26 ޑިސެންބަރު 2024 - 14:55 0
26 ޑިސެންބަރު 2024 - 14:55 0
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އާ ގުޅިގެން ހުޅުވާލި ސްޕޯޓްސް ސްކޮލަޝިޕް ފުރުސަތު ގައުމީ އެތުލެޓިކްސް ޓީމުގެ ތަރި، އައިޝަތު ހިމްނާ ހަަސަން އަށް ލިބިއްޖެ އެވެ.
ބީއެމްއެލްއިން މި ސްކޮލާޝިޕަށް ހުޅުވާލިއިރު، މި ޕްރޮގްރާމުގެ އަމާޒަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުމެވެ.
މި ސްކޮލަޝިޕަށް އެތުލީޓުން ހޮވުމުގެ ކަންތައްތައް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބެލެހެއްޓިއިރު، އެކަން ކުރިއަށް ގެންގޮސްފައިވަނީ، މެމްބަރު އެސޯސިއޭޝަންތަކަށް ހުޅުވާލައިގެންނެވެ.
އެ ގޮތުން، އެސޯސިއޭޝަންތަކުން ލިބުނު އެޕްލިކޭޝަންތަކުގެ އިވެލުއޭޝަންތަކެއް ހެދުމަށް ފަހު، ހިމްނާ އަށް ސްކޮލަޝިޕް ދޭން ނިންމީ އެވެ.
ހިމްނާ އަށް އަހަރު ދުވަހަށް ދީފައިވާ މި ސްކޮލަޝިޕް ކުރިއަށްދާނީ ޖެމެއިކާ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރެއްގައި ޖެމެއިކާގެ ސްޕްރިންޓެކް ކްލަބާ އެކީގަ އެވެ. މިއީ، ކިޔެވުމާ އެކުގައި، ކުރިއަށްދާނެ ޓްރެއިނިން ސްކޮލަޝިޕެކެވެ.
ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކޮށްފައިވާ، ހިމްނާ، މީގެ ކުރިން ވެސް އައީ ޖެމެއިކާގައި ޓްރެއިނިން ފުރިހަަމަ ކުރަމުންނެވެ. އެއީ، މި އަހަރުގެ އޮގަސްޓްގެ ނިޔަލަށް އޮތް މޯލްޑިވްސް އޮލިޕިކްސް ކޮމިޓީން ދިން، ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕްގެ ދަށުންނެވެ.
މިދިޔަ އަހަރުތަކަށް ބަލާއިރު، ރާއްޖޭގައި އެންމެ ހަލުވި ދުވެއްޔެއްގައި ކުރިއެރުން ހޯދަމުން އައި އަންހެން ސްޕްރިންޓަރަކީ ހިމްނާ އެވެ. އޭނާގެ އެންމެ ހާއްސަ ކާމިޔާބަކީ، 2022 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގައި، ރާއްޖޭގެ އަންހެނުންގެ 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލުމެވެ. އެއީ، 21 އަހަރު ވަންދެން ސަމްހާ އަހުމަދު ދަމަހައްޓަމުން އައި ރެކޯޑެކެވެ.
ހިމްނާ، 100 މީޓަރު ދުވުމުގެ އެ ރެކޯޑް މުގުރާލި ފަހުން، މި އަހަރު މެއި މަހު، އެ ރެކޯޑް މުގުރާލީ މަރިޔަމް ރޫޔާ އަލީ އެވެ. އެއީ، 12 ސިކުންތަށް ވުރެ އަވަހަށް ދުވެގެންނެވެ.
މީގެ ކުރިން، ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން، މިދިޔަ އަހަރު ވަނީ ހަތަރު ކުޅިވަރެއްގެ އެތުލީޓުންނަށް ސްކޮލަޝިޕް ދީފަ އެވެ. އެއީ، އެތުލެޓިކްސް، ބެޑްމިންޓަން، ޓޭބަލް ޓެނިސް އަދި ޓެނިސް ހިމެނޭ ގޮތަށް ހަތް އެތުލީޓަކަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment