Advertisement

އައިއޯއައިޖީ 2023: ޝައްފާންގެ ހިތްވަރަށް ސާބަސް، ސިންގަލްސް އިން ރިހި މެޑަލް ހޯދައިފި!

2 ސެޕްޓެންބަރު 2023 - 08:16 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ޝައްފާން ރިހި މެޑަލްއާ އެކު: މިއީ ރާއްޖޭގެ ތާރީހުގައި ވެސް ހާއްސަ ކާމިޔާބެއް.--- ފޮޓޯ: އިސްމާއިލް ތޯރިގު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


އައިއޯއައިޖީ 2023: ޝައްފާންގެ ހިތްވަރަށް ސާބަސް، ސިންގަލްސް އިން ރިހި މެޑަލް ހޯދައިފި!

2 ސެޕްޓެންބަރު 2023 - 08:16 0

މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ފިރިހެން ސިންގަލްސް އިވެންޓުގައި ވާދަކޮށް ރާއްޖޭގެ މުހައްމަދު ޝައްފާން އިސްމާއިލް ރިހި މެޑަލް ހޯދައިފި އެވެ.

ޓޭބަލް ޓެނިހުން މިހާތަނަށް އެންމެ ގިނަ ބައިނަލްއަގްވާމީ ކާމިޔާބީތައް ހޯދައިދިން ގޭމްސްގައި މި އަހަރަކީ ފިރިހެން ޓީޓީ އަށް ހާއްސަ އަހަރެކެވެ. އެ ގޮތުން މި އަހަރުގެ ގޭމްސްގައި ފިރިހެން ޓީމުގެ އެތުލީޓުން ވަނީ ތިން އިވެންޓެއްގައި ފަސް މެޑަލް ހޯދައިފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ހާއްސަވި އެއް މެޑައްޔަކީ ފިރިހެން ސިންގަލްސްގައި އިއްޔެ ޝައްފާން ހޯދި ރިހި މެޑައްޔެވެ.

ބައިނަލްއަގްވާމީ މުބާރާތެއްގެ ސިންގަލްސް އިވެންޓެއްގެ ފައިނަލުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ކުޅުންތެރިއަކު މިއަދު ޖާގަ ހޯދިއިރު ޝައްފާން ފައިނަލުގައި ނުކުތީ މަޑަގަސްކަރާގެ ނަޓިވެލް ޖޮނަތަންއާ ދެކޮޅަށެވެ. މި މެޗުން ޝައްފާން ބަލިވީ 4-2 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ތިން ސެޓު 6-11، 8-11 އަދި 5-11 އިން ގެއްލުނު ނަމަވެސް ޖެހިގެން އައި ސެޓުގައި ތަފާތު ހިތްވަރެއް ނެރެ ޝައްފާން އެ ސެޓު 13-11 އިން ކާމިޔާބުކުރި އެވެ. ދެން އައި ސެޓުގައިވެސް ވާދަވެރިކުޅުމަކަށްފަހު ޝައްފާން މޮޅުވީ 11-9 އިންނެވެ. މަޑަގަސްކަރައިގެ އެއްވަނަ ކުޅުންތެރިޔާ ޖެހިގެން އައި ސެޓު 6-11 އިން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދި ނަމަވެސް ޝައްފާން ވަނީ ފިރިހެން ޓޭބަލް ޓެނިހުގައި ދިވެހިރާއްޖެއިން ހޯދައިފައިވާ ކުރިއެރުން ދައްކައިދީފަ އެވެ.

މުބާރާތުގެ ފައިނަލަށް ޝައްފާން ދިޔައީ ސެމީ ފައިނަލްގައި މޮރީޝަސްގެ ޗަން ޔޫކް 4-1 ސެޓުން ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތައް ނިމުނީ 11-1، 7-11، 11-4، 11-8 އަދި 11-7 އިންނެވެ.

ކުއާޓާ ފައިނަލުގައި އޭނާ ވަނީ ސީދާ ހަތަރު ގޭމުން މަޔޮޓްގެ ވިއްޓާ ބަލިކޮށްފަ އެވެ. މެޗުގެ ސެޓުތައް ޝައްފާން ގެންދިޔައީ 11-6، 11-3، 11-6 އަދި 12-10 އިންނެވެ.

ފިރިހެން ސިންގަލްސް އިވެންޓުގައި ވާދަކުރި ރާއްޖޭގެ އެހެން ކުޅުންތެރިންނަށް ބަލާއިރު ރާއްޖޭގެ އެންމެ ކާމިޔާބު ފިރިހެން ޓީޓީ ކުޅުންތެރިޔާ މޫސާ މުންސިފް އަހުމަދު ކުއާޓާ ފައިނަލުން ކެޓީ ޗެމްޕިއަންކަން ހޯދީ މަޑަގަސްކަރައިގެ ނަޓިވެލް އަތުން ވާދަވެރި ކުޅުމަކަށްފަހު 4-3 ސެޓުންނެވެ.

ރާއްޖޭގެ އަޚްޔާރު މުހައްމަދު ހާލިދު ކުއާޓާ ފައިނަލުގައި ކެޓީ ޗަން ޔޫކް އަތުން 4-1 ސެޓުންނެވެ. ރާއްޖޭގެ މުހައްމަދު ޒީސްތު ނަސީމް ކެޓީ ގަދަ 16ގައި އަޚްޔާރު އަތުން 4-2 ސެޓުންނެވެ. ރާއްޖޭގެ މުހައްމަދު ތާބިން ސުޖާއު ގަދަ 32އިން ކެޓީ މަޑަގަސްކަރައިގެ މަހޭފާ ލޫސިއާނޯ އަތުން 4-0 އިންނެވެ.

މިއަހަރުގެ ގޭމްސްގައި ފިރިހެން ޓީމުން ވަނީ ފުރަތަމަ ފަހަރަށް ޓީމް އިވެންޓުގެ ފައިނަލުގައި ކުޅެ ރިހި މެޑަލް ހޯދާފަ އެވެ. އަނެއްކޮޅުން މިކްސް ޑަބަލްސްގައި މުންސިފް ވަނީ އައިޝަތު ރަފާ ނާޒިމްއާއިއެކު ރަން މެޑަލް ހޯދާފަ އެވެ. ޝައްފާން އާއި ފާތިމަތު ދީމާ އަލީގެ ޕެއާ މިކްސް ޑަބަލްސްގެ ބްރޯންޒް މެޑަލްވެސް ހޯދި އެވެ. އަދި ޝައްފާން އާއި މުންސިފްގެ ޕެއާ ވަނީ ފިރިހެން ޑަބަލްސް އިވެންޓުގެ ފައިނަލުގައި ވާދަކޮށް ރިހި މެޑަލްވެސް ހޯދާފަ އެވެ.