26 އޮގަސްޓު 2023 - 20:10 1
ސާއިފް ޝިޔާދު
ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން. ރައީސް ނަޝީދަށް އޭނާ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
26 އޮގަސްޓު 2023 - 20:10 1
ދަ ޑިމޮކްރެޓްސްގައި ހުންނެވުމަށް ފަހު އެނބުރި ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާ، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ގުޅިވަޑައިގަތީ ފައިސާއަށް ކަމަށް ބުނެ ކުރަމުންދާ ތުހުމަތުތަކަށް އޭނާ ރައްދު ދެއްވައިފި އެވެ.
ޝިޔާން އަކީ ދަ ޑިމޮކްރެޓްސް އުފެއްދުމަށްޓަކައި، އެމްޑީޕީން ފުރަތަމަ ވަކިވެވަޑައިގެންނެވި 13 މެމްބަރުންގެ ތެރެއިން މެމްބަރެކެވެ. ޑިމޮކްރެޓުންގެ ކެންޑިޑޭޓަކު ރިޔާސީ ރޭހަށް ނުކުމެ ހުންނެވިއިރު ޝިޔާންގެ އިތުރުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ވަނީ އަލުން އެނބުރި އެމްޑީޕީއަށް ސޮއިކޮށްފަ އެވެ.
ނަޝީދު ވަނީ ޔާސިރު އާއި ޝިޔާން އަލުން އަނބުރާ އެމްޑީޕީއަށް ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައުލަތުގެ ފައިސާ ބޭނުންކުރައްވައިގެން ރިޝްވަތު ދީފައިވާ ކަމަށް ވަރަށް ފާޅުގައި މިއަދު ވިދާޅުވެފަ އެވެ. ނަޝީދު ތުހުމަތު ކުރެއްވީ ހަމައެކަނި ރައީސް ސޯލިހަށެވެ.
އެކަމާ ގުޅިގެން "އަދަދު" ނޫހުން ސުވާލު ކުރުމުން ޝިޔާން ވަނީ އެ ތުހުމަތު ދޮގު ކުރައްވައިފަ އެވެ.
"ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު އެފަދަ ކަމެއް ނުކުރާނެކަން. އެހެން ނަމަވެސް ދާއިރާގައި ނުފެށި ހުރި ބޮޑެތި މަޝްރޫއުތައް މިވަގުތު ވެސް ފެށުމަށް ކުރަން ޖެހޭ ކަމެއް ކުރުން އެއީ އަޅުގަނޑު ކުރަން ޖެހޭނެ ކަމެއް ކަން," އެ ތުހުމަތުތަކާ ގުޅޭގޮތުން "އަދަދު" އިން ސުވާލުކުރުމުން ޝިޔާން ވިދާޅުވި އެވެ.
"މިއީ ރައީސް ނަޝީދުގެ ދަރިވަރެއް, އެމަނިކުފާނު އުފެއްދި ސިޔާސީ މީހެއް."
ޝިޔާން މިހެން ވިދާޅުވެފައިވާއިރު ނަޝީދުގެ ނުރަސްމީ ޓްވިޓާ އެކައުންޓުން ވެސް ވަނީ ޝިޔާން އެމްޑީޕީއަށް އަލުން ބަދަލުވުމާ އެކު އޭނާ އެކަން ކުރީ ފައިސާއަށް ކަމަށް ދޭހަވާ މޭރުމަކުން ޓްވީޓު ކޮށްފަ އެވެ.
އެފަދަ ތުހުމަތެއް އެމަނިކުފާނު ކުރައްވާފައި ވާއިރު ރިޝްވަތުގެ އަމަލު އެ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމަށް ބުނެ އެކަން ބަލައިދިނުމަށް އެދި ނަޝީދު ހުށަހެޅުއްވި ކަމަށް ރައްޔިތުންގެ މަޖިލީހުން "އަދަދު" އަށް ވަނީ ޔަގީންކޮށްދީފަ އެވެ.
"ރިޔާސީ އިންތިހާބާ ދިމާކޮށް މަޖިލީސް މެންބަރުން ސިޔާސީ ޕާޓީ ބަދަލުކުރުމުގައި ރިޝްވަތުގެ އަމަލު ހިމެނޭ ކަމަށް ތުހުމަތު ކުރެވޭތީ މަޖިލީހުގެ ރައީސް ވަނީ އެކަން ބައްލަވާ ދެއްވުން އެދިވަޑައިގެން ފުލުހަށް ހުށަހަޅުއްވާފަ،" މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ފޮނުއްވި މެސެޖެއްގައި ވެ އެވެ.
ޝިޔާންއަކީ ނަޝީދުއާ ވަރަށް އަރިސްކޮށް މަސައްކަތް ކުރައްވަމުން އައި މެމްބަރެކެވެ. އެމްޑީޕީގެ ތެރޭގައި އުފެދުނު ރިޔާސީ ޓިކެޓުގެ ވާދަވެރިކަމުގައި ޝިޔާން ކެމްޕޭން ކޮށް މަސައްކަތްކުރީ ނަޝީދަށް ރިޔާސީ ޓިކެޓު ހޯދައިދިނުމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment