1 އޮކްޓޯބަރު 2023 - 17:55 0
ަމިއަދުގެ ރޭހަށް ފަހު އަހުނާ: 200 މީޓަރު ދުވުމުގެ ޔޫތު ރެކޯޑް ތިން މަހެއްހާ ދުވަސްތެރޭ ދެ ފަހަރެއްގެ މަތިން މި ވަނީ މުގުރާލައިފައި.--- ފޮޓޯ: އިސްމާއިލް ތޯރިގު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
1 އޮކްޓޯބަރު 2023 - 17:55 0
ޗައިނާގެ ހަންގްޒޫގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ 200 މީޓަރު ދުވުމުގެ އިވެންޓްގައި ވާދަކޮށް، ރާއްޖޭގެ ކުރިއަރަމުން އަންނަ އަންހެން ދުވުންތެރިޔާ، އަހުނާ ނިޒާރު ގައުމީ ޔޫތު ރެކޯޑް އާ ކޮށްފި އެވެ.
ހދ. ކުޅުދުއްފުށްޓަށް އުފަން، އަހްނާ، އަންހެނުންގެ 200 މީޓަރު ދުވުމުގެ ޔޫތު ރެކޯޑް އާ ކޮށްފައިވަނީ މިއަދު ބޭއްވި ރޭހުގައި ދުވެ، 25.66 ސިކުންތުން ރޭސް ނިންމައިގެންނެވެ. އަހްނާ ދިޔައީ ވާދަކުރި ހީޓުގެ ހަ ވަނަ އެވެ. އެ ހީޓުގެ އެއް ވަނަ ހޯދި، ސިންގަޕޫރުގެ ވެރޯނިކާ ޕެރެއިރާ ރޭސް ނިންމީ 23.14 ސިކުންތުންނެވެ.
އަހުނާ މި ރެކޯޑް އެންމެ ފަހުން ހެދީ ޖުލައި މަހު ތައިލެންޑުގައި ބޭއްވި އޭޝިއަން ޗެމްޕިއަންޝިޕްގައި 25.73 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އަހުނާ، މިއަދު ބޭއްވި އޭޝިއަން ގޭމްސްގެ 200 މީޓަރު ދުވުމުގެ ހީޓުގައި ދުވަނީ.--- ފޮޓޯ: އިސްމާއިލް ތޯރިގު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ރާއްޖޭގެ އެންމެ ބާރު އަންހެން ދުވުންތެރިޔާ، އައިޝަތު ހިމްނާ ހަަސަން ވަނީ 200 މީޓަރު ރޭހުގެ ހީޓު އެކެއްގެ ހަތް ވަނައިގައި ނިންމައިފަ އެވެ. އެއީ 25.59 ސިކުންތުންނެވެ. މި ހީޓުގެ އެއް ވަނަ ހޯދީ ބަހްރޭނުގެ ސަލްވާ ނާސިރު އެވެ. ޓައިމިން އަކީ 23.74 ސިކުންތެވެ.
ފިރިހެން އެތުލީޓުންނަށް ބަލާއިރު، 200 މީޓަރު ހީޓު އެކެއްގައި އިބްރާހިމް ނާހިލް ނިޒާރު ދުވެފައިވަނީ 22.98 ސިކުންތުންނެވެ. އެ ހީޓުގެ އެއް ވަނަ އަށް ދިޔަ ޗައިނީސް ޓައިޕޭގެ ޗުން ހަން ޔަންގްގެ ޓައިމިން އަކީ 20.98 ސިކުންތެވެ. ރާއްޖޭގެ އަހުމަދު ނަޖުދާން އަބްދުﷲ، ހީޓު ދޭއްގައި ވާދަކުރިއިރު، ޓައިިމިން އަކީ 23.27 ސިކުންތެވެ. ނަޖުދާން އެންމެ ފަހަތުން ރޭސް ނިންމިއިރު، އެއް ވަނަ އަށް ދިޔަ ޖަޕާނުގެ ކޯކީ އުޔޭމާ ރޭސް ނިންމީ 20.82 ސކުންތުންނެވެ.
Comment