Advertisement

ސިޔާސީ ކަންކަމުގައި ބައިވެރި ނުވެ އަސްކަރީ އުސޫލުތައް ދަމަހައްޓަން މާރިޔާ އެދިވަޑައިގެންފި

26 އޮގަސްޓު 2023 - 19:31 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ނޮދަން އޭރިއާ ކޮމާންޑު ރަސްމީކޮށް ހަނިމާދޫއަށް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. މާރިޔާ ވަނީ ސިފައިންގެ ގާބިލުކަން އިތުރުކުރަން މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ވިދާޅުވެފައި ---- ފޮޓޯ: އެމްއެންޑީއެފް


ސިޔާސީ ކަންކަމުގައި ބައިވެރި ނުވެ އަސްކަރީ އުސޫލުތައް ދަމަހައްޓަން މާރިޔާ އެދިވަޑައިގެންފި

26 އޮގަސްޓު 2023 - 19:31 0

ރިޔާސީ އިންތިހާބާ ދިމާކޮށް ސިފައިންވެސް ސިޔާސީ ކަންކަމުގައި ޝާމިލުކުރުވަން ބައެއް ފަރާތްތަކުން މަސައްކަތް ކުރާނެ ކަމަށާއި އެހެން ނަމަވެސް އެފަދަ އެއްވެސް ކަމެއްގައި ބައިވެރި ނުވުމަށާއި އަސްކަރީ އުސޫލުތަކުގެ މަތީގައި ދެމި ތިބުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ގޮވާލައްވައިފި އެވެ.

ހދ. ހަނިމާދޫގައި ގާއިމުކުރާ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އައު ހެޑްކުއާޓަރުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަކީ ތާރީހުގައި ވެސް ހިނގާ އެންމެ ވާދަވެރި ސިޔާސީ ހަރަކާތް ކަމަށާއި އެކި މަގުސަދުތަކުގައި ސިފައިން ވެސް ސިޔާސީ ކުރުވަން މަސައްކަތްކުރާނެ ކަމަށެވެ.

"ސިފައިންގެ އެއްވެސް މީހަކު އެފަދަ އެއްވެސް ވާހަކައެއްގައި ނުވަތަ އަމަލެއްގައި ޝާމިލު ނުވެ، ތިޔަ ބޭފުޅުންނާއި ހަވާލުވެފައިވާ ގައުމުގެ ދިފާއީ ގައުމުގެ ސަލާމަތީ މަސްއޫލިއްޔަތު އަދާކުރުމުގައި ސާބިތުވެ ތިބުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. ސިފައިން އަބަދުވެސް ދެމިތިބެންޖެހޭނީ، އަސްކަރީ އަހްލާގާއި އަސްކަރީ އުސޫލުތަކުގެ މަތީގައި," މާރިޔާ ވިދާޅުވި އެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ހަނިމާދޫއަށް ބަދަލުކުރުމަކީ އެ ސަރަހައްދުގެ ރައްޔިތުންނާއި ވީހާވެސް ގާތުން ސިފައިންގެ ހިދުމަތް ދިނުމަށް އެޅިގެންދިޔަ މުހިންމު ބިންގަލެއްގެ ގޮތުގައި މާރިޔާ ސިފަކުރެއްވި އެވެ.

"ދިވެހިރާއްޖޭގެ ޖޯގްރަފީއަށް ބެލިއަސް، އަދި ސަރަހައްދުގެ ޖޯގްރަފީ އާއި، އިންޑިއާ ކަނޑުގެ މެރިޓައިމް ޓްރޭޑް ރޫޓްތަކަށް ބެލިޔަސް، ރާއްޖޭގެ އުތުރުގައި އަސްކަރިއްޔާގެ ފުރިހަމަ ޕްރެޒެންސެއް ގާއިމުކުރެވި، ރާއްޖޭގެ ސަރަހާއްދާއި، އެ ސަރަހައްދުން ހުރަސްކުރާ މެރިޓައިމް ޓްރެފިކްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ރާއްޖެއިން ކުރަންޖެހޭ މަސައްކަތް ވަރަށް ސާފުކޮށް ހާމަވޭ," އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވި އެވެ.

ސިފައިންގެ އޭރިއާ ކޮމާންޑުގެ އިންތައް މީގެ 15 އަހަރު ކުރިން ކަނޑައެޅީއްސުރެ, ނޮދަން ކޮމާންޑުގެ މައި މަރުކަޒު ގާއިމުކުރަން ޖެހެނީ ހަނިމާދުގައިކަން އެމްއެންޑީއެފުން ފާހަގަކުރާ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ހއ. ގެ މަތިން އޮތް 8 ޑިގްރީ ޗެނަލްއަކީ މި ސަރަޙައްދުގެ އެންމެ ކާރުބާރު ބޮޑު ޝިޕިންގ ރޫޓް. ހަމަ އެހެންމެ، ނޮދަން އޭރިއާގެ އުތުރުންނާއި، އިރުމައްޗާއި، ހުޅަނގުގައި ގަވާއިދާއި ހިލާފަށް މަސްވެރިކަން ކުރުމާއި، ޑްރަގް ޓްރެފިކިން ގެ އަމަލުތައް ވެސް ހިންގާ. އެހެންވީމާ، އެމްއެންޑީއެފް ގެ ނޮދަން އޭރިއާ ކޮމާންޑުގެ ސަރަހައްދަކީ ކިހާ މުހިންމު ތަނެއްކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭ," އެ ސަރަހައްދުގައި ސިފައިންގެ ކޮމާންޑެއް ހުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މާރިޔާ ވިދާޅުވި އެވެ.

ހަނިމާދޫގައި ނޮދަން އޭރިއާ ކޮމާންޑުގެ އާ ހެޑްކުއާޓަރު ގާއިމުކުރެވުމުން މާފިލާފުށީގެ ކޮމްޕޮޒިޓް ޓްރޭނިން ސެންޓަރުގައި މިހާރަށްވުރެ ފުޅާކޮށް މާގިނަ ބާވަތްތަކުގެ ތަމްރީންތައް ހިންގުމަށް މަގުފަހިވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިފައިންގެ ތަމްރީނު މަރުކަޒުތަކުގައި އެކި ދާއިރާތަކުން 113 ކެރިއާ ޓްރެއިންން ކޯސް ހިންގައި 2,640 އަށްވުރެ ގިނަ ސިފައިންނަށް ތަމްރީނު ދީފައިވާ ކަމަށް މާރިޔާ ފާހަގަކުރެއްވި އެވެ. އަދި, 58 ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގައި 1243 އަށްވުރެ ގިނަ ސިފައިން ބައިވެރިކޮށް ބޭރު ގައުމުތަކުން 1,000 އަށްވުރެ ގިނަ ސިފައިންނަށް ތަމްރީނު ފޯރުކޮށްދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ސިފައިންގެ ގަވާއިދުގައި ވާ ގޮތުގެ މަތީން ޝަރުތު ހަމަވާ ހުރިހާ ސިފައިންނަށް މިދިޔަ ފަސް އަހަރުގެ ތެރޭގައި ޕްރޮމޯޝަން ދީފައިވާނެ ކަމަށާއި އެއީ އޭގެ ކުރީ ފަސް އަހަރާ އަޅާބަލާއިރު 24 ޕަސެންޓު އިތުރު އަދަދެއް ކަމަށް މާރިޔާ ވިދާޅުވި އެވެ.

ސިފައިން އެމީހުންގެ ކެރިއަރގައި ހޯދާ ކާމިޔާބީ އާއި ޙާޞިލުކުރާ ލަނޑުދަނޑިތައް ފާހަގަކޮށް، ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން މިހާތަނަށް 10،200 އަށްވުރެ ގިނަ ޝަރަފުގެ ނިޝާން ދީފައިވާނެ ކަމަށާއި އެއީ ކުރިޔާ އަޅާބަލާއިރު 115 ޕަސެންޓު އިތުރު އަދަދެއް ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

މި ނިމިގެންދާ ފަސް އަހަރުގެ ތެރޭގައި އެމްއެންޑީއެފް ނޮދަން އޭރިއާގެ ކޯސްޓްގާޑުން ވަނީ އެ ސަރަހައްދުގައި ހިނގި ކަނޑުމަތީގެ 232 ހާދިސާއެއްގައި ހަރަކާތްތެރިވެ 526 މީހުން ސަލާމަތްކޮށްފަ އެވެ. އަދި, ސީ އެމްބިއުލާންސްގައި 4,000 އަށްވުރެ ގިނަ މެޑިކަލް އިވެކުއޭޝަން ހިންގާފައިވެ އެވެ.