30 އޮގަސްޓު 2023 - 14:43 0
އިސްމާއީލް އަޒްމީން
މިއަދުގެ އިވެންޓްގެ ތެރެއިން ހިމްނާ ދުވަނީ: ހިމްނާ ވަނީ ހީޓުގެ އެއް ވަނަ ހޯދާފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
30 އޮގަސްޓު 2023 - 14:43 0
މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އެތުލެޓިކްސްގެ އަންހެނުން 400 މީޓަރު ދުވުމުގެ ފައިނަލުން އައިޝަތު ހިމްނާ ހަސަން، ޒިވާ މޫސާ ޝަފީއު އަދި އާމިނަތު ލަޔާނާ މުހައްމަދު ޖާގަ ހޯދައިފި އެވެ.
އައިއޯއައިޖީގެ 400 މީޓަރު ދުވުމުގެ ފައިނަލުން ހިމްނާ އާއި ޒިވާ ޖާގަ ހޯދީ ދެ އެތުލީޓުން ދުވި ހީޓުގެ ގަދަ ތިން ދުވުންތެރިންގެ ތެރޭގައި ހިމެނިގެންނެވެ. ލަޔާނާއަށް ފައިނަލުން ފުރުސަތު ލިބުނީ ބާކީ ތިބި ބައިވެރިންގެ ޓައިމިންއަށް ބަލާއިރު އެންމެ ރަނގަޅު ނަތީޖާ ހޯދި ދެ އެތުލީޓުންގެ ތެރޭގައި ހިމެނިގެންނެވެ.
މިއަދުގެ އިވެންޓްގެ ތެރެއިން ލަޔާނާ ދުވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ފައިނަލުގައި ވާދަކުރާ ބައިވެރިން ހޮވުމަށް ކުރިއަށްގެންދިޔަ ދެ ހީޓުގެ ތެރެއިން ދެވަނަ ހީޓުގެ އެއްވަނަ ހޯދީ ހިމްނާ އެވެ. ހިމްނާގެ ޓައިމިންއަކީ 56.90 ސިކުންތެވެ. ދެ ހީޓަށް އެއްކޮށް ބަލާއިރު ހިމްނާގެ ޓައިމިން އަކީ ދެވަނަ އެވެ. އެހެންކަމުން މިފަހަރުގެ ގޭމްސްގެ 400 މީޓަރު ދުވުމުން ހިމްނާއަށް މެޑަލް ހޯދުމުގެ ފުރުސަތު ފެންނަނީ ފަހިކޮށެވެ.
ހިމްނާ އާއި އެއް ހީޓެއްގައި ވާދަކޮށް ލަޔާނާ ދިޔައީ ފަސް ވަނަ އަށެވެ. އޭނާގެ ޓައިމިން އަކީ 58.51 ސިކުންތެވެ.
ހީޓު އެކެއްގެ ތިންވަނަ އުއްމީދީ ދުވުންތެރިޔާ ޒިވާ ހޯދީ 60.30 ސިކުންތުން ރޭސް ނިންމައިގެންނެވެ.
400 މީޓަރު ދުވުމުގެ ފައިނަލުގައި ރާއްޖޭގެ ތިން ދުވުންތެރިންގެ އިތުރުން ދެން ވާދަކުރާނީ މަޑަގަސްކަރައިގެ ތިން ދުވުންތެރިންގެ އިތުރުން ރިޔޫނިއަންގެ ދެ ދުވުންތެރިންނެވެ. ފައިނަލް އޮންނާނީ މާދަމާ އެވެ.
އުންމީދީ ދުވުންތެރިޔާ ޒިވާ މިއަދުގެ އިވެންޓްގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އެތުލެޓިކްސްގެ 400 މީޓަރު ދުވުމުގެ ފިރިހެން ބައިގައިވެސް ރާއްޖޭގެ ތިން ދުވުންތެރިން ވާދަކުރި އެވެ. ހީޓު އެކެއްގައި ވާދަކޮށް އަބްދުއްރަޝީދު މާހިރު ދިޔައީ ހަ ވަނަ އަށެވެ. އޭނާ ރޭސް ނިންމީ 50.21 ސިކުންތެވެ.
ހީޓު ދޭއްގައި ވާދަކުރި ހުސައިން ޒީކް ސުއާދު 51.50 ސިކުންތުން ރޭސް ނިންމިއިރު، އާދަމް ރިފްއަތު ރޭސް ނިންމީ 53.44 ސިކުންތުންނެވެ.
އެތުލެޓިކްސް ގައި މިއަދު ރާއްޖޭގެ އެތުލީޓެއް ދެން ވާދަކުރާނީ 1500 މީޓަރު ދުވުމުގަ އެވެ. މިއަދު ހަވީރު މި އިވެންޓުގައި ވާދަކުރާނީ ހުސައިން ފައީޒް ހާރުން އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment