Advertisement

އޭއައި އިން ތައްޔާރުކުރާ އާޓް ކޮޕީރައިޓް ނުކުރެވޭނެ ކަމަށް އެމެރިކާގެ ކޯޓުން ނިންމައިފި

20 އޮގަސްޓު 2023 - 13:19 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު


އޭއައި އިން ތައްޔާރުކުރާ އާޓް ކޮޕީރައިޓް ނުކުރެވޭނެ ކަމަށް އެމެރިކާގެ ކޯޓުން ނިންމައިފި

20 އޮގަސްޓު 2023 - 13:19 0

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިން ތައްޔާރުކުރާ ފޮޓޯ ނުވަތަ އާޓްވޯކްތައް ކޮޕީރައިޓް ނުކުރެވޭނެ ކަމަށް އެމެރިކާގެ ޑިސްޓްރިކްޓް ކޯޓުން ނިންމައިފި އެވެ.

މިދިޔަ ހުކުރު ދުވަހު ކުރި ހުކުމެއްގައި ޑިސްޓްރިކްޓް ކޯޓުގެ ފަނޑިޔާރު ބެރީލް އޭ ހަވަލް ވިދާޅުވެފައިވަނީ، އޭއައިގެ މަސައްކަތްތައް ކޮޕީރައިޓް ގާނޫނުގެ ދަށުން ރައްކާތެރި ނުކުރެވޭނެ ކަމަށެވެ.

މި ހުކުމަކީ އިމޭޖިނޭޝަން އިންޖީންސް ނަމަކަށް ކިޔާ ކުންފުންޏެއްގެ ޗީފް އެގްޒެކެޓިވް ސްޓެފަން ތޭލާ ހުށަހަޅާފައިވާ މައްސަލައަކަށް ކޮށްފައިވާ ހުކުމެކެވެ. ތޭލާ ވަނީ އޭއައި ބޭނުންކޮށްގެން އޭނާ ތައްޔާރުކޮށްފައިވާ އާޓްވޯކެއް ކޮޕީރައިޓް ކޮށްދިނުމަށް އެދި އެމެރިކާގެ ކޮޕީރައިޓް އޮފީހަށް މިދިޔަ އަހަރު އެތައް ފަހަރަކު ހުށަހަޅާފަ އެވެ.

ނަމަވެސް ކޮންމެ ފަހަރަކުވެސް އެ އިދާރާއިން ވަނީ އޭނާގެ ހުށަހެޅުމަށް އިންކާރު ކޮށްފަ އެވެ. އެންމެ ފަހުން ތޭލާ ވަނީ އެ އިދާރާއާ ދެކޮޅަށް ދައުވާކޮށްފަ އެވެ.

ތޭލާ ބުނެފައިވަނީ ކޮޕީރައިޓް އޮފީހުން އޭނާގެ އެދުމަށް އިންކާރުކޮށްފައިވާ ގާނޫނާ ހިލާފަށް ކަމަށެވެ. ނަމަވެސް މައްސަލައިގެ ހުކުމް އިއްވަމުން ފަނޑިޔާރު ހަވަލް ބުނެފައިވަނީ، ކޮޕީރައިޓުގެ ގާނޫނުގެ ދަށުން ރައްކާތެރިކޮށްދެނީ އިންސާނުންކޮށްފައިވާ މަސައްކަތްތައް ކަމަށެވެ. އަދި ފަހުން އަންނަ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން ތައްޔާރުކުރާ އެއްވެސް ބާވަތެއްގެ މަސައްކަތެއް ރައްކާކޮށްދިނުމަށް ގާނޫނުގައި ނުވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އިންސާނުންގެ މަސައްކަތްތަކުގައި އޭއައިގެ ބައިވެރިވުން އިތުރުކުރަމުންދާ ކަން ފާހަގަކުރައްވާ ފަނޑިޔާރު ވިދާޅުވެފައިވަނީ، މި ސަބަބާއި ހުރެ ކުރިއަށް އޮތްތަނުގައި ކޮޕީރައިޓް ގެ ގާނޫނަށް ބަދަލު ގެނެވިދާނެ ކަމަށެވެ. ނަމަވެސް, އޭގެ ކުރިން އެ މިންގަނޑަށް ފެތެނީ އިންސާނުން އަމިއްލަ މަސައްކަތުގެ ކިހާ މިންވަރެއް ހިމެނުމުންތޯ އެއީ ޖަވާބު ހޯދަން ޖެހޭ ސުވާލެއް ކަމަށެވެ.

އަދި އޭއައި އަކީ އެތައް ބައެއްގެ މަސައްކަތްތައް ބޭނުންކުރާ އެއްޗެއް ކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ހުކުމަށް ފަހު މައްސަލަ ހުށަހެޅި ތޭލާ ވަނީ މި ނިންމުމަކީ އެންމެ ރަނގަޅު ނިންމުން ނޫން ކަމަށް ބުނެފަ އެވެ. އަދި މައްސަލަ އިސްތިއުނާފަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެކި ދާއިރާތަކުގެ މީހުން އޭއައި ބޭނުންކުރަމުންދާ މިންވަރު އިތުރުވަމުން ދާއިރު، އެކަން ފާހަގަކޮށް ކޮޕީރައިޓް އޮފީހުން ވެސް ވަނީ އިއުލާނެއް ނެރެފަ އެވެ. އެ އިއުލާނުގައި ބުނެފައިވަނީ އޭއައިގެ އެހީގައި ތައްޔާރު ކުރާ ބައެއް ފޮޓޯ ނުވަތަ އާޓްވޯކްތަކަށް ކޮޕީރައިޓް ދިނުމަށް ވިސްނުން އެބަހުރި ކަމަށެވެ.

އަދި މިކަން ކުރާނީ "ކޭސް-ބައި-ކޭސް" ބޭސިސް އަކުން ކަމަށާއި އިންސާނުގެ އެއްވެސް މަސައްކަތެއް ނެތި ހަމައެކަނި އޭއައި އިން ތައްޔާރުކޮށްފައިވާ އެއްވެސް އެއްޗަކަށް ކޮޕީރައިޓް ނުލިބޭނެ ކަމަށެވެ. ނަމަވެސް އިންސާނަކު އޭއައިގެ އެހީގައި ވަކި ކަންކަމެއް ކޮށްގެން އަމިއްލަ މަސައްކަތުން ތައްޔާރުކުރާ އެއްޗަކަށް ކޮޕީރައިޓް ލިބުމުގެ ފުރުސަތު އެބަ އޮތް ކަމަށްވެ އެވެ.