Advertisement

އައިއޯއައިޖީ 2023: އަންހެން ރިލޭ ޓީމަށް އަނެއްކާ ވެސް ލޯ މެޑަލެއް

3 ސެޕްޓެންބަރު 2023 - 06:42 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ހަތަރެއް ގުނަ 400 މީޓަރު ރިލޭ އިން ލޯ މެޑަލް ހޯދި ޓީމު މެޑަލާ އެކު.--- ފޮޓޯ: އިސްމާއިލް ތޯރިގު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


އައިއޯއައިޖީ 2023: އަންހެން ރިލޭ ޓީމަށް އަނެއްކާ ވެސް ލޯ މެޑަލެއް

3 ސެޕްޓެންބަރު 2023 - 06:42 0

މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ އަންހެން ރިލޭ ޓީމުން އިތުރު ބްރޯންޒް މެޑަލް އެއް ހޯދައިފި އެވެ.

މީގެ ކުރިން ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން ބްރޯންޒް މެޑަލް ހޯދާފައިވާ އަންހެން ޓީމުން މި ފަހަރު މެޑަލް ހޯދީ ހަތަރެއް ގުނަ 400 މީޓަރު ރިލޭ އިންނެވެ. މި ރިލޭގައި ދުވި ދުވުންތެރިންނަކީ އައިޝަތު ހިމްނާ ހަސަން، ހައްވާ މުޒުނާ ފާއިޒު، އާމިނަތު ލަޔާނާ މުހައްމަދު އަދި ޒިވާ މޫސާ ޝަފީއު އެވެ.

ވާދަވެރި އަދި ފޯރިގަދަކޮށް ފެނުނު އިވެންޓުގައި ވާދަކޮށް ރާއްޖޭގެ ޓީމުން ރޭސް ނިންމީ ތިން މިނެޓު 52.99 ސިކުންތުންނެވެ. ރާއްޖޭގެ ކުރިން އެއްވަނައިގައި ރޭސް ނިންމީ މަޑަގަސްކަރައިން ރޭސް ނިންމީ ތިން މިނެޓު 45.78 ސިކުންތުންނެވެ. ދެ ވަނަ ހޯދި މޮރިޝަސް ރޭސް ނިންމީ 52.76 ސިކުންތުންނެވެ.

ހަތަރެއް ގުނަ 400 މީޓަރު ދުވުމުގެ އަންހެން ރިލޭ ޓީމް ބްރޯންޒް މެޑަލް ހޯދިއިރު މީގެ ކުރިން ރާއްޖޭގެ އެތުލީޓުން ވަނީ ހަތަރެއް ގުނަ 100 މީޓަރު އަންހެން ރިލޭ އާއި ހަތަރެއް ގުނަ 400 މީޓަރު މިކްސް ރިލޭއިން ވެސް ބްރޯންޒް މެޑަލް ހޯދައިފަ އެވެ.

ހަތަރެއް ގުނަ 100 މީޓަރު އަންހެން ރިލޭ އިން މެޑަލް ހޯދި ޓީމްގައި ހިމެނެނީ ހިމްނާ، މަރިޔަމް ރޫޔާ އަލީ، އަހްނާ ނިޒާރު އަދި މަރިޔަމް އަލްހާ ހުސައިން އެވެ. ހަތަރެއް ގުނަ 400 މީޓަރު މިކްސް ރިލޭއިންވެސް ބްރޯންޒް މެޑަލް ހޯދި ޓީމްގައި ހިމެނެނި ހިމްނާ، ޒިވާ، ހުސައިން ރިޒާ (ކުޑަ ރިޒާ) އަދި ހަސަން ސާއިދު އެވެ.

ހަތަރެއް ގުނަ 400 މީޓަރު ފިރިހެން ރިލޭގައިވެސް ރާއްޖޭގެ ފިރިހެން ޓީމް ވާދަކުރި އެވެ. މި އިވެންޓުން ރާއްޖޭގެ ޓީމް ދިޔައީ ރޭހުގެ ފަހަތަށެވެ. ރާއްޖެއިން މި ރިލޭގައި ދުވީ ސާއިދު، ކުޑަ ރިޒާ، ހުސައިން ޒީކް ސުއާދު އަދި އަބްދުއްރަޝީދު އިސްމާއިލް (ރައްޓު) އެވެ.

ހޮނިހިރު ދުވަހު ކުރިއަށްދިޔަ އެހެން އިވެންޓުތަކަށް ބަލާއިރު 800 މީޓަރު ދުވުމުގެ އަންހެން އަދި ފިރިހެން ފައިނަލް ހީޓުތައް މިއަދު ކުރިއަށްދިޔަ އެވެ. ފިރިހެން ފައިނަލުގައި ރާއްޖޭގެ ރިޒާ އާއި ހުސައިން ފަޒީލް ހާރޫން (ފްލޭޝް) ވާދަކުރި އެވެ. ރަނގަޅު ޓައިމިންއަކާ އެކު ފައިނަލަށް ރިޒާ ކޮލިފައިވި ނަމަވެސް އޭނާ އަށް މެޑަލްއެއްގައި އަތްލެވޭ ވަރެއް ނުވި އެވެ. ރިޒާ ދިޔައީ ހަތަރު ވަނަ އަށެވެ. ފަޒީލް ދިޔައީ ހަ ވަނަ އަށެވެ.

އަންހެން އިވެންޓުގައި ރާއްޖެއިން ދުވީ މި އިވެންޓުގެ ގައުމީ ރެކޯޑު އޮންނަ ފަސޫހާ އަހުމަދު އެވެ. ފަސޫހާ އަށް މި އިވެންޓުގައި މާ އެދެވޭ ކާމިޔާބެއް ނުހޯދެ އެވެ.

ހޮނިހިރު ދުވަހުގެ އިވެންޓުތަކާ އެކު އައިއޯއައިޖީގައި ރާއްޖެ އަށް ގިނަ އިވެންޓްތައް ނިމުނުއިރު، އެތުލެޓިކްސް އިން ވަނީ ފަސް މެޑަލް ހޯދައިފަ އެވެ. އެއީ ރިލޭތަކުން ހޯދި ތިން ބްރޯންޒް މެޑަލް އާއި ޕެރަ އިވެންޓުތަކުން ހޯދި ދެ މެޑަލް އެވެ. އެ ގޮތުން ޕެރަ އެތުލެޓިކްސް 100 މީޓަރު ދުވުމުގެ ބައިން ރާއްޖޭގެ އަބްދުއްރައްޒާގު އަބްދުއްސަމަދު އާއި ފާތިމަތު އިބްރާހިމް ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

ރާއްޖެ އަށް ދެން އޮތީ މިއަދު އޮތް ހާފް މެރަތަން އެވެ. ރާއްޖެ ތަމްސީލް ކުރާނީ ސަމްހާ އާއި ޔޫސުފް އެވެ.