Advertisement

އާންމު މެންބަރުން ދެމިއެބަތިބި، އެތެރޭގެ މައްސަލައެއް ނެތް: ޑިމޮކްރެޓްސް

16 އޮގަސްޓު 2023 - 11:12 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޑިމޮކްރެޓްސްގެ ކެމްޕެއިން ސްޕޯކްޕާސަން އިމްތިޔާޒް ފަހްމީ؛ ބައެއް ކައުންސިލަރުންނާއި މަޖިލިސް މެންބަރަކު ޕާޓީ ދޫކޮށް ދިޔަ ނަމަވެސް އާންމު މެންބަރުން ދެމިއެބަތިބި ކަމަށް ވިދާޅުވި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އާންމު މެންބަރުން ދެމިއެބަތިބި، އެތެރޭގެ މައްސަލައެއް ނެތް: ޑިމޮކްރެޓްސް

16 އޮގަސްޓު 2023 - 11:12 0

މިދިޔަ ޖުލައި 5، ގައި ރަޖިސްޓްރީކުރި ޑިމޮކްރެޓްސް ދޫކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއި ބައެއް ރަށްރަށުގެ ކައުންސިލަރުުން ދޫކޮށް ދިޔަ ނަމަވެސް، ޕާޓީގެ އަސާސްތައް ގަބޫލުކޮށް ގުޅުނު އާންމު މެންބަރުން އަދިވެސް އެ ގޮތުގައި ދެމިއެބަ ތިބި ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލްލަތީފާއި ކުޅުދުއްފުށި މޭޔަރު މުހައްމަދު އާތިފާއި އެ ސިޓީގެ އިތުރު ހަތަރު ކައުންސިލަރަކު އިއްޔެ ވަނީ ޑިމޮކްރެޓްސް އިން ވަކިވެ އަނބުރާ ވެރިކަންކުރާ އެމްޑީޕީއަށް ސޮއިކުރައްވައިފަ އެވެ.

އޭގެ ދުވަސްކޮޅެއް ކުރިން އއ. ރަސްދޫ ކައުންސިލްގެ ރައީސް މުހައްމަދު ނާހިދާއި، އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ އަނިލް ވެސް ވަނީ ޑިމޮކްރެޓްސްއިން ވަކިވެ އަނބުރާ އެމްޑީޕީއަށް ގުޅިފަ އެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެމްޕެއިންގެ ސްޕޯކްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) މިއަދު ބޭއްވެވި ޕްރެސް ކޮންފެރެންސްގައި "އަދަދު" ނޫހުން ކުރި ސުވާލުގެ ޖަވާބުގައި އޭނާ ވިދާޅުވީ އެ ޕާޓީގެ އެތެރޭގައި އެއްވެސް މައްސަލައެއް އުޅޭ ކަން ފާހަގަނުވާ ކަމަށެވެ.

"މި ޕާޓީއާ ގުޅިވަޑައިގަންނަވާ އާންމު މެންބަރުންނެއް މި ޕާޓީ ދޫކުރައްވާފައި ވަޑައެއް ނުގަންނަވާ، މި ޕާޓީގެ އުސޫލުތަކާއި ފަލްސަފާ ގަބޫލުކުރެވިގެން މި ޕާޓީއަށް ގުޅިވަޑައިގެންނެވި މެންބަރުން، އެއީ އެއްވެސް ވަރަކަށް މަގާމަކާއި ކުރިއެރުމަކާ ވިސްނާފައި ވަންނަ މެންބަރުންނެއް ނޫން،" އިންތި ވިދާޅުވި އެވެ.

ކުޅުދުއްފުށިން ވެސް ޑިމޮކްރެޓްސްއާ ގުޅުނު އާންމު މެންބަރުން އެ ގޮތުގައި އެބަ ތިބި ކަމަށާއި، އެ ސިޓީން ވެސް ޕާޓީއަށް ރަނގަޅު ތާއީދެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާޓީއަށް މެންބަރުން އިތުރުވަމުން އަންނަ ކަމަށެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ޕާޓީ ވަރަށް ކާމިޔާބު ޕާޓީއަކަށް ވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް ޕާޓީއަށް ފަހުން ގުޅުނު މެންބަރުންގެ އަދަދު ސާފުކުރަން ސުވާލުކުރުމުން ވިދާޅުވީ އެ އަދަދު ސާފުކޮށް ހިއްސާކުރާނެ ކަމަށެވެ.

ޑިމޮކްރެޓްސްއަކީ، ޖެނުއަރީ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބުނު ނާކާމިޔާބީއަށް ފަހު އެ ޕާޓީގައި ތިބެގެން ސަރުކާރާ ދެކޮޅަށް އެމަނިކުފާނާއި އެމަނިކުފާނުގެ ވަފާތެރިން މަސައްކަތްކުރަމުން ދިޔުމުން އެމްޑީޕީން ވަކިކުރަން އުޅުމުން، އަމިއްލައަށް ވަކިވެ އުފެއްދި ޕާޓީއެކެވެ. އޭރު ވެސް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކޮށްފައިވެ އެވެ.

ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އޭނާގެ ރަނިން މޭޓަކީ، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ.