޯލީއާ ދެކޮޅަށެވެ. އިންޓަ މިލާން ނުކުންނާނީ ފިއޮރެންޓީނާއާ ދެކޮޅަށެވެ.
Comment