27 އޮގަސްޓު 2023 - 13:29 0
ނަޖާހު މަސްއޫދު
މަނަދޫގައި މަރާލި ނައީމާ އަދި އޭނާ މަރާލުމުގެ ތުހުމަތު އޮތް ތިން މީހުން - ގްރެފިކްސް: ރައްޔާން މުހައްމަދު / އަދަދު
27 އޮގަސްޓު 2023 - 13:29 0
މިދިޔަ އޭޕްރިލް މަހު ނ. މަނަދޫގައި މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ދައުވާ ކުރަން ފުލުހުން, ޕީޖީ އޮފީހާއެކު މަޝްވަރާ ފަށައިފި އެވެ.
އޭޕްރީލް 7، ގެ ރޭގަނޑު އިރާކޮޅު ނައީމާ (62 އ.) މަރާލާފައި އޮއްވާ ފެނުނީ އެއްވެސް ހަބަރެއް ނުވާތާ ދެ ދުވަސް ފަހުން އާއިލާއިން އެކަން ފުލުހުންނަށް އެންގުމުން އެގެއަށް ފުލުހުން ގޮސް ދޮރު ވައްޓާލައިގެން ވަދެ ބެލި އިރު އެވެ. އެ މައްސަލަ ތަހުގީގު ކުރަން ފެށިތާ ދޮޅު މަހެއްހާ ދުވަސް ފަހުން ފުލުހުން ވަނީ މަނަދޫގެ ތިން މީހަކު އެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ.
ޕީޖީ އޮފީހުގެ ތަރުޖަމާނު އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު، "އަދަދު"އަށް ވިދާޅުވީ، ނައީމާ މަރުގެ މައްސަލައިގައި ޑިއުޓީ ޕްރޮސެކިއުޝަން ފަށާފައިވާ ކަމަށެވެ.
ޑިއުޓީ ޕްރޮސެކިއުޝަންއަކީ މައްސަލައެއްގައި ދައުވާ ކުރުމުގެ ކުރިން ތަހުގީގީ އިދާރާތަކުން ހޯދިފައިވާ ހެކިތަކާއި ތަހުގީގުގެ އެހެނިހެން މައުލޫމާތު ބަދަލުކޮށް ޕީޖީ އޮފީހުގެ ގާނޫނީ ލަފާ ހޯދުމެވެ.
ޝަފީއު ވިދާޅުވި ގޮތުގައި އެ މައްސަލައިގައި ބައެއް ފޮރެންސިކް ތަހުލީލުތަކުގެ ނަތީޖާ ލިބިފައި ނުވާތީ އަދި ތަހުގީގު މުޅިން ނުނިމޭ ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާތާ މިހާރު ހަތަރު މަހާއި 20 ދުވަސްވެފައިވާއިރު، ޕީޖީ އޮފީހުން ގެންދަނީ ތަހުގީގުގެ މުއްދަތު ފުލުހުންނަށް ކޮންމެ 15 ދުވަހަކުން އިތުރުކުރަމުންނެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ނައީމާ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރަކާއި ނައީމާއަށް ހަަމަލާ ދިން ވަގުތު ގާތިލުން ލައިގެން ތިބި އަންނައުނު ވަނީ ހޯދިފަ އެވެ. އެ ތަކެތި ހޯދީ އަންދާލުމަށް މަސައްކަތްކޮށް، ވަޅުލާފައި ހުއްޓާ ކަމަށް ވެސް ބުންޏެވެ.
މި މައްސަލައިގައި މީހަކު ހައްޔަރުނުކުރެވި، ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް، މަސްތުވާތަކެތީގެ މައްސަލައެއްގައި އަހުޒަމް އަބްދުލްޝަކޫރު ހައްޔަރުކޮށްފައި ހުއްޓައި އޭނާ މަސްތުވާތަކެއްޗަށް ބޭނުންވެގެން އެ ރުޅީގައި ނައީމާގެ މަރަށް އެއްބަސްވިކަން އެނގިފައިވެ އެވެ. ފަވާޒު އާއި ރިފާސް ހައްޔަރުކުރީ އޭނާގެ ފަރާތުން ލިބުނު މައުލޫމާތުގެ މައްޗަށެވެ.
އެހެންނަމަވެސް, ނަައީމާ މަރާލި ސީދާ ސަބަބެއް އަދި އެނގިފައި ނުވެ އެވެ. އެއްވެސް އިދާރާއަކުން ރަސްމީކޮށް އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ.
Comment